ads
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު
ފްރަންޓްލައިންގައި މަސައްކަތްކުރާ ސިފައިންނަށް އެލަވަންސް ވަނީ ހަމަޖައްސާފައި: މިނިސްޓަރު
ޤައުމާއި ރައްޔިތުން، އެހީގެ އަތަކަށް އެދޭ ކޮންމެ ފަހަރަކު ހުޝިޔާރުކަމާއެކު ސިފައިންކުރާ މަސައްކަތް ބަަލައިގަންނަކަމަށާއި، ކޯވިޑް-19 އާ ދެކޮޅަށް "ފްރަންޓްލައިނާސް"ގެ ގޮތުގައި މަސައްކަތްކުރާ ސިފައިންނަށް އެލަވަންސް ފައިސާ މިހާރު ވަނީ ހަމަޖައްސާފަ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ "މިނިސްޓަރުގެ ގަލަންކޮޅުން'' ގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ސިފައިންނަކީ ދިވެހިރާއްޖެއަށް ދިމާވާ ޤުދުރަތީ ކާރިސާތަކާއި އަލިފާނުގެ ހާދިސާތަކާއި ކަނޑުމަތީގެ ހާދިސާތަކާއި އެނޫންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި، ރައްޔިތުންގެ ފުރާނަޔާއި މުދާ ސަލާމަތްކުރުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިސްވެ ހަރަކާތްތެރިވުމަށް، ސިފައިންގެ ގާނޫނުން މަތިކޮށްފައިވާ ބައްކަމަށެވެ.

އަދި ގައުމާއި ރައްޔިތުން، އެހީގެ އަތަކަށް އެދޭ ކޮންމެ ފަހަރަކު، "ފަސްޓް ރެސްޕޮންޑާސް"ގެ ގޮތުގައި، "ފްރަންޓްލައިން"ގައި ހުޝިޔާރުކަމާއެކު، ސިފައިން ކުރާ މަސައްކަތް އެންމެން ބަލައިގަންނަނީ ނުހަނު އުފަލާއި ޝުކުރާ އެކީގަކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

އެގޮތުން، ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ހިންގާ އޮޕަރޭޝަންތަކުގެ އެންމެ ކުރީ ސަފުގައިވެސް، ދިވެހި ސިފައިންދަނީ، ކަމާބެހޭ އެހެން އިދާރާތަކާއެކު، އެއްވެސް ފަސްޖެހުމެއް އަދި ވަރުބަލިކަމެއްނެތި، ރެއާއި ދުވާލު، ޙަރަކާތްތެރިވަމުންކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިހާރު ވަނީ، ކޮވިޑް-19 އާ ދެކޮޅަށް "ފްރަންޓްލައިނާސް"ގެ ގޮތުގައި މަސައްކަތްކުރާ ސިފައިންނަށް އެލަވަންސް ފައިސާ ހަމަޖައްސަވައިދެއްވާފަކަމަށާއި އެފައިސާއާ ބެހޭ ކަންކަމާމެދު ގޮތެއް ނިންމުމަށް، އޮންނަ އުސޫލުގެ ތެރެއިން، ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހެޅުމުން، އެމަޖިލީހުންވަނީ، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފަ ކަމަށެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:

  • ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް
  •  ކޮމަޑާންޓް ސާވިސް ކޯ ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގް
  •  ކޮމާންޑާ ނޮދަން އޭރިއާ ބްރިގޭޑިއާ ޖެނެރަލް އިސްމާއީލް ޝަރީފް
  •  ކޮމާންޑާ ސަދަން އޭރިޔާ ކާނަލް އިބްރާހީމް ރަޝީދު
  •  އެޖުޓަންޓް ޖެނެރަލް ކާނަލް މުހައްމަދު އިބްރާހީމް، ކޮމާންޑާ މާލެ އޭރިއާ ކާނަލް އަހްމަދު ޣިޔާސް
  • ކޮމާންޑާ ސެންޓްރަލް އޭރިއާ ކާނަލް އިބްރާހީމް ހިލްމީ އަދި ކޮމަޑާންޑް ކޯސްޓްގާޑް ކާނަލް މުޙައްމަދު ސަލީމް.
“އަޅުގަނޑު މިމައްސަލަ މަޖިލީހަށް ގެންދިޔައިރު، އެމަޖިލީހުގައި ދަންނަވާފައިވާނީ، ސިފައިންގެ ހިޔާލާއި މަޝްވަރާ ހިމެނޭހެން، މުޅި އަސްކަރިއްޔާއަށް އެންމެ ފައިދާހުރި ގޮތަށް އަދި ހުރިހާ ސިފައިންގެ މަސްލަހަތަށް ވިސްނަވައިގެން، އިންސާފުވެރިކަމާއެކު، ދެފުށްފެންނަ ގޮތެއްގައި، އެލަވަންސް ފައިސާޔާ ގުޅޭ އެންމެހާ ކަންކަން ކުރިއަށްގެންދެވުމަށެވެ”މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވަނީ ސިފައިންގެ ގާނޫނާ އެއްގޮތަށް، ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު، ގައުމީ ވާޖިބު އަދާކުރުމާއި ސިފައިންގެ ހުވާގެ މަތީގައި ފައިތިލަ ސާބިކޮށްގެން ދެމިތިބުމުގެ ހެޔޮ ތައުފީގު މިންވަރުކޮށްދެއްވާ ކޮވިޑް-19 ގެ ނުރައްކަލުން އެންމެން ސަލާމަތްކޮށްދެއްވުމަށްވެސް ދުއާ ދަންނަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް