ads
ފޮޓޯ: ޕޮލިސް
ރޯޑް ސޭފްޓީ ދުވުމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް އަދި އެލައިޑް އިންޝުއަރެންސް ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯގައި ހިމެނޭ ފުރަތަމަ ހަރަކާތް، ރައްކާ ރޯޑް ސޭފްޓީ ރަން، ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރައްކާ ރޯޑް ސޭފްޓީ ރަންގައި ބައިވެރިވުމަށް އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު 28 އިން 31 އަށެވެ. އަދި މުއްދަތު ހަމަވިއިރު ވެސް ގިނަ ބަޔަކު މި ރަންގައި ބައިވެރިވުމަށް އެދެމުން އަންނާތީ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މާދަމާގެ ނިޔަލަށް މުއްދަތު އިތުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ރައްކާ ރޯޑް ސޭފްޓީ ރަން ކުރިއަށް ގެންދަނީ ރަން ފޯ މޯލްޑިވްސްއާ ގުޅިގެން ކަމަށެވެ. އެގޮތުން މި ދުވުމުގައި ރަޖިސްޓްރީވުން ކުރިއަށްދަނީ ރަން ފޯ މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށް ކަމަށާއި، ހިލޭ ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ހޭލުންތެރި ކުރުމަށް ތަފާތު މެސެޖުތައް ހިމެނޭ ޓީޝާޓަކާއި މެޑަލެއް ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ ރައްކާ ރޯޑް ސޭފްޓީ ރަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ 16:00 ގައި ހުޅުމާލޭގައެވެ. 

މި ދުވުން އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެ 18:00 އާ ހަމައަށް ކުރިއަށް ދާއިރު، މި ދުވުން ކުރިއަށް ދާނީ 2018 ން 2020 އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދު ކަމަށްވާ 5665 ހިމެނޭ ގޮތަށް ދުވުމުގައި ބައިވެރިވާ ދުވުންތެރިން ދުވާ ކިލޯ މީޓަރުން އެ އަދަދު އުނިކުރެވޭ ގޮތަށް ކަމަށް ފުލުހުން ބުނެ އެވެ.

ރައްކާ ރޯޑް ސޭފްޓީ ރަންގެ އިތުރުން މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ވީޑިއޯ ކުލިޕްތަކާއި އެކްސިޑެންޓް ރޯލް ޕްލޭ އާއި ޓީވީ ޕްރޮގްރާމާއި އާންމު ހިދުމަތްދޭ ތަންތަނުގައި ވީޑިއޯ ޑިސްޕްލޭ ކުރުމަށް ރައްކާ ރޯޑް ޝޯގެ ތެރެއިިން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް