ads
ވީޑިއޯ ރިޕޯޓް: -
ފިނޮޅަށް ގެއްލުން ދިންމައްސަލަ: ފިޔަވަޅު އެޅުމުގަ ފަހަތު ފަޔަށް ބަރުވަނީ!
ފަކީރާ އާއި އުނދެއްޔާއި އަދިވެސް އިތުރު ސާމާނު ހިފައިގެން ކ. ހިންމަފުއްޓާއި ގިލި ލަންކަންފުއްޓާ ދެމެދުގައި އޮތް ފިނޮޅެއްގެ މެދުން ކޯރުކަނޑާ އެތަން ހަލާކުކޮށްލުމަށް ގިލި ލަންކަންފުށި ރިސޯޓުން ފިނޮޅަށް އެރީ މިދިޔަ ބުރާސްފަތި ދުވަހުގެ އިރާކޮޅު އެވެ. ރިސޯޓުގެ ޖެނަރަލް މެނޭޖަރު ހިމެނޭ ގޮތަށް، ބަޔަކު ފިނޮޅަށް ގޮސް، އެތަން ނައްތާލުމުގެ މަަސައްކަތް ކުރީ ހިންމަފުށީ ރައްޔިތުން އެތަނަށް ޕިކްނިކް ގޮސް ހަދާތީ ކަމަށް ބުނެ އެވެ.

ދަންވެފައި ވަނިކޮށް ރިސޯޓަށް އަރާ، އެ މަސައްކަތް ކުރަމުން ދަނިކޮށް އެމީހުން އަތުލައިގަތީ ހިންމަފުށީގެ ރައްޔިތުންތަކެކެވެ. ފޮޓޯތަކާއި ވީޑިއޯތައް އިސާހިތަކު ސޯޝަލް މީޑިއާގައި ވައިރަލްވެ ގިނަ ބައެއްގެ ފާޑުކިޔުމާ އެ ރިސޯޓުގެ މެނޭޖްމަންޓަށް ކުރިމަތިވި އެވެ. އެތައް ބަޔަކު އަންނަނީ މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ވެސް ގޮވާލަމުންނެވެ.

މި މައްސަލައަށް މިއަދަށް ތިން ދުވަސް ވެގެން ދާއިރު ވެސް އެ ރިސޯޓަށް އެޅުނު ފިޔަަވަޅެއް ނެތެވެ. ފިޔަވަޅު ނާޅާ ލަސްތަކެއް ވަމުން ދިޔަ ނަމަވެސް އެ ވާހަކަ ދައްކާލާނެ މީހަކު ވެސް ހަމަ ނެތެވެ. ވަކިން ހާއްސަކޮށް އެކި ކަންކަމާ ސޯޝަލް މީޑިއާގައި ވާހަކަ ދައްކާ ހަދާ ސިޔާސީ ބޭފުޅުންގެ އަނގައިން މި މައްސަލައިގައި ދައްކާނެ ހަމަ އެންމެ ވާހަކައެއް ވެސް ނެތެވެ. 

މިކަމެއް ފެންމަތިވުމުގެ މާ ދުރު ނޫން ހިސާބަކަށް ޖެހިލާއިރު މިދިޔަ ހަފްތާއަކީ ތިމާވެށީގެ ހަމަ މިފަދަ އެހެން ވާހަކައެއް ވެސް ފެންމަތިވި ހަފްތާއެކެވެ. ތިމާވެއްޓާ މެދު މާ ބޮޑު އަޅާލުމެއް ނުދެވި، މާފުށީގެ ކުނީގެ މައްސަލަ ބޮޑުވެގެން ދިޔައިރު އެކަން ހައްލުކުރުމަށް އީޕީއޭ އިން އެންގި އެވެ. މާފުށީގެ ބައެއް ފަރާތްތަކުން ކުނި މެނޭޖުކުރުމުގެ ގަވާއިދާ ހިލާފަށް ތަކުރާރުކޮށް އަމަލު ކުރަމުންދާ މައްސަލަ ބަލާ އެކަން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އީޕީއޭއިން އެރަށު ކައުންސިލަށް އެންގީ ފޮޓޯތަކެއް ލީކުވެ ގިނަ ބައެއްގެ ފާޑުކިޔުމާއި ކުރިމަތިވި ދަނޑިވަޅެއްގަ އެވެ. 

އޭގެ އިތުރުން އެ މައްސަލާގައި އީޕީއޭއިން ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ވެސް ސިޓީ ފޮނުވާ އެ އެޖެންސީގެ ޓީމެއް އެ ރަށަށް ދިއުމަށް ނިންމާފަ އެވެ.

ކޮންމެއަކަސް ގިލި ލަންކަންފުށީގެ މި ހަނދާންތަކާއެކު މާފުށީގެ ހަނދާންތައް ވެސް އާކޮށްލަން ޖެހުނީ މި ދެ މައްސަލައަކީ ވެސް ތިމާވެށީގެ ބޮޑު މައްސަލައަކަށް ވާތީ އެވެ. އެހެން ނަމަވެސް އާންމުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކާއި މެދުގައި އިންތިހާއަށް ތަފާތު ކުރުންތައް ވެސް ގެންގުޅޭކަން ހަމައެކަނި މި ދެ މައްސަލަ އަޅާ ކިޔުމުން އެނގި ހާމަވެ އެވެ. 

މާފުށީގެ ކުނީގެ މައްސަލަ ހައްލު ނުވެގެން އެތައް މެމްބަރުންނެއް އެކަމަށް ޓްވީޓު ކުރި އެވެ. އެކަމަކު ކުރިން ވެސް ބުނި ގޮތަށް ގިލި ލަންކަންފުށި މައްސަލާގައި ހައްގު ހޯދަން އަޑުއުފުލަން މި ޖެހުނީ ހިންމަފުށީގެ ރައްޔިތުންނަށެވެ. ސިޔާސީ މީހަކަށް ބަހެއް ބުނެވުނު ކަމަކަށް ނުހެދި އެވެ. 

މިފަދަ ތިމާވެށީގެ މައްސަލަތަކުގައި މަޖިލީހުގެ އެންވަޔަރަމަންޓް ކޮމިޓީން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރެ އެވެ. އެހެން ނަމަވެސް މި ބުނާ ކޮމިޓީއެއްގެ އަޑެއް ވެސް މި މައްސަލައާ ގުޅިގެން ނީވެ އެވެ. އީޕީއޭއަށް ބެލިޔަސް، އެތަނުން ވެސް މައްސަލަ ބަލަމުން އަންނަ ކަމަށް ބުންޏަސް އެެޅި ފިޔަވަޅެއް ނެތެވެ.

ރިސޯޓާ މެދު ފިޔަވަޅު އެޅުން ލަސްވެ، އާންމުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ކަންބޮޑުވުމަކީ ގުދުރަތީ ގޮތުން ރާއްޖޭގެ މަދު ހިސާބުތަކަކަށް ލިބިފައިވާ މިފަދަ ރީތި ފިނޮޅުތައް ނައްތާލުމަށް ބަޔަކު މަަސައްކަތް ކުރުމުން ވެސް އެކަމުގައި ފިޔަަވަޅެއް ނާޅާ 72 ގަޑިއިރު ފާއިތުވެގެން ދިޔުމެވެ. އަދި ވަކިން ހާއްސަކޮށް ރިސޯޓަކުން މިފަދަ ކަމެއް ކުރުމުން މިއީ ނުފެންނަ ކަމަކަށް ހަދާލާ އޮއްބާލަން މަސައްކަތް ކުރާ މަންޒަރަކީ މާޒީގައި ވެސް ކަން ހިނގާފައިވާ ގޮތެވެ. އެހެން ނަމަވެސް މި މައްސަލައަށް ބަލާއިރު އެމީހުން އަތުލައިގަތީ ހަމަ ފިނޮޅު ނެތި ކޮށްލުމުގެ މަސައްކަތުގައި ތިއްބާ އެވެ. 

އެކަމަކު ސުވާލަކީ ރިސޯޓު މެދުވެރިކޮށް ދައުލަތަށް ބޮޑު އާމްދަނީއެއް ކޮންމެ މަހަކު ވެސް ލިބެމުން ދިއުމަކީ މިފަދަ ބޮޑެތި މައްސަލަތަކަށް ފަސް އަޅާ ފޮރުވާލަން ޖެހޭ ސަބަބެއްތޯ އެވެ. އަހަރެންގެ ނަޒަރުގައި ފިނޮޅުން ކޯރުކަނޑާ އެ ގުދުރަތީ ރީތިކަން ނައްތާލުމަށް މަސައްކަތް ކުރުމަކީ ކުޑަ ކަމެއް ނޫނެވެ. އެކަމުގެ އަޑީގައި ތިބި އެންމެންނަށް ވީ އެންމެ އަވަހަކަށް ފިޔަވަޅު އަޅަން ޖެހެ އެވެ. މި ފަހަރު މި މައްސަލައަށް ފަސް އަޅާ ފޮރުވާލަދެވިގެން ނުވާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް