ads
ކޮވިޑް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ--
ކޭސްތައް އިތުރުވެ އަނެއްކާވެސް ސިއްހީ ހިދުމަތްތެރިންނަށް ބުރަބޮޑުވަނީ!
މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއިން ކޮވިޑްގައި 16،000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ބަލިކޮށްލާފަ އެވެ. މި ބަލީގައި 51 މީހަކު ދުނިޔެއާ ވަކިވެގެން ގޮސްފައިވާ އިރު ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާނަމަ، މި ބަލިމަޑުކަމުން އަރައިގަނެވޭނެ ދުވަހެއް ހިތަށް ގެންނަން ވެސް ދައްޗެވެ. ތިންވަނަ ރާޅުގައި ގައުމު ގެނބެން ފަށާފައިވާކަން ފާއިތުވި ފަސް ދުވަހު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދުތައް 100 އިން މަތީގައި އުޅޭތީ އެނގި ހާމަވެ އެވެ.

ކޮންމެއަކަސް މި ރާޅުން ވެސް ގައުމު ސަލާމާތުގެ އައްސޭރިއަށް ގެންދިއުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ބަޔަކީ ސިއްހީ ހިދުމަތްތެރިންނެވެ. ކޮވިޑްގެ ކަންކަން ފެށުނީއްސުރެ ސިއްހީ ހިދުމަތްތެރިން ނިންޖާއި އަރާމު ނަގާލާއި ގައުމަށްޓަކައި ކުރަމުންދާ އެ މަސައްކަތްތަކީ މުޅި މި ދިވެހިރާއްޖެ ވެސް ފަހުރުވެރިވާނެ މަސައްކަތެކެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރީ ސަފަށް ސިއްހީ ހިދުމަތްތެރިން ނިކުތީ އެއްގޮތަކަށް ވެސް މީގެ ނުރައްކާތެރިކަން ނޭނގޭތީކީ ވެސް ނޫނެވެ. ހަމަ ރައްޔިތުންގެ ހައްގުގަ އެވެ. 

މިހެން ލިޔެލާއި ލިޔުމަކުން އެއްގޮތަކަށް ވެސް އެމީހުން މިވަގުތު އެކުރަމުންދާ މަސައްކަތުގެ އަގު ވަޒަނެއް ނުކުރެވޭނެ އެވެ. އެކަމަކު އެމީހުންނަށްޓަކައި މުޅި މުޖުތަމައަށް ވެސް މިވަގުތު ކުރެވެން އޮތް ކަމަކީ ފަރުދީ ޒިންމާ އަދާކޮށް ކޮންމެ ދުވަހަކު މި ފެންނަ ކޭސްތަކުގެ އަދަދު ދަށްކުރުމަށް އެހީތެރިވުމެވެ. ވަކިން ހާއްސަކޮށް، ކޮވިޑްގެ ތިންވަނަ ރާޅެއް އަރާއި ހަމަކުރިއިރު ކޮންމެ ރާޅެއް ވެސް ހިނދިގެންދާތާ މާގިނަ ދުވަސްތަކެއް ނުވެ އަނެއް ރާޅު ބޯމަތިކޮށްލުމުގެ ނަތީޖާއަކީ މިބުނާ ސިއްހީ ހިދުމަތްތެރިންނަށް ވެސް ހިންދެމިލަން ފުރުސަތެއް ނުލިބުމެވެ. ވަރުބަލިކަމާއެކު އަނެއް ދުވަހު ވެސް މަސައްކަތަށް ނިކުންނަން ޖެހުމެވެ. 

ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ހާއްސަކޮށް ނަރުހުުން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވި އެވެ. އެއީ ދެވަނަ ރާޅުގައި ގައުމު ގެނބެން ފެށި ވަގުތެވެ. އެ ވަގުތު ނޫސްވެރިންނާ ބައްދަލުކުރައްވާ، ޑރ. ނަޒްލާ ވަނީ ސިއްހީ ހިދުމަތްތެރިން އެގޮތަށް ވަރުބަލިކަމާއެކު މަސައްކަތްކުރުމުގެ ނަތީޖާއަކީ އެންމެ އެކަށީގެންވާ ގޮތަށް ބަލި މީހުންނަށް ވެސް އަޅާ ނުލެވުން ކަމަށެވެ. 

މިއަދު އަނެއްކާ ވެސް ރާއްޖޭގެ ހާލަތު މިދަނީ ގޯހުން ގޯހަށެވެ. ފެންނަ ކޭސްތައް އިތުރުވެގެންދާއިރު ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ވެސް އެމީހުން ވަރަށް ބޮޑަށް ވަރުބަލިވެފައިވާކަން ހާމަވާ ފަދަ ޓްވީޓްތައް ދަނީ ކުރަމުންނެވެ. އެކަމަކު ކިތަންމެ ވަރުބަލިވިޔަސް، ވެކްސިން ޖެހުމުގެ ކަންކަމާއި ބަލި މީހުންނަށް ހިދުމަތް ކުރަން ވެސް ތިބީ ހަމަ އެމީހުން ކަމަށް ބުނެ އެވެ. ހިތްވަރާއެކު އެކަމަށް ކުރިމަތިލާއިރު އެ މީހުން އެދެނީ އެކަމަށް ރައްޔިތުން ވިސްނުމަށެވެ. 

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާއިރު ފާހަގަކުރަވޭ އަނެއް ކަމަކީ ފިޔަވަޅުތަކަށް ވެސް ރަނގަޅަށް ބޯނުލެނބުމެވެ. މާސްކް އެޅުމާއި އިޖުތިމާއީ ގައިދުރުކަމާއި އަތްދޮވުން މަތިން ގިނަ ބަޔަކު ހަނދާން ނެތިއްޖެ އެވެ. ޕާޓީތައް ނުބޭއްވުމަށާއި އެއް ނުވާން ބުނުމުން އެކަން ވެސް ކުރަނީ އެވެ. މިކަމުން އަރައިގަނެވޭނީ ސިއްހީ ހިދުމަތްތެރިން ބުނާ ގޮތަށް ރައްޔިތުން ވެސް ވިސްނައިގެންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް