ads
ފަތުރުވެރިންތަކެއް ރާއްޖެއަށް އައުން-- ފޮޓޯ: އަވަސް
ކޮވިޑް-19: ރިސޯޓަކާއި ސަފާރީއަކުން ގިނަ ކޭސްތަކެއް
ކޮވިޑް-19 އަށް ރިސޯޓެއްގެ އިތުރުން ސަފާރީއަކުން ވެސް ގިނަ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ( އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ބިޔާދޫ އައިލެންޑް ރިސޯޓުން ކޭސްތަކެއް ފެނިފައިވާތީ އެ ކްލަސްޓާ ތަހުގީގުކުރަމުންދާ ކަމަށެވެ. އެ ރިސޯޓުން ފުރަތަަމަ ކޭސް ރިޕޯޓުކޮށްފައިވަނީ މިމަަހުގެ ފުރަތަމަ ދުވަހު ބަލީގެ އަލާމާތެއް ހުރި ސްޓާފަކު މާލެ އައިސް ޑޮކްޓަރަށް ދެއްކުމަށްފަހު ނެގި ސާމްޕަލަކުން ޕޮޒިޓިވް ވުމާއިއެކު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. 

އެއާ ގުޅިގެން އެރަށުން 33 އެކްޓިވް ސަވައިލެންސް ސާމްޕަލް ނަގާފައިވާއިރު 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ޑރ. ނަޒްލާ ވިދާޅުވީ މިއަދު އިތުރު 77 ސާމްޕަލް ނަގާފައިވާ ކަމަށާއި އެއީ ބާކީ ތިބި ހުރިހާ ސްޓާފުންގެ ސާމްޕަލް ކަމަށެވެ. 

"މި ކޭސްތަކުގެ އިތުރަށް އެ ރަށުގައި ރާއްޖޭން ބޭރުން އައިސް ކަރަންޓީންގަ ހުރި ސްޓާފެއްވެސް 2 ޖެނަވަރީގައި ޕޮޒިޓިވްވެފަ. އެހެންވީމަ މިވަގުތު ޖުމްލަ އެ ރަށުގައި 17 ޕޮޒިޓިވް ކޭސް އެބަ އުޅޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޭގެ އިތުރުން ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ ސަފާރީއަކުންވެސް ޕޮޒިޓިވް ކޭސްތަކެއް ވަނީ ފެނިފައެވެ. އެކަމުގެ މައުލޫމާތު ހިއްސާކުރައްވަމުން ޑރ، ނަޒްލާ ވިދާޅުވީ އެމްޕަރާ އެކްސްޕްލޯރާ ކިޔާ ސަފާރިއަކުން 26 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ކުރޫންނާއި 24 ފަތުރުވެރިންނެވެ. ޑރ. ނަޒްލާ ވިދާޅުވީ އެ އެންމެންވެސް މިވަގުތު ތިބީ އައިސޮލޭޝަންގައި ކަމަށެވެ. 

އެއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން މިފަހުން ފެނުނު މި ދެ ކްލާސްޓާގައި މިވަގުތު ޖުމުލަ 43 ޕޮޒިޓިވް ކޭސް އެބައުޅެ އެވެ. މިހާތަނަށް ރިސޯޓުތަކުން 108 ފަތުރުވެރިއަކު ޕޮޒިޓިވްވިއިރު އޭގެ ތެރޭގައި ހިމެނެނީ 69 ފަތުރުވެރިންނާއި 39 މުވައްޒަފުންނެވެ. 

ބޯޑަރު ހުޅުވާލި ފަހުން މި މަހުގެ 17 ގެ ނިޔަލަށް 400 އަށްވުރެ ގިނަ ޓޫރިސްޓު ފެސިލިޓީއަކަށް، ޓޫރިޒަމް މިނިސްޓްރީން ވަނީ ހުއްދަދީފަ އެވެ. ހުރިހާ ފެސިލިޓީއެއް ހުޅުވުމުން 39،000 އަށްވުރެ ގިނަ އެނދު މިހާރު ވެސް އޮޕަރޭޝަނުގައި އެބަ އޮތެވެ. ބޯޑަރު ހުޅުވިފަހުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ ގެސްޓްހައުސެއް އަލުން ވަނީ ހުއްދަ ލިބި ހުޅުވާ ހިދުމަތްދޭން ފަށާފައެވެ. އަދި 129 އަށް ވުރެ ގިނަ ސަފާރީއާއި ނުވަ ހޮޓެލަކަށް ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހުއްދަ ދޫކޮށްފައިވެ އެވެ.

ބޯޑަރު ހުޅުވާލި ދުވަހުން ފެށިގެން ވަކި އުސޫލުތަކެއްގެ މަތިން ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދޫކުރަން ފަށާފައިވާ އިރު، އޭގެ ތިން މަސްދުވަސް ފަހުން ގެސްޓްހައުސްތަކާއި ސަފާރީތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދޫކުރަން ފަށައިފަ އެވެ. އަދި މި މަހުގެ 14 ވަނަ ދުވަހު މާލޭގެ ގެސްޓްހައުސްތައް ހުޅުވާލެވިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް