ads
ވޭމަންޑޫގެ ނަރުދަމާ ނިޒާމުގެ ނުނިމި ހުރި މަސައްކަތްތައް ފެށުމުގެ ރަސްމިއްޔާތު--- ފޮޓޯ: އެމްޑަބްލިއުއެސްސީ
ވޭމަންޑޫގެ ނަރުދަމާގެ ނުނިމި ހުރި މަސައްކަތްތައް ފަށައިފި
ތ. ވޭމަންޑޫގެ ނަރުދަމާ ނިޒާމުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފި އެވެ.

މިއަދު ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތްތައް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. ހަސަން ޝާހުގެ އިތުރުން އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ނަރުދަމާގެ މައި ނެޓްވޯކުގެ ނުނިމިވާ 319 މީޓަރުގެ ނެޓްވޯކު ގާއިމް ކުރުމާއި، 98 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ޕަންޕް ސްޓޭޝަންގެ އިލެކްޓްރޯމެކޭނިކަލް މަސައްކަތާއި، އެއް ސީ އައުޓްފޯލް ގާއިމް ކުރުމާއި ވޭލް ޗެމްބަރު ބެހެއްޓުމުގެ މަސައްކަތާއި، އެސްޓީޕީ ބިލްޑިންގެ ނުނިމި ހުރި މަސައްކަތާއި، އެސްޓީޕީގެ ސިވިލް އަދި އިލެކްޓްރޯމެކޭނިކަލް މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.

އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށާއި، އެ މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފަ އެވެ.

ވޭމަންޑޫގެ ނަރުދަމާ ނިޒާމުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު 26 ގައި ހަތަރު މަސްދުވަހުގެ ނިޔަލަށެވެ.

އެ މަޝްރޫއުގެ މަސައްކަތްތައް ނިމުމުން ވޭމަންޑޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް