ads
ފަތުރުވެރިން---
ޑިސެމްބަރު މަހު އައި ފަތުރުވެރިން 170 އިންސައްތަ އިތުރު
ފާއިތުވެދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 170 އިންސައްތަ އިތުރުވެއްޖެ އެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އައީ މަހުން މަހަށް އިތުރުވަމުންނެވެ. އެގޮތުން ކޮންމެ މަހަކުވެސް އޭގެ ކުރީ މަހުގައި އައި ފަތުރުވެރިންގެ އަދަދުގެ ދެގުނަ ފަތުރުވެރިން ރާއްޖެއަށް އާދެ އެވެ.

އިމިގްރޭޝަންގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު 35،759 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިރު، ޑިސެމްބަރު މަހު 96،411 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއީ ނޮވެމްބަރު މަހާއި އަޅާ ބަލާއިރު، 60،652 ފަތުރުވެރިން އިތުރު އަދަދެކެވެ. އެއާއެކު ޑިސެމްބަރު މަހު ރާއްޖެ އައި ފަތުރުވެރިން 170 އިންސައްތަ އިތުރުވެފައިވެ އެވެ.

މަހުން މަހަށް އަންނަ ފަތުރުވެރިންގެ އަދަދުގެ އިތުރުން ދުވާލަކު އެވަރެޖްކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެފައިވެ އެވެ. ނޮވެމްބަރު މަހު 1،192 ފަތުރުވެރިން އެވަރެޖް ގޮތެއްގައި އައިސްފައިވާ އިރު، ޑިސެމްބަރު މަހު އެ އަދަދު އުޅެނީ 3،110 ގައެވެ. އެއީ 161 އިންސައްތަ އިތުރު އަދަދެކެވެ.

ބޯޑަރު ހުޅުވާލިފަހުން އެއް ދުވަހަކު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގަ އެވެ. އެދުވަހު 6،037 ފަތުރުވެރިން އައިސްފައިވެ އެވެ.

ކޮވިޑް-19 އަށް ފަހު ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ އިރު، އެ މުއްދަތުގައި 170،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް ދޮޅު މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް