ads
ފޮޓޯ: ވީއައިއޭ
"ލަންކާ ބޯޑަރު ހުޅުވުމުން ރާއްޖޭގެ ފަތުރުވެރިކަން ވެސް ކުރިއަރާނެ"
ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ސްރީލަންކާގެ ބޯޑަރުތައް ހުޅުވާލުމާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ލަންކާގެ ބޯޑަރު ހުޅުވާލުމާއެކު އެކަމަށް މަރުހަބާ ދަންނަވާ މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ލަންކާގެ ބޯޑަރު ހުޅުވާލުމާއެެކު ރާއްޖެ ހިމެނޭ ގޮތަށް މި ސަރަހައްދުގެ ފަތުރުވެރިކަމަށް ވެސް އޭގެ މަންފާކުރާނެ ކަމަށެވެ. 

ދިހަ މަސް ދުވަހަށް ފަހު، ލަންކާގެ ބޯޑަރު ހުޅުވާލާފައި ވަނީ މިއަދު އެވެ. ލަންކާގެ ވައިގެ ބަނދަރު ހުޅުވާލާފައިވާކަން ހާމަކޮށް އެގައުމުގެ އޭވިއޭޝަން ސާވިސަސް އިން ބުނެފައި ވަނީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓާއި މައްތަލާ އެއާޕޯޓަށް ދަތުރުކުރެވޭނެ ކަމަށެވެ. 

ލަންކާ މިއަދު ދުނިޔެއަށް ހުޅުވާލާފައި މިވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކުގަ އެވެ. އަދި ވަކި ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ލަންކާއަށް ފަތުރުވެރިންނަށް ޒިޔާރާތްކުރެވޭއިރު އެ ގައުމަށް އެތެރެވުމަށް ފަހު 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ވެސް ހަމަކުރާކަށް ނުޖެހެ އެވެ. 

ކޮވިޑާއި ގުޅިގެން ގާތްގަނޑަކަށް ދިހަ މަހަށް ލަންކާ ބަންދުކުރުމަށް ފަހު މިއަދު ހުޅުވިއިރު ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ވެސް މިދިޔަ މާޗު މަހުގެ ތެރޭގައި ބަންދުކުރަން ޖެހުނު އެވެ. އެކަމަކު ޖުލައި 15 ގައި ބޯޑަރު ހުޅުވާލާއި، ފަތުރުވެރިންނަށް މަރުހަބާ ކިޔަން ފެށި އެވެ. އެގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ވެސް ކަރަންޓީނުވާކަށް ނުޖެހެ އެވެ. 

ބޯޑަރު ބަންދުކުރުމުގެ ކުރިން އެވަރެޖް ގޮތެއްގައި ފަތުރުވެރިން ރާއްޖޭގައި 7.6 ދުވަސް މަޑުކޮށްފައިވާ އިރު، ބޯޑަރު ހުޅުވާލިފަހުން އެ އަދަދު ވަނީ 9.2 ދުވަހަށް އިތުރުވެފަ އެވެ. އަދި މިހާރު އެވަރެޖް ގޮތެއްގައި ދުވާލަކު ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އުޅެނީ 2000 އިން މަތީގަ އެވެ.

މިއަހަރު ސަރުކާރުން ވަނީ ދޮޅު މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒުހިފާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް