ads
އިދިކޮޅު އެއްވުން ރޫޅާލަން ފުލުހުން މަސައްކަތް ކުރަނީ-- ފޮޓޯ: ހީނާ ވަލީދު
ރައީސް ޖެހުމުން ނޫނީ ނުޖަހާނަމޭ ބުނި މީހުން މިހާރު ސުވާލު އުފައްދަނީ ޖެހި ވެކްސިނަށް!
ރާއްޖެއަށް ކޮވިޝީލްޑް ވެކްސިން ގެނައުމާއެކު އެކަން "ސިޔާސީ" ކޮށްގެން ތަފާތު އެކި ވާހަކަތައް ދަނީ ދައްކަމުންނެވެ. ވެކްސިންގެ ރައްކާތެރިކަމާއި ގުޅިގެން ތަފާތު އެތައް ސުވާލެއް ކުރިމަތިކުރި އެވެ. ރައްޔިތުން ޓެސްޓް މަރުހަލާގައި ބޭނުންކުރަނީ ކަމަށް ބުނެ އެތައް ޝައްކެއް ކުރި އެވެ. ދައުލަތުގެ ވެރިން ވެކްސިން ޖެހުމުން ނޫނީ ތިމަންނާ ވެކްސިން ނުޖަހާނެ ކަމަށް ބުނެ އެތައް ވާހަކަތަކެއް ދެއްކި އެވެ. ކޮންމެއަކަސް، މިއަދު ރާއްޖޭގައި ވެކްސިން ޕްރޮގްރާމު ފަށާފައިވާއިރު އެންމެ ފުރަތަމަ ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ދައުލަތުގެ އިސްވެރިން ހިމެނެ އެވެ.

ރައްޔިތުންގެ ހިތުގައި ވެކްސިނާ ގުޅިގެން އުފެދިފައިވާ ޝައްކާއި ވަހުމުތައް ނައްތާލާނެ ކަމަކަށް މިކަން ވެގެންދާނެ ކަމަށް އުއްމީދު ކުރެވުނަސް ހީކުރި ގޮތާއި ހިލާފަށް މިއަދު މިދަނީ އެ ބޭފުޅުން ޖެހި ވެކްސިނާ މެދު ސުވާލު އުފައްދަމުންނެވެ. 

ސޯޝަލް މީޑިއާއަށް ނަޒަރު ހިންގާލުމުން ފެނިގެންދަނީ އެފަދަ މަންޒަރެކެވެ. ވަކިން ހާއްސަކޮށް ވެކްސިން ޖެހުމުގެ ކަންކަން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ޕްރޮމޯޓްކުރަމުންދާ މިދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ވެރިން ޖެހީ ކޮވިޝީލްޑް ވެކްސިންތޯ ސުވާލުކުރަމުންނެވެ.

މިބޭފުޅުން ތުހުމަތުކުރާ ގޮތުގައި ރައީސް އާއި އަދިވެސް ދައުލަތުގެ އިސްވެރިން މިއަދު ޖެހި ވެކްސިނަކީ ފައިޒާ-ބަޔޯއެންޓެކް އިން ތައްޔާރުކުރި ކޮވިޑް ވެކްސިނެވެ. ފައިޒާ ވެކްސިން އެމެރިކާގައި ވެސް ދެމުން އަންނައިރު އެ ވެކްސިނަކީ ކާމިޔާބު ވެކްސިނެކެވެ. 

އިދިކޮޅުން މި ބަހުސްކުރަމުންދާ ގޮތަށް ނަޒަރު ހިންގާލާނަމެވެ. އެގޮތުން އިދިކޮޅަށް ތާއިދުކުރާ ފަރާތަކުން ހިއްސާކުރި އެއް ފޮޓޯއަށް ބަލާއިރު ފެނިގެންދަނީ ފައިޒާ ވެކްސިންގައި ކޮވިޝީލްޑްގެ ލޭބަލްއެއް ކަމަށް ބުނާ ލޭބަލެއް ހަރުކޮށްފައިވާ ކަމަށް ބުނާ ފޮޓޯއެކެވެ. އަދި ރައީސް ޖެއްސެވި ކަމަށް ބުނާ ވެކްސިންގެ ފޮޓޯއެއް ވެސް ފެނިގެންދެ އެވެ. ކޮންމެއަކަސް ތަފާތެއްގެ ގޮތުގައި ދެއްކީ ފައިޒާ ވެކްސިންގެ މައްޗާއި ކޮވިޝީލްޑް ވެކްސިންގެ މަތީގެ ފޮޓޯއެކެވެ. އަދި އެއާއި ރައީސް ޖެއްސެވި ކަމަށް މި ބުނާ ވެކްސިންގެ މަތީގެ ފޮޓޯއެއް ކަމަށް ބުނެ ފޮޓޯއެއް ވެސް ހިއްސާކުރި އެވެ. 

މި ފޮޓޯތައް ހިއްސާކޮށް ޕީއެންސީގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް ވިދާޅުވެފައި ވަނީ "މިވަރުވީމަ އެނގޭނެ" ކަމަށެވެ.

އިދިކޮޅުގެ ފަރާތްތަކުގައި އިސްކޮށް އުޅޭ އަހުމަދު ސިއްދީގަށް ބަލާއިރު އޭނާ ވެސް ވަނީ ރައީސް އާއި ދައުލަތުގެ އިސްވެރިން ޖެއްސެވި ވެކްސިނަށް ސުވާލު އުފައްދަވާފަ އެވެ. އެގޮތުން ސިއްދީގު ކުރިމަތިކުރި ސުވާލުތަކަށް ބަލާއިރު ވެރިންގެ ގަޔަށް ޖެހީ ފައިޒާ ވެކްސިންތޯ އާއި ކޮވިޝީލްޑް ޖަހަނީ އާންމުންގެ ގަޔަށްތޯ ހިމެނެ އެވެ.

އަދި ޔޫރަޕްގެ މޮޅު ވެކްސިން ވެރިންގެ ގަޔަށް ޖަހައި، އިތުބާރާމެދު ޝައްކު އުފެދިފައިވާ އިންޑިއާގެ ދެރަ ވެކްސިން ރައްޔިތުން ޖަހަން ސަރުކާރުން ބާރުއަޅަނީތޯ ވެސް ސުވާލު އުފެއްދި އެވެ. ސިއްދީގު ވަނީ ރައްޔިތުން ގަޔަށްވެސް ޖަހަންވާނީ މޮޅު އަގުބޮޑު ފައިޒާ ވެކްސިން ކަމަށް ވިދާޅުވެފަ އެވެ.

މިއަދު ހެނދުނު 9:00 ގައި މާލޭ ސިޓީ އާއި އައްޑޫ އަދި ކުޅުދުއްފުށީ ސިޓީގައި ވެކްސިން ޕްރޮގްރާމު ފެށިގެން ކުރިއަށްދާއިރު ސިއްހީ ހިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުނަށް ވެސް ވެކްސިން އަންނަނީ ދެމުންނެވެ. އެހެންނަމަވެސް މިހާތަނަށް ވެކްސިން ޖެހި އެއްވެސް މީހަކަށް ނޭދެވޭ ގޮތްތަކެއް ވެގެން އެކަން ރިޕޯޓްކުރެވިފައެއް ނުވެ އެވެ. 

ކޮންމެއަކަސް، އިދިކޮޅުން އެތައް ސުވާލެއް ކުރިމަތިވި ވެކްސިނެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްވެރިން ވެކްސިން ޖެހުމުން ދެން އޭގެ ނޭދެވޭ އަސަރެއް ނުކުރުމުން މޮޅު ބަހަނާތައް ދައްކާއި ރައްޔިތުން ގުނބޯ ހެއްދުމަށް އިދިކޮޅުން ކުރާކަމެއް ކަމަށް އަނެއް ބަޔަކު ދެކެ އެވެ. 

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ މައުލޫމާތަށް ބަލާއިރު މިހާތަނަށް ރާއްޖެއަށް އިންޑިއާއިން ހިލޭދިން އެއް ލައްކަ ޑޯޒްގެ ވެކްސިން ފިޔަވައި އިތުރު ވެކްސިނެއް އެތެރެއެއް ނުކުރެ އެވެ. އެކަމަކު އިތުރު ހަތް ލައްކަ ޑޯޒް ހޯދަން އެސްޓްރެޒެނެކާއާއެކު އެއްބަސްވުމެއް ހަދާފައިވާއިރު ފައިޒާގެ ވެކްސިން ވެސް ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެކަމަކު އަދި ކޮވިޝީލްޑް ފިޔަވައި އިތުރު ވެކްސިނެއް ރާއްޖެއަކަށް ނުގެނެ އެވެ. 

އެތައް ބައެއްގެ ލޯތްބާއި އިހުތިރާމާއި އިތުބާރު ވެސް ހޯދާފައިވާ މިފަދަ ސިޔާސީ ފަރާތްތަކުން ވެކްސިނާ ގުޅިގެން ތަފާތު އެކި ވާހަކަތައް ދެއްކުމުން ރައްޔިތުންގެ ހިތުގައި ވެކްސިނާ މެދު ބިރުވެރިކަން ވެސް ދަނީ އުފެދެމުންނެވެ. އެ ރައްޔިތުންގެ ސިޔާސީ ވެރިން ދައްކާ ވާހަކަތައް ގަބޫލުކުރާއިރު މިގޮތަށް މުޅި ގައުމަށް ދިމާވެފައިވާ ސިއްހީ ކަމެއްގައި ބަޔަކު މީހުން ދައްކާ ވާހަކަތަކެއްގެ ސަބަބުން ބިރުން ވެކްސިން ޖަހަން ބަޔަކު ދެކޮޅު ހަދައިފިނަމަ އޭގެ ނޭދެވޭ އަސަރު ވެސް މުޖުތަމައަށް ކުރާނެ އެވެ. 

މިކަމެއް ބޮޑުވެ އިއްޔެ އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ވެކްސިން ސިޔާސީ ނުކުރަން އެދިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް