ads
ފޮޓޯ: ހުވަދޫ އެއިޑް
ޖަމްއިއްޔާތަކުން ހިންގާ މަޝްރޫއުތަކަށް ފައިސާގެ އެހީއަށް ހުށަހެޅުމަށް ހުޅުވާލައިފި
މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ޔޫތު މިނިސްޓްރީން ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން ބުނީ އެހީއަށް އެދި ހުށަހެޅޭނީ ޖަމްއިއްޔާތަކާބެހޭ ގާނޫނުއާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމްއިއްޔާތަކަށް އެކަނި ކަމަށެވެ. އެގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކާއި، އަދި ރަށު ނުވަތަ އަތޮޅު ނުވަތަ ސިޓީ ތަރައްގީގެ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް އެހީތެރިވެދޭ މަޝްރޫއުތައް ހިންގުމަށެވެ.

އެ ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް އަދި ސްމޯލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައެވެ. އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރިކުރުމަށް ހުށަހެޅޭ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އުސޫލާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތައް ވަނީ ޔޫތު މިނިސްޓްރީން އިއުލާންކޮށްފައެވެ. އަދި ޕްރޮޕޯސަލް އެމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ޔޫތު މިނިސްޓްރީން ދީފައިވާ މުއްދަތުގައި ޕްރޮޕޯސަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީހަކީ އަންނަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހުގެ 13:00 ނިޔަލަށެވެ. އަދި އެހީ ބޭނުންވާ ޖަމިއްޔާތަކުން އެކަމަށް އެދި އެތާރީހުގެ ތެރޭގައި ޔޫތު މިނިސްޓްރީގެ މެއިލަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިނިސްްޓްރީން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް