ads
ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު އަސްލަމް-- ފޮޓޯ: މިނިސްޓްރީ
ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅާލެވޭނީ ތިން އަހަރުން: އަސްލަމް
ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ފެރީގެ ހިދުމަތް ފަށަން ހަމަޖައްސާފައި ވަނީ އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ. ހދ. އަދި ށ. އަތޮޅުގައި ކަމަށެވެ. 

އެގޮތުން ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ހިދުމަތް ފަށަން މަަސައްކަތް ކުރާއިރު އަސްލަމް ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް މި ހިދުމަތް ފަށަން ބޭނުންވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއް ފެެރީގެ ނިޒާމުން ގުޅާލަން ބޭނުންވާ ދިރާސާކޮށް ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

އޭގެ އިތުރުން އަސްލަމް ވިދާޅުވީ އަތޮޅުތަކުގައި ފެރީގެ ހިދުމަތް ދޭން ފަށާއިރު އެ ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ފްރޭމްވޯކް ހެދިއިރު ކޮންމެ އާބާދީއެއްގެ ވެސް އެއް ޕަސެންޓް މީހުން ދަތުރުކުރާނެ ކަމަށް އަސްލަމް ލަފާކުރެއްވި އެވެ.

ރާއްޖެއަކީ ޖަޒީރާ ގައުމެއްކަމުން، މިތަނުގެ މަގަކީ ކަނޑު ކަމަށާއި ދަތުރުފަތުރު ކުރުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ކަނޑު އުޅަނދުފަހަރު ކަމަށް އަސްލަމް ވިދާޅުވި އެވެ. 

ހައި ސްޕީޑް ފެރީގެ ނިޒާމަކުން ރާއްޖެ ގުޅުވާލަން ކުރާ މަސައްކަތުގައި ބޭނުން ކުރާ އުޅަނދުފަހަރަކީ ހަމަ ސީދާ އެކަމަށް ބަންނަ އުޅަނދުފަހަރުކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި އެކަން ކުރާނީ ދިވެހި ވަޑިން ލައްވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ އެމްޑީ އާޒިމް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ހަފްތާގެ ކޮންމެ ދުވަހަކު ފެރީގެ ހިދުމަތް ފެށޭނެ ކަމަށެވެ. އަދި ފެރީގެ ހިދުމަތަށް ބުރޫ އަރާފާނެ ކަމެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި ބެކަޕް ޕްލޭނެއް ހަދައި ތައްޔާރަށް އޮންނާނެކަން އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ހިދުމަތް ދިނުމުގައި 14 ލޯންޗު ބޭނުން ކުރާއިރު ތިން ލޯންޗެއް ބެކަޕްގެ ގޮތުގައި ބޭނުންކުރާނެ އެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްއަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތަށް ތިން ޒޯނާއި ހަ ރީޖަން ގުޅާލުމަށް ފަރުމާކުރި ވިއުގަ އެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް