ads
އިދިކޮޅު އިސްވެރިން މައްސަލަ ހުށަހަޅަން ސިވިލް ކޯޓަށް ދަނީ--
ކެމްޕޭން ކުރަން ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ޕީޕީއެމްގެ އިސްވެރިން މިއަދު ހެނދުނު 11:00 ގައި ޕީޕީއެމް އޮފީހުން ހިނގާފައި ސިވިލް ކޯޓަށް ގޮސް މި މައްސަލަ ހުށަހަޅާނެ ކަމަށް އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ. 

ސިވިިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިންއަށް ހިނގާފައި ދިޔަ އިދިކޮޅުގެ ވެރިންގެ ތެރޭގައި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ގައްސާން މައުމޫން ހިމެނިވަޑައިގަންނަވަ އެވެ. 

ޕީޕީއެމްގެ ފަރާތުން މިއަދު މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވާއިރު، އިންތިހާބާ ދިމާކޮށް އިދިކޮޅުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު ނެތުން ކަމަށް ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

މީގެ މަހެއްހާ ކުރިން އަދުރޭ ވިދާޅުވެފައި ވަނީ މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ވިސްނަމުން ގެންދަވާ ކަމަށެވެ. އަދި ގާނޫނީ ޓީމާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އޭރު އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އޮތް ދައްޗަކީ އަޅުގަނޑުމެންނަށް އެއްވެސް ރަށަކަށް ދަތުރެއް ނުކުރެވޭ. ސަރުކާރުން އެކި ނަންނަމުގައި ރަށްރަށަށް އެބަ ދަތުރުކުރޭ، ކުންފުނިތަކުގެ އެމްޑީން، ދައުތަލުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން. އެހެންވީމަ ހަމަހަމަ ފުރުސަތެއް ނެތް، ހަމަހަމަ ކަމެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް އިދިކޮޅުން ބުނަމުން ދާއިރު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފް ސީއެންއެމްއަށް ވިދާޅުވެފައި ވަނީ ހަމަހަމަ ފުރުސަތު ދެވެން ނެތް ނަމަ އިންތިހާބު ނުބާއްވާނެ ކަމަށެވެ. 

ޝަރީފް ވިދާޅުވީ އީސީގައި މި ވަގުތު ތިއްބެވި މެމްބަރުން ތިއްބެވީ، އިންތިހާބަށް ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނާ މައްސަލަ "ކޮމްޕްރިމައިޒް" ކުރާ ގޮތަކަށް ނޫން ކަމަށެވެ. 

އެގޮތުން އިންތިހާބު ބާއްވައި ނިމުމުން އިންތިހާބު ސައްހަ ނޫން ކަމަށް ތުހުމަތުކޮށް އިންތިހާބު ބާތިލް ކުރުމަށް ކޯޓު މަރުހަލާއަށް ދާން ޖެހޭނެ ފަދަ ޖާގައެއް ދޭން ބޭނުން ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. 

"އިންތިހާބަށް އިއުލާން ކުރާ ދުވަހުން އިންތިހާބު އޮންނަ ދުވަހާއި ދެމެދު، ކެމްޕެއިން ކުރުމަށް 28 ދުވަހުގެ މުއްދަތެއް ދެވެން ނެތް ނަމަ އަޅުގަނޑުމެން ބުނާނަން އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތޭ،" ޝަރީފް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް އީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކަމަށް ބޭނުންވާ ހާއްސަ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ދަނީ ކުރަމުންނެވެ. 

ރަށްރަށުގައި ކެމްޕޭނު ނުކުރެވޭ ކަމަށް އިދިކޮޅު ބުނާއިރު، އެކަން ކުރެވޭ ގޮތަށް މިދިޔަ މަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ފުލުހުންގެ ހުއްދަ ހޯދައިގެން ސިޔާސީ ޕާޓީތަކަށް ކެމްޕޭން ހަރަކާތްތައް ރަށްރަށުގައި ބޭއްވޭ ގޮތަށް އުސޫލެއް އާއްމުކޮށްފައި ވެއެވެ.

އެ އުސޫލުގައި ބައްދަލުވުންތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތަކަށް މާލެއިން ރަށްރަށަށް މީހުން ގޮސްގެން ބޭއްވުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވެ އެވެ. ރަށްރަށުގައި ބައްދަލުވުންތައް ބާއްވާ ނަމަ އެޗްޕީއޭ ނުވަތަ ފުލުހުންގެ ހުއްދަ ލިއުމުން ހޯދަން ޖެހެ އެވެ.

ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނާ މައްސަލައިގެ އިތުރުން އިންތިހާބު ލަސްވާ މައްސަލާގައި ވެސް އިދިކޮޅު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމަށް އިޝާރާތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރަގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެފައި ވަނީ ކޯޓުގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ނުލިބޭ ނަމަ ހާއްސަ ގާނޫނު އިސްލާހުކޮށްގެން ވެސް އިންތިހާބު އަވަސްނުކުރެވޭނެ ކަމަށެވެ. 

އެގޮތުން ނިޔާޒް ވަނީ ކޯޓުގައި އޮތް ތިން މައްސަލައެއް ފާހަގަކުރައްވާފައެވެ. އެއީ ކައުންސިލުތަކުން ވަކި އަދަަދަކަށް ގޮނޑި އަންހެނުންނަށް ހާއްސަކުރި މައްސަލަ އާއި، އަލުން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަ ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ބާތިލު ކުރި މައްސަލައެކެވެ. 

ޕީޕީއެމްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަށް އަޅިއަޅުއްވާލައްވައި ނިޔާޒް ވިދާޅުވީ މައްސަލަތަކަށް އަވަސް ހައްލެއް ގެނައުމަށް ޕީޕީއެމްއިިން ވެސް އެއްބާރުލުން ދޭން ޖެހޭ ކަމަށާއި، ގާނޫނަށް އިސްލާހު ގެނައުމުގެ އިތުރަށް، ކޯޓުތަކުގައި ހުރި މައްސަލަތައް ނިންމައި، އިންތިހާބު ބޭއްވޭނެ މާހައުލެއް ތަނަވަސް ކުރަން ޖެހޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް