ads
މާލޭގައި ހަދާފައިވާ ޕާކިން ޒޯނެއް-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
އުޅަނދުތަކަށް ވާ ވަރަށް ޕާކިން ޒޯން ހަދައިފިން: ޒަމީރު
މިހާރު ދުއްވާ އުޅަނދުތަކަށް ވާ ވަރަށް ޕާކު ކުރާނެ ޖާގަ ހަދާފައިވާ ކަމަށް މާލޭ ސިޓީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޒަމީރް ވިދާޅުވީ މާލޭގައި ދުއްވާ އުޅަނދުތަކަށް ވާ ވަރަށް ސިޓީ ކައުންސިލުން ޕާކިން ޒޯން ހަދާފައިވާ ކަމަށެވެ.

އެގޮތުން ދުއްވާފައި އޮފީސް ނުވަތަ ގޭގެ ކުރިމަތީގައި ޕާކުކުރުމުގެ ބަދަލުގައި ކުޑަ ތަންކޮޅަކަށް ދުއްވާލުމުން ސައިކަލު ޕާކު ކުރާނެ ޖާގަ މިހާރު ކޮންމެ މީހަކަށް ވެސް ލިބޭނެ ކަމަށެވެ.

ޒަމީރު އިތުރަށް ވިދާޅުވީ މަގުމަތީގައި ގަވާއިދުތަކާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅައިގެން ވެސް ގަވާއިދާ ހިލާފުވާ މައްސަލައަށް ހައްލެއް ލިބެމުން ނުދާ ކަމަށެވެ. 

އެގޮތުން ދާދި ފަހުން ހުޅުވި ކަނބާއައިސަ ރަނި މަގުގެ ނޯޕާކިން ޒޯނުގައި ވެސް ބައެއް ފަރާތްތަކުން އުޅަނދު ޕާކުކޮށްފައި ހުންނަކަން އޭނާ ފާހަގަކުރެއްވި އެވެ. 

މިދިޔަ މަހު ފުލުހުން ވެސް ބުނެފައި ވަނީ ވެހިކަލް ޕާކްކުރާނެ ޖާގަ އެބަ އޮތް ކަމަށާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށެވެ. 

ފުލުހުންގެ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓާ ތަލްހަތު އަހުމަދު ވިދާޅުވީ މި އަހަރުގެ މިހާތަނަށް މާލޭގައި އެކަނިވެސް ގާތްގަނޑަކަށް 22 ޕާކިން ޒޯން ހަދާފައިވާ ކަމަށެވެ. 

ގަވާއިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތައް ޓޯކުރުމާއި އިތުރު ފިޔަވަޅުތައް ވެސް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ގޯޅިތަކުގެ ކަންމަތީގައި ޕާކުކުރުމާއި ސްކޫލާއި މިސްކިތްތަކުގެ އިތުރުން އާންމުން ހިދުމަތް ހޯދަމުންދާ ތަންތަނުގެ ގޭޓް ކުރިމައްޗާއި ކަފިހި ހުރަސް މަތީގައި ޕާކްކުރާ ނަމަ ފިޔަަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.

މާލެއަށް ނުކަތާ ވަރަށް އުޅަނދު ފަހަރު ހުރުމުގެ ސަބަބުން ޕާކިން މައްސަލައަކީ މިތަނަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މި ސަރުކާރުން ވަނީ ޕާކް ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ވެސް ވައުދުވެފަ އެވެ. 

އެގޮތުން އެ ވައުދާ އެއްގޮތަށް ސްޓިކާ ޖެހުން ހުއްޓާލި ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ އަނެއްކާ ވެސް ވަނީ ސްޓިކާ ޖަހަން ފަށާފަ އެވެ. މިހެންވެ، ބައެއް މީހުން ވަނީ ޕާކު ކުރާނެ ޖާގަ ނުފެންނަ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔާފަ އެވެ. 

އޭގެ އިތުރުން ވެހިކަލް އިތުރުވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން ދައުލަތުގެ އާމްދަނީ އިތުރުކުރެވޭ ގޮތަށް، މާލޭ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރުން އިތުރު ފީއެއް ނެގުމަށް މި އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓްގައި ހިމަނާފައި ވެއެވެ.

އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އާ ކަންތައްތަކުގެ ތެރޭގައި ވަނީ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ކޮންޖެޝަން ޗާޖެއް އަދި ޕާކިން ފީއެއް ނެގުމަށް ހިމަނާފަ އެވެ. އެގޮތުން އެ ފީތަކުގެ ގޮތުގައި 36.6 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކޮށްފައިވެ އެވެ. 

މީގެ އިތުރުން ޕާކިން ފީއެއް ނަގަން ހިމަނާފައި ވާއިރު، ޕާކިންއަށް ހާއްސަ އިމާރާތެއް އެޅުން ވެސް ބަޖެޓުގައި ހިމަނާފައި ވެއެވެ. 

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ބޭނުންކުރާ ވެހިކަލްގެ 68 އިންސައްތަ ވެހިކަލް ބޭނުންކުރަނީ މާލޭގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް