ads
ވީޑިއޯ ރިޕޯޓް:-
ޖަރީމާތައް ހިންގާ މަހުޖަނުން އަތުން ރަށްތައް އަތުލަންޖެހޭ!
ޖަރީމާއަކީ ބޮޑެތި ކުށެވެ. މަހުޖަނުންނަކީ ބޮޑެތި މުއްސަނދިންނެވެ. އަޅުގަނޑުމެންނަކީ ޖަޒީރާ ރަށްތަކެއްގައި ދިރިއުޅޭ ސާދާ އަދި ތިމާވެއްޓާއި ރަހުމަތްތެރި ދިރިއުޅުމެއް އުޅެމުން އައި ބައެކެވެ. ގެދޮރުވެސް އެޅީ ތިމާވެއްޓަށް ގެއްލުން ނުދީއެވެ. މަސްވެރިކަން ވެސް ކުރީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ފަތުރުވެރިކަން ފެށުނީ މީގެ 49 އަހަރު ކުރިން ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ. އޭރު އާދައިގެ ގޮތަކަށް ދިވެހިރާއްޖޭގެ ރީތިކަން ވިއްކޭތޯ މަސައްކަތް ކުރިއެވެ. އެ މަސައްކަތް ކާމިޔާބުވިއެވެ. އެ މަސައްކަތުން ދިވެހިރާއްޖެއަށް މަންފާވާން ފެށިއެވެ. ނަމަވެސް ދިވެހިރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައީ ޑިމޮކްރަޓިކް ނިޒާމެއް ރާއްޖޭގައި އޮއްވައެއް ނޫނެވެ. މިހެންކަމުން ދިވެހިރާއްޖޭގައި ރިސޯޓު ހިންގަން އެންމެ ފުރަތަމަ ރަށްތައް ދިނީ ނާސިރުގެ އަރިސް ބޭފުޅުންނަށެވެ. ބޮޑެތި މުއްސަނދިންނަށެވެ. 

ދިވެހިރާއްޖޭގެ ވެރިކަން ދޫކުރައްވާ އިބްރާހިމް ނާސިރު ވަޑައިގަތީ ރާއްޖޭގައި ހުރި ރިސޯޓުތަކުން ލިބުނު ފައިސާތައް "ދަވާލައިގެން" ކަމަށް އޭރު އޮތް ސަރުކާރުން ތުހުމަތު ކުރިއެވެ. އެ ތުހުމަތުތަކަކީ ތެދުކަމުގައިވާނަމަ، އޭރު އިބްރާހިމް ނާސިރު ސިންގަޕޫރަށް ވަޑައިގެން އޭރު ސިންގަޕޫރުގައި ތިބި އެންމެ ބޮޑެތި 10 މުއްސަނދިންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާނީ ލައްކަ ބައިވައިރު ގައިމު އޭރު ވެސް ރިސޯޓުތަކުން ލިބޭތީ ނޫންތޯއެވެ؟ 

މި ނާއިންސާފުވެރި ސަގާފަތް އަދި އަދާ ޖެހެންދެން ވެސް އެބަ އޮތެވެ. ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައިވެސް ރިސޯޓުތަކާއި ރަށްތައް "ކުއްޔަށް" ކަމަށް ބުނެ ހިބައިން ދީފައިވަނީ ބޮޑެތި މުއްސަނދިންނަށެވެ. ވަކި ބަޔަކަށެވެ. 2008 ވަނަ އަހަރާއި ހަމައަށް ރާއްޖެ އައިސް، ޑިމޮކްރެޓިކް ނިޒާމެއް ރާއްޖޭގައި ގާއިމް ކުރިކަމަށް އޭރު ދައުލަތުން ބުންޏެވެ. ނަމަވެސް، ދިވެހިންނަށް ނުލިބި އޮތް އެތައް އަސާސީ ހައްގެއް ގާނޫނު އަސާސީން ދިވެހިންނަށް ކަށަވަރުކޮށްދިނެވެ.

ނަމަވެސް، ދިވެހިންނަށް އިގްތިސާދީ ގޮތުން އޮތް އަޅުވެތިކަން ފިލައެއް ނުދިޔައެވެ. މަހުޖަނުން ދިވެހިރާއްޖޭގެ ބިން މިލްކުކޮށްގެން އޮތް އޮތުމަށް ނިމުމެއް ނައެވެ. ދައުލަތައް ވަންނަންޖެހޭ އެތައް ބައިވަރު ފައިސާއެއް ވަނީ މަހުޖަނުންގެ ޖީބަށެވެ.

މިގޮތުން 2008 ވަަނަ އަހަރު ޓެލެވިޒަން މޯލްޑިވްސް އިން ގެނެސްދިން ސިޔާސަތު ޕްރޮގްރާމުގައި ގާސިމް އިބްރާހިމް ވަނީ ރިސޯޓުތައް މަހުޖަނުންނަށް 99 އަހަރަށް ދޭން ވަކާލާތުކޮށް ވާހަކަ ދައްކަވާފައެވެ. އަދި ދިރިއުޅެން މީހުންނަށް ދޭ ގޯއްޗާއި، މަހުޖަނުންނަށް ދޭ ދިވެހިންގެ މިލްކުވެރި ރަށްތަކާ އެއް ހަމަކުރަން މަސައްކަތް ކުރައްވާފައެވެ. 

ގާސިމް އިބްރާހިމް ވިދާޅުވާގޮތުން އޭރު ވެސް ރިސޯޓެއް ހިންގާ ރަށަކުން ދައުލަތަށް ތިން ހަތަރު މިލިއަން ޑޮލަރު ލިބޭ ކަމަށެވެ. ނަމަވެސް ސުވާލަކީ ރިސޯޓަށް ފައިދާ ވަނީ އެ ތަންތަން ގާސިމް އިބްރާހިމް އަށް ކުއްޔަށް ދީގެން ހިންގާތީތޯއެވެ؟ ނުވަތަ ކޮންމެ އަގެއް ދީފައިވެސް ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ބަލަން ދުނިޔޭގެ ރައްޔިތުން އެދޭމިންވަރު އިތުރުވީމަތޯ އެވެ؟ 

ދިވެހި ރަށްތަކަކީ ދިވެހި ރައްޔިތުންގެ މިލްކެއް ކަމަށްވާއިރު، އެ ރަށްތަކުގައި އިންވެސްޓު ކުރާ ފަރާތްތަކަށް އެ ރަށްތަކުގެ މިލްކުވެރިއަކީ ދިވެހި ދައުލަތްކަމުގައި އޮތުމުން އިތުބާރު ނުހަނު ބޮޑުވާނެއެވެ. ސަބަބަކީ ދައުލަތް އަތުން ބިން އަތުލެވޭނެ ބަޔަކު ނާންނާނެތީއެވެ. 

ހަމަ ޔަގީނުންވެސް ކަށަވަރުވާ އެއްކަމަކީ ރިސޯޓު ހިންގުމުގެ ނަމުގައި ރަށެއް ނަގައި، އެ ރަށެއް ކައިރީގައިވާ  ފިނޮޅުތަކާއި، ފަޅުތައް ވެރިކޮށްގެން ތިބި މަހުޖަނުންގެ އަތުން ރިސޯޓުތަކުގެ މިލްކުވެރިކަން ދައުލަތައް ބަދަލުކުރިޔަސް ހަމަ އެ ރިސޯޓުތަކުން ފައިދާވާނެއެވެ. އެތައް ގުނައަކުން ދައުލަތަށް ވަންނަ ފައިސާ އިތުރުވާނެއެވެ. 

ރިސޯޓު ވިޔަފާރީގެ މާނައަކީ ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ބަޔަކަށް ވިއްކައިގެން ފައިސާ ހޯދުމެވެ. ދިވެހިރާއްޖެއަކީ ނުހަނު ނާޒުކު ތިމާވެއްޓެއް އޮންނަ ގައުމަކަށް ވާއިރު، މަހުޖަނުން ހިންގ ބައެއް ރިސޯޓުތަކުން ގެންދަނީ ރާއްޖޭގެ ތިމާވެއްޓާއި ގުޅުން ހުރި ބޮޑެތި ޖަރީމާތަކެއް ވެސް ހިންގަމުންވެ.

މިގޮތުން ރިސޯޓުތަކުން ކަނޑަށް ކުނި އަޅާ މައްސަލައަކީ ވެސް މިހާރު ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އައިސްފައިވާ މައްސަލައެކެވެ. އަދި ދާދި ފަހުން ހިންމަފުށީ ރައްޔިތުން ޕިކުނިކު ދާކަމަށް ބުނެ ގިލި ލަންކަންފުށީ އިސް މުވައްޒަފުން ވެސް ހިމެނޭ ގޮތަށް ނުކުމެ، ފިނޮޅެއް ސުންނާފަތިކޮށްލަން މަސައްކަތް ކުރިކުރުމުން ވެސް މަހުޖަނުން ރާއްޖޭގެ ނާޒުކު ތިމާވެށި ހަލާކުކޮށްލައި އެމީހުންގެ އަމިއްލަ އެދުން ފުއްދާނެކަން ހާމަވެއެވެ. 

އަހަރެންގެ ނަޒަރުގައި ދިވެހިރާއްޖޭގައި ރިސޯޓު ހިންގަން އެންމެ އެކަށީގެންވަނީ ދިވެހި ދައުލަތަށެވެ. މަހުޖަނުންނާއި ދައުލަތުގެ އަރިސް މީހުންނަށް އެކަނި ރަށްތައް ހިބައިން ދީގެން ހިންގާ ހިންގުން ވަގުތުން ހުއްޓުވާލަން ޖެހެއެވެ. އަދި ރަށްތައް އަތުލާއިރު، މަހުޖަނުންނަށް ބަދަލުދޭކަށް ވެސް ނުޖެހޭނެއެވެ. އެތައް ޒަމާންތަކެއް ވަންދެން ނުހައްގުން ދިވެހިންގެ ހަރުމުދާ ބޭނުންކުރި މަހުޖަނުން ޖެހޭނީ ދިހެހިންނަށް ބަދަލު ދޭށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް