ads
ރައީސް ސާލިހު ރިޔާސީ ބަޔާން ދެއްވަނީ:-
މިދިޔަ އަހަރު ގުރޫޕް މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައެއް ނުވޭ: ރައީސް
މިދިޔަ އަހަރުގެ ތެރޭގައި، ގުރޫޕް މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައިނުވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، އެމަނިކުފާނުގެ އެންމެ އިސް ވާޖިބަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުރައްކާތެރިކޮށް، ސުލްހަވެރިކަމާއެކު ދިރިއުޅެވޭނެ، އަމާން މާހައުލެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުން ކަމަށާއި، އެކަން ކަށަވަރުކޮށްދިނުމުގައި، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ސިފައިންނާއި، ދިވެހި ފުލުހުންގެ ހިދުމަތުގައި ހިމެނޭ އެންމެހައި ފުލުހުން އަންނަނީ، މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ. 

އެ ދެ މުއައްސަސާ ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު އުފެއްދުމަށްޓަކައި، ގާނޫނުތައް އިސްލާހްކޮށް، ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދުމަށް، މިދިޔަ އަހަރުގެ ތެރޭ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެކަމަށާއި، އެގޮތުން މިދިޔަ އަހަރުތެރޭ ގުރޫޕް މާރާމާރީތަކުގައި މީހެއްގެ ފުރާނަ ގެއްލިފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހި ފުލުހުންގެ ހިދުމަތް ޕްރޮފެޝަނަލްކޮށް، ނެއިބާހުޑް ޕޮލިސިންގެ އުސޫލުން ހިދުމަތް ދިނުމަށް، މިދިޔަ އަހަރުގެ ތެރޭގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު. ﷲގެ ރަޙްމަތްފުޅުން، މިދިޔަ އަހަރުގެ ތެރޭގައި، ގުރޫޕް މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައިނުވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން ކުޑަކުދިންކުރާ ކުށްތަކާއި، ކުޑަކުދިންނަށް ކުރާ ގޯނާތަކާއި، ގެވެށިއަނިޔާ އާއި ޖިންސީ ގޯނާތަކާ ގުޅުންހުރި ކުށްތައް ބަލައި ތަހުގީގުކުރުމަށް، ފުލުހުންގެ ތެރޭގައި ހާއްސަ ވިންގެއް މިދިޔަ އަހަރު ވާނީ އުފައްދާފައި. އޭގެ އިތުރުން، ސައިބަރ ކްރައިމްގެ މައްސަލަތައް ބެލުމަށް ޚާއްސަ ޑިޕާރޓްމަންޓެއް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތަށް އިތުރުވެގެންދާނެ. އަދި ލޯކަލް ޕޮލިސިންގް ޕްރައިއޯރިޓީގެ ދަށުން، މިއަހަރުގެ ތެރޭގައި، އިތުރު 42 ޕޮލިސް ސްޓޭޝަން ޤާއިމުކުރަން މިއަންނަނީ މަސައްކަތް ކުރަމުން. " ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު އައްޑޫގައި ހަދަމުން އަންނަ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓް ސެންޓާވެސް، މާތް ﷲގެ ވާގިފުޅާއެކު، މިއަހަރުގެ ތެރޭގައި ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ އަދި މިހާރު ފުލުހުންގެ ޤާނޫނީ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކާ އެކު، ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިގެންދާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް