ads
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު---
ޖިންސީ ގޯނާގެ މައްސަލާގައި އަލީ ވަހީދުގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަނީ
ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާގައިވާ ދައުވާތަކުގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި އެ ކޯޓުން އަންނަ އާދިއްތަ ދުވަހުކުރިއަށް ގެންދާނެ ޝަރީއަތްތަކުގެ ތަފްސީލު އާންމުކޮށްފައިވާއިރު އޭގެ ތެރޭގައި މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ވެސް ހިމެނެ އެވެ. 

އެ ޝަރީއަތް ތާވަލުކޮށްފައި ވަނީ އާދިއްތަ ދުވަހުގެ މެންދުރު 13:30 އަށެވެ. 

އަލީ ވަހީދު، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރިއިރު، އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ވަނީ ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ހާމަކުރެ އެވެ. 

އޭނާގެ މައްޗަށް ކުރާ ދައުވާތަކަކީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާއާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އެވެ. 

އަދި ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާއާއި، އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެއެވެ. 

އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތު ތަކެއް ކުރުމަށްފަހު އެތަނުގެ ބައެއް މުވައްޒަފުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ރައީސް އޮފީހަށާއި، ޖެންޑާ މިނިސްޓްރީއަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހެޅުމުން މަގާމުން އިސްތިއުފާ ދިނުމަށް އަލީ ވަހީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވި އެވެ. އަދި މަގާމުން އިސްތިއުފާ ނުދިނުމުން ރައިސް ވަނީ އަލީ ވަހީދު މަގާމުން ދުރުކޮށްފަ އެވެ. 

އެމައްސަލައިގައި އަލީ ވަހީދު ދިރިއުޅޭ ގެ ބަލާއި ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި މައްސަލައިގެ ތަހުގީގަށް އަލީ ވަހީދު ފުލުހަށްވެސް ހާޒިރުކޮށްފައިވެ އެވެ. 

ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް އަލީ ވަހީދު ވަނީ ދޮގުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް