ads
އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި ލިބިފައި ހުރި ގެއްލުންތައް: -
އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 67 އަށް
އިންޑޮނޭޝިއާގެ ސުލަވެސީއަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 67 މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ ރެޑް ކްރެސެންޓުން ބުނެފިއެވެ.

ރެކްޓަރު މިންގަނޑުން 6.2 ގެ ބާރުގަދަ ބިންހެލުން ސުލަސެވީއަށް އައިސްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. ބިމުގެ ދިހަ ކިލޯ މީޓަރު އަޑިން އައި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިފައި ނުވި ނަމަވެސް އޭގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ވަނީ މެދުވެރިވެފައެވެ. 

އިންޓަނޭޝަނަލް ފެޑެރޭޝަން ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް އިން އިންޑޮނޭޝިއާގެ ހެޑް ޖޭން ގެލްފާންޑް ސީއެންއެން ވޯލްޑަށް މައުލޫމާތު ދެމުން ބުނީ މިހާރު ހުރި މައުލޫމާތުތަކަށް ބަލާއިރު 67 މީހަކު މަރުވެފައިވާ ކަމަށެވެ. އަދި މި ހާދިސާގައި މިހާތަނަށް 75 މީހަކު މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓުތަކުން ބުނާ ކަމަށާއި، ނަމަވެސް އެ އަދަދު ޔަގީން ނުވާކަން ގެލްފާންޑް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް މިހާރުގެ ހާލަތު ހުރި ގޮތުގެ ސަބަބުން މިއަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ގެލްފާންޑް ވިދާޅުވިއެވެ. އަދި ވީހާވެސް އަވަހަށް އެހީތެރިކަން ބޭނުންވާ ހުރިހާ އެންމެންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ގެލްފާންޑް ވިދާޅުވިއެވެ.

މީގެ އިތުރުން މި ހާދިސާ ހިނގާފައިވަނީ އިންޑޮނޭޝިއާގައި ދުވާލަކު 11،000 އެއްހާ ކޮވިޑްގެ ކޭސް ފެންނަ ސަރަހައްދަކުން ކަމަށް ވުމުން އެކި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ގެލްފާންޑް ފާހަގަ ކުރެއްވިއެވެ. 

މި ބިންހެލުމުގެ ސަބަބުން ގިނަ އަދަދެއްގެ އިމާރާތްތަކަށް ގެއްލުން ލިބި 15،000 އަށްވުރެ ގިނަ މީހުން އެހެން ސަރަހައްދުތަކަށް ދިއުމަށް ވަނީ މަޖުބޫރުވެފަ އެވެ. ގެއްލުން ލިބުނު ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތްވެސް ވަނީ ކެނޑިފަ އެވެ.

މާޖީން ކިޔާ ސިޓީއާއި ހަ ކިލޯމީޓަރު ދުރުން އައި ބިންހެލުމުގެ ސަބަބުން އެ ސިޓީގެ އުތުރުގައި އޮންނަ މަމުޖޫ ސިޓީގެ ހޮސްޕިޓަލެއް ބިމާއި ހަމަވެފައިވާއިރު އެ ހޮސްޕިޓަލުގައި ތިބި ގިނަ އަދަދެއްގެ ބަލި މީހުންނާއި މުވައްޒަފުން ވަނީ އިމާރާތުގެ ދަށުވެފަ އެވެ. އަދި އެމީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންޑޮނޭޝިއާގެ ކަމާއިބެހޭ ފަރާތްތަކުން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް