ads
ރާއްޖޭގެ ރަށެއް-- ފޮޓޯ: ގެސްޓްހައުސް މޯލްޑިވްސް
ރަށަށް ބަދަލުވާ މީހުންނަށް 3000 ރުފިޔާގެ އެލަވަންސެއް ދެނީ
ކޮވިޑް-19 ގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ، ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް ސަރުކާރުން 3000 ރުފިޔާގެ އެލަވަންސެެއް ފޯރުކޮށްދޭން ނިންމައިފި އެވެ.

"ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުން ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅު ތެރެއަށް ދިރިއުޅުން ބަދަލުކޮށް އެތަނުގައި ވަޒަންވެރިވާން ބޭނުންވާ ފަރާރްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީއަށް އެދޭ ފަރާތްތަކުގެ ދަފްތަރު ބަލަހައްޓަން ޖެހެނީ ޖެންޑާ މިނިސްޓްރީންނެވެ. 

އެ ގަވާއިދުގައި އިތުރަށް ބުނީ އެހީއަށް އެދެންޖެހޭނީ ހާއްސަ ފޯމެއް މެދުވެރިކޮށް ކަމަށާއި އެގޮތުން ފޯމު ހުށަހަޅަން ޖެހޭނީ އެހީއަށް އެދޭ ފަރާތުން ވަޒަންވެރިވާ ރަށުގެ ކައުންސިލަށް ކަމަށެވެ. އަދި އެކަމަށް އެދޭ ފަރާތްތަކަށް 30 ދުވަހުގެ ތެރޭގައި އެފަރާތަކީ އެހީއަށް ޝަރުތު ހަމަވާ ފަރާތެއްކަން ނުވަތަ ނޫންކަން ޖެންޑާ މިނިސްޓްރީން އަންގާނެ އެވެ. 

އެ ގަވާއިދުގައިވާ ގޮތުން އެހީއަށް އެދޭ ފަރާތްތަކުގައި ޝަރުތުތަކެއް ވެސް ފުރިހަމަވާން ޖެހެ އެވެ. އޭގެ ތެރޭގައި އުމުރުން 18 އަހަރު ނުވާ އެއް ކުއްޖަކު ހުރުމާއެކު ވަޒަންވެރިވާން ބޭނުންވާ ރަށުގައި އެމީހަކަށް ހުރެވޭނެ އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނަން ޖެހެ އެވެ. އޭގެ އިތުރުން މާލޭ ސަރަހައްދުގައި އެމީހަކު ދިރިއުޅެމުންދާތާ މަދުވެގެން އަހަރުދުވަސް ވާންޖެހޭއިރު ފަގީރުކަމުގެ ހާލަތު ދެނެގަތުމަށް އެންސްޕާ އިން އާންމުކޮށްފައިވާ ގަވާއިދު ބުނާ މިންވަރަށް ވުރެ މަދުން އާމްދަނީ ލިބޭ މީހަކަށް ވެސް ވާންޖެހެ އެވެ. 

އޭގެ އިތުރުން އެ ގަވާއިދުގައި ވަނީ ޝަރުތު ހަމަވާ އާއިލާތަކަށް ހަ މަސް ވަންދެން 3000 ރުފިޔާ ދޭގޮތަށެވެ. އަދި ވަޒަންވެރިވުމަށް ދަތުރުކުރާ ރަށަށް ދިއުމަށް އެއްކޮޅު ޓިކެޓްގެ އިތުރުން، އެމީހަކު ބަދަލުވާ ރަށެއްގައި އުޅޭ ގެދޮރު މަރާމާތުކުރަން ޖެހިއްޖެނަމަ އެކަމަށް ހިނގާނެ ހަރަދުގެ އިންސައްތައެއް ވެސް ދޭނެ ކަމަށް ބުނެ އެވެ. 

މި އުސޫލުގައިވާ ގޮތުން ޝަރުތު ހަމަވެގެން ރަށަށް ފޮނުވާ އާއިލާތަކުގެ ހާލަތު އެއް އަހަރު ދުވަސްވަންދެން މޮނިޓާކުރާނެ އެވެ. 

ރަށަށް ބަދަލުވާން 500 އާއިލާއަކަށް އެހީ ދޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. އެކަމަށް 26.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް