ads
ވެލާނާ އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިން---
މި އަހަރުގެ މިހާތަނަށް 30 ހާހަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ
މި އަހަރުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި 30،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ފެށިގެން ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 30,644 ފަތުރުވެރިންނެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ބަލާނަމަ 3,064 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެހެންކަމުން އެއީ މިއަހަރުގެ ފުރަތަމަ ހަފްތާ އާއި އަޅާބަލާއިރު އިތުރު އަދަދެކެވެ. 

މިއަހަރުގެ މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ. އެއީ 4،195 ފަތުރުވެރިންނެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ ރަޝިއާއިންނެވެ. އެއީ 8,761 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެއީ 3,908 ފަތުރުވެރިންނެވެ. ތިންވަނައަށް ޔޫކްރޭން އިން ޒިޔާރަތް ކުރީ 2,680 ފަތުރުވެރިންނެވެ. 

މި އަހަރުގެ މިހާތަނަށް 569 ޓޫރިސްޓް ފެސިިލިޓީއަކުން ހިދުމަތް ދެމުން އަންނަ ކަމަށް މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 141 ރިސޯޓާއި 11 ހޮޓަލާއި 131 ސަފާރީގެ އިތުރުން 286 ގެސްޓްހައުސް އެވެ.

ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފާފާއި ވަނީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް