ads
ޔުމްނާ މައުމޫން--
ނުހައްގުން ދިން އަނިޔާތަކަށް މިއަދު އިންސާފު ލިބިއްޖެ
ނުހައްގުން ދިން އަނިޔާތަކަށް މިއަދު އިންސާފު ލިބިއްޖެ ކަމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓެޖު މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ޔުމްނާ މިއަދު ކުރި ޓުވީޓެއްގައި މިހެން ވިދާޅުވީ، 2017 ވަނަ އަހަރު ޔުމްނާގެ ކޮއްކޮ، އަދި އޭރު ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫނު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، މިއަދު ހައި ކޯޓުން ބާތިލު ކުރުމާއި ގުޅިގެން ނެވެ.

ޔުމްނާ ވިދާޅުވީ އިންސާފު ލިބުނީ ބޭއިންސާފާއި ދެކޮޅަށް އިސްނަގާ، އިސްލާހަށް މަސައްކަތް ކުރުމުން ކަމަށެވެ. އަދި 18 ޖުލައި 2017 ގައި، ޝަރީއަތް ނިމެންދެން ފާރިސް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަށް ހައިކޯޓުން މިއަދު ނިންމައިފި ކަމަށް ޔުމްނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފާރިސް ހައްޔަރުކޮށްފައިވަނީ، އޭރުގެ ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުހައި ހުންނެވި އަބުދުﷲ މަސީހުގެ އިތުބާރުނެތް ކަމަށް ފާސް ކުރުމަށް ބޭނުންވާ ވޯޓު ހޯދުމަށް، ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވާ، ގާނޫނާ ހިލާފަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ނެވެ. 

އެ މައްސަލައިގައި ހުކުމް ކުރެވެންދެން، ނުވަތަ ބަންދާމެދު އިތުރު ގޮތެއް ކަނޑައަޅަންދެން، ފާރިސް ރިމާންޑު ޖަލެއްގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އޭރު ހުކުމް ކޮށްފައިިވެ އެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައި 19 ޖުލައި 2017ގެ 14:30 އިން ފެށިގެން ފާރިސް ބަންދުގައި ބެހެއްޓުމަށްވެއެވެ. ނަމަވެސް ބަންދުގެ މުއްދަތު ހަމަވާ ތާރީހެއް ކްރިމިނަލް ކޯޓުން ކަނޑައަޅާފައެއް ނުވެ އެވެ. 

މި މައްސަލަ ފާރިސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ 30 ޖުލައި 2017ގަ އެވެ. މި މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތް މިއަދު ހައިކޯޓުގައި ބޭއްވި އިރު، މި ޝަރީއަތުގައި ހައިކޯޓުން އޭރު ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކުރުމަށް ނިންމާފައިވަނީ ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް