ads
ހުކުރު ހުތުބާގެ ތެރެއިން --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދުނިޔެވީ ހަޔާތުގެ މަގުސަދަކީ އާހިރަތުގެ ބާއްޖަވެރިކަން: ހުތުބާ
އިންސާނާގެ ދުނިޔެވީ ހަޔާތުގެ ހުރިހާވެސް މަގުސަދަކީ އާހިރަތުގެ ބާއްޖަވެރިކަން ހާސިލު ކުރުން ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

ދުނިޔޭގައި ހެޔޮ އަމަލުކޮށް، މާތް ﷲ އާއި އެކަލާނގެ ނަބިއްޔާ އަންގަވާފައިވާ ގޮތަށް އުޅޭ މީހުންނަށް ހުރި ތަނަކީ ނިއުމަތްތަކުން ފުރިގެންވާ ސުވަރުގެ ކަމަށް މިއަދުގެ ހުތުބާ ގައި ބުނެފައިވެއެވެ.

އެގޮތުން ސުވަރުގެއަކީ މި ދުނިޔޭގެ އެއްވެސް މީހަކަށް އެފަދަ ފުރިހަމަކަމެއް ފެނިފައި ނުވާ ތަނެއްކަމަށް ބުނެފައިވެއެވެ. އަދި ސުވަރުގެ އަކީ ދުވަހަކުވެސް މީހެއްގެ ހިޔާލަށްވެސް އަންނާނެ، އެތަނުގެ ފުރިހަމަކަމުގެ އަޑު އަވާފައިވެސް ނުވާ ތަނެއް ކަމަށް ބުނެފައިވެއެވެ.

ސުވަރުގޭގައި އަށް ދޮރިކޮޅެއް ވާކަމަށާއި، އެތަނުގައި މަލާއިކަތުން ސުވަރުގެވަންތަ ވެރީންނަށް އިސްތިގުބާލު ކުރައްވާ، މަރުހަބާ ކިޔުއްވާނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ. އަދި އެ ދޮރުކޮޅުތަކުން އަމާންކަމާއި ރައްކާތެރިކަމާއެކު ސުވަރުގެ ވަނުމަށް ހުށަހަޅުއްވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މާތް ﷲއަށް ކުއްތަންވުމަށްޓަކައި ސުންނަތް އަޅުކަންތައް ގިނަކުރުމަށް އިސްލާމް ދީނުގައި ބާރުއަޅުއްވާކަން ހުތުބާގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި ދުނިޔެމަތީ އިންސާނާ ކުރާ ސުންނަތް އަޅުކަންތަކުގެ ތެރެއިން އެ އަޅުކަމެއްގެ މަތީ ދެމިހުންނަ އަޅުކަނަކުން އާހިރަތް ދުވަހު އެމީހަކު ހާއްސަވެގެން ވާނެ ކަމަށް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

ކީރިތި ރަސޫލާގެ ހަދީސުން ސާބިތުވާ ގޮތުގައި ހެޔޮ އަމަލު ކުރާ މީހުން ސުވަރުގެ ވައްދަވާނީ އެ މީހުން ކުރި އަމަލުތަކާ ގުޅޭ ދޮރުން ކަމަށް މިއަދުގެ ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ގިނަގިނައިން ސުންނަތް ނަމާދުކޮށް އުޅުން މީހާ ސުވަރުގެ ވައްދަވާނީ ނަމާދަށް ހާއްސަ ދޮރުކޮޅަކުން ކަމަށާއި، ޖިހާދުކޮށް އުޅުނު މީހަކު ނަމަ ޖިހާދަށް ހާއްސަ ދޮރުކޮޅުން ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.

ސުވަރުގެވަންތަވެރިންގެ ކާބޯތަކެއްޗަކީ ލައްޒަތާއި މީރު ރަހަތަކުގެ އިތުރުން ހިތްހަމަޖެހުން އެންމެ މަތީ ދަރަޖައަށް ލައްވާފައިވާ ތަކެތި ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ސުވަރުގެވަންތަވެރިން ތިބޭނީ ފުރިހަމަ ޒުވާންކަންމަތީގައި ކަމަށާއި، މުސްކުޅިވުމެއް، ބަލިކަށިވުމެއް، ވަރުބަލިކަމެއް، ބަލިވުމެއް އަދި ހިތްހަމަނުޖެހުމެއް އެ މީހުންނަށް ކުރިމަތި ނުވާނެކަމަށް ވެއެވެ.

މިއާއެކު ސުވަރުގޭގައި ގާތްތިމާގެ މީހުންނާއި ތަހުމަތްތެރިންނާއި ބައްދަލުވެ، ތަންތަނަށް ޖަމާވެ އުފަލުގައި ވާހަކަ ދައްކާ އުޅޭނެ ކަމަށް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެމީހުންގެ މެދުގައި އޮންނާނީ ލޯތްބާއި، ކަމޭހިތުމާއި އަޅާލުން ކަމަށާއި، ރުޅިވެރިކަން އަދި ހަސަދަވެރިކަން ފަދަ ސިފަތަކުން ސުވަރުގެވަންތަވެރިން ރައްކާތެރިކުރައްވާފައިވާކަމަށް ފާހަގަ ކޮށްފައިވެއެވެ.

މިދުނިޔޭގެ ނިއުމަތްތަކަކީ ވަގުތީ އެއްޗެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ. އެއީ އަގެއް ނެތް، މަދު މިންވަރެއް ކަމަށް ބުނެފައިވެއެވެ. އަދި ސުވަރުގެއަކީ ނިއުމަތުން ފުރިގެންވާ ތަނެއްކަން ފާހަގަ ކޮށްފައިވެއެވެ. އަދި ސުވަރުގޭގެ އެންމެ މަތީ ދަރަޖަ އަކީ ﷲ ތައާލާގެ ދީދާރުފުޅު ފެނުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް