ads
ޕީޖީ ހުސައިން ޝަމީމް--
149 ކިލޯގެ ޑްރަގް މައްސަލާގައި މަޖިލީހަށް ޕީޖީ ހާޒިރުކުރަނީ
ގދ. ހުޅުވާރުލުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓިއަށް ހާޒިރުކުރުވަން ނިންމައިފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ދާއިރާގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، މިމައްސަލާގައި ކަން ހިނގާދިޔަ ގޮތް ސާފުކުރުމަށް ޕީޖީ ޝަމީމް ކޮމިޓީއަށް ހާޒިރުކުރުވަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައަކީ ކުރީގެ ޕީޖީ ހުންނެވިއިރު ހިނގާފައިވާ ކަމެއް ކަމަށާއި، ޕީޖީ ޝަމީމް ހާޒިރުކުރުވަން ނިންމީ، އާންމު އުސޫލުގެ ދަށުން މި މައްސަލާގައި ވެސް ކަން ހިނގާދިޔަ ގޮތް ސާފުކޮށް އޮޅުންފިލުވައި އަދި ޖަވާބުދާރީ ކުރުވުމުގެ ގޮތުން ކަމަށް ވެސް އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ. 

އިމްތިޔާޒް ފަހުމީ ވިދާޅުވީ، މި މައްސަލާގައި ޝަމީމް ހާޒިރުކުރުމުގެ އިތުރުން ފުލުހުންގެ ތަހުގީގު ހިނގާފައިވާ ގޮތާއި މިފަދަ ކަންކަން ވެސް ބަލާނެ ކަމަށާއި، އެގޮތުން އެކަންކަން މަޖިލީހުގެ 241 ކޮމެޓީއާއި ގުޅިގެން ބެލުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިމައްސަލަ 241 ކޮމިޓީން ވަކިންވެސް ބަލަމުންދާ ކަމަށާއި، ނަމަވެސް ޖުޑީޝަރީ ކޮމިޓީން ގުޅިގެން މިމައްސަލަ ބަލަން ނިންމީ ޖުޑީޝަރީ ކޮމިޓީގެވެސް ދައުރެއް މިކަމުގައި އޮތުމުން ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. 

ހުޅުވާރުލުން 149 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނު މައްސަލައާ ގުޅިގެން ކުރި ދައުވާގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމާފައިވަނީ މިމަހުގެ ތެރޭގައެވެ. މިމައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި ނަމަވެސް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ވެއްދި މައްސަލަ ބޭރުކޮށްލީ، އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެ އިބްތިދާއީ މަރުހަލާގައެވެ. 

ކްރިމިނަލް ކޯޓުން އެގޮތަށް ނިންމުމުން ދެން މައްސަލަ ހުށަހެޅީ ގައްދޫ ކޯޓަށެވެ. ނަމަވެސް އެކޯޓުން މައްސަލަ ބޭރުކޮށްލީ، ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ފަހުން އެ ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ ކަމަށް ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް