ads
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ޗާޕްކޮށްފައިވާ ވޯޓް ކަރުދާސްތަކެއް -- ފޮޓޯ: ވީނިއުސް
ކައުންސިލް އިންތިހާބު އޭޕްރީލް މަހުގެ 10 ގައި ބާއްވަން ނިންމައިފި
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އޭޕްރީލް މަހުގެ 10 ގައި ބާއްވަން ނިންމައިފި އެވެ.

އިންތިހާބުގެ މަސައްކަތްތައް ފަށާނެ ތާރީހަކާއި، އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރެއްވުމަށް އީސީން ބޭއްވި އެ ކޮމިޝަނުގެ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުކަމަށާއި އިންތިހާބެއް ބާއްވާނެ ތާރިޙެއް އިއުލާން ކުރެއްވުމަށްޓަކައި މިއަދު މެންދުރު 12 ޖެހީންސުރެ އެކެއް ޖެހުމާއި ހަމަޔަށް އީސީގެ ގާނޫނީ ލަފާދޭ ޓީމާޢިއެކު ކުރެވުނު މަސައްކަތައްފަހު އެ އިންތިހާބު ބޭއްވުމަށް ނިންމިފައިވާ ތާރީހަކީ އެޕްރީލް މަހުގެ 10 ވަނަ ދުވަސް ކަމަށެވެ. 

"އެހެންވީމަ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީހަކީ އެޕްރީލް މަހުގެ 10 ވަނަ ދުވަސް. އެހެންވީމަ އިންތިހާބު ބޭއްވުމަށްޓަކައި ހުރި ގޮންޖެހުންތަކާއި ެކަން ނުބޭއްވޭނެ ކަމުގެ އެއްވެސް ކަހަލަ ކަމެއް ނުބޭއްވޭނެ ކަހަލަ އެއްވެސް ކަމެއް މެދުވެރިވަންޏާ އެކަން އަޅުގަނޑުމެން އިރާދަކުރެއްވިޔާ ވަގުތު އޮށްވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ވަަހަކަ ދައްނަވާލަން. އަދި އެއާއިއެކީގައި ތަކުރާރު ކޮށްލާނަން އިންތިހާބު ފެށުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ދުވަހަކީ ޖެނުވަރީ މަހުގެ 31 ވާ ހުކުރު ދުވަސް" ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން މިއަދުން ފެށިގެން ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަންވެސް އީސީން މިއަދު ވަނީ އިއުލާންކޮށްފައެވެ. 

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް "ސަންސެޓް ގާނޫނަށް" އިސްލާހު ގެނެސް ބިލް ފާސްކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. 

ބިލަށް އިސްލާހު ގެނައި ނަމަވެސް އަދިވެސް މެއި 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭ ނަމަ 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އެންގުމަށް ބިލްގައި ހިމަނާފައިވެ އެވެ. 

އިންތިހާބު ތާރީހަށް ނުބޭއްވިއްޖެ ނަމަ 30 ދުވަހުގެ މުއްދަތެއް އޮއްވައި މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވައިގެން އެ މުއްދަތު އިތުރުކުރާ ގޮތަށް ބިލުގައި ހިމަނާފައިވާ އިސްލާހަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 އަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރަން އިއްޔެ ހަވީރު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަމީމް ހުށަހެޅުއްވި އިސްލާހެކެވެ. 

އެ އިސްލާހު އެގޮތަށް ބަލައިގަނެ ނިންމުން ފާސްކޮށްފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. އަދި އެ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވެސް ވަނީ ތާއިދުކުރައްވާފައެވެ.

މިދިޔަ އަހަރުގެ މާޗު މަހު ބާއްވަން އޮތް އިންތިހާބު ފަސްކުރީ ކޮވިޑް-19 އާއި ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ބެހޭ ހާއްސަ ގާނޫނެއްގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން، އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އާ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ޖޫން މަހުގެ ދެވަނަ ދުވަހުގެ ދަންވަރު ޖަލްސާއެއް ބާއްވާ ވަނީ "ސަންސެޓް ގާނޫނު" ގެ ނަމުގައި މަޖިލީހުން ގާނޫނެއް ފާސްކޮށްފަ އެވެ. 

އެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެއެވެ. އެ މުއްދަތު ހަމަވާނީ އަންނަ މޭ މަހުގެ ނުވަ ވަނަ ދުވަހަށެވެ. 

އެހެން ނަމަވެސް ކޮވިޑް-19 ގެ ހާލަތު ހަމަޔަކަށް ނޭޅި އިންތިހާބު ފަސްވަމުން ދާތީ އިތުރަށް ފަސްވިޔަ ނުދިނުމަަށް ސަރުކާރުން ވަނީ އެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައިފަ އެވެ. ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ، އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ކަން ކަމަށް ދީފައިވާ ބައެއް މުއްދަތުތައް ކުރު ކުރާ ގޮތަށެވެ. އެހެން ނަމަވެސް މަޖިލީހުން އެ ބިލް ފާސްކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުން އެދިފައިވާ ގޮތަށް އެ މުއްދަތުތައް ކުރު ނުކޮށެވެ. އެހެންކަމުން އިންތިހާބު ބާއްވަން ޖެހޭގޮތައް ގާނޫނުަގައި ވަނީ  އިންތިހާބީ ގާނޫނުގައި ބުނާ މުއްދަތުތަކަށެވެ.

މިއަދު ކޮމެޓީ ބައްދަލުވުމުަގައި ތާރީހު އިއުލާންކުރައްވަމުން ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހާއިއެކު އިންތިހާބީ ގާނޫނުަގައި ބުނާ ތާރީހަށް އިންތިހާބު ނުބޭއްވިއްޖެނަމަ 30 ދުވަހު ތެރޭގައި އީސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ އިސްލާބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. ޝަރީފް ވިދާޅުވީ ގާނޫނުގައި އެހެން އޮތުމުގެ މާނައަކީ އިންތިހާބު ބާއްވާނެ ތާރީހެއް އެ މުއްދަތުގެ ފަހުން ބޭއްވުމުގެ އިހްތިޔާރެއް އީސީއަށް ނެތް ކަމަށެވެ.    

ޝަރީފްވަނީ މިއަދު އިއުލާން ކުރި ތާރީހުގައި އިންތިހާބު ބޭއްވުމަށް ގޮންޖެހުންތަކެއް އެބަހުރިކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް