ads
ވީޑިއޯ ރިޕޯޓް:
ފިޔަވަޅުތަައް ހަރުކަށި ކުރުން: ރައްޔިތުންނަށް ނުއުފުލޭ ވަރުގެ ބޮޑެތި ތަކުލީފުތަކެއް
ކޮވިޑުގެ ތިންވަނަ ރާޅެއް ރާއްޖެއަށް ބިންދާލީ، ވެކްސިނެއް ހޯދުމުގެ މަސައްކަތުގައި ރާއްޖެ ގެނބިފައި ވަނިކޮށެވެ. އޭރު އަދަދުތައް މަދު ކުރެވިފައި އޮތުމާއިއެކު، ރައްޔިތު މީހާއިން ފެށިގެން ކަމާއި ގުޅުން ހުރި އިދާރާތަކުން ވެސް ހާލަތަށް ވުރެ ބޮޑު ސަމާލުކަމެއް ދިނީ، ވެކްސިނެއް ލިބޭނެ ދުވަހަކާއި، ލިބޭ ވެކްސިނަކާއި، އެ ޖެހޭނެ ތާރީހަކާއި މެދުއެވެ. ނަމަވެސް އޭރު ފަހަތުން ނަގަމުން އައީ ކޮވިޑުގެ އާ ވޭރިއަންޓު ވެސް ހިމެނޭ ގޮތަށް ތިންވަނަ ރާޅެކެވެ.

ކުރަމުން އައި އިންތިޒާރަށް ނިމުމެއް އައިސް ވެކްސިނެއް ލިބި، އެކަމުގެ އުފާ ފާޅުކޮށް، ޕޯޑިއަމްތަކުގައި އެކަމުގެ ވާހަކަ ދައްކަން ފެށިއިރު ފަރުދާގެ އަނެއް ފަރާތުގައި އެއް ބަޔަކު އުޅުނީ ސިޔާސީ އެތައް ޑިމާންޑެއް ހިފައިގެން ސީދާ ހަރަކާތުގައި މަގުމަތީގައެވެ. އޭރު ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު އެވްރެޖްކޮށް 20 އިން ދަށުގައި ހުރިއިރު ކުއްލިއަކަށް އެ އަދަދުތައް އަރައިގެން ދިޔައީ 100 އިން މައްޗަށެވެ. ދެން އިވުނީ އާ ވޭރިއަންޓު ވެސް ރާއްޖެއިން ފެނިގެން އުޅޭ ހަބަރެވެ. އެއާ ހިސާބުން ތިންވަނަ ރާޅެއް ބިންދާލައިފިކަން ގަބޫލުކުރެވި ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް އިހަށް ވުރެ ވަރުގަދަކޮށް ހަރުކަށި ކުރެވުނެވެ. ނަމަވެސް ހަގީގަތުގައި އެކަން ފެންނަނީ ދެކޮޅު ޖެހޭ ގޮތަކަށް ނޫނެވެ. 

ފިޔަވަޅުތައް ހަރުކަށިވީ ނަމެއްގައެވެ. ހަރުކަށިވީ ވަކި ބަޔަކަށެވެ. އަނެއް ބަޔަކަށް ހާއްސަ ހުއްދައަކާއި ގައިޑްލައިނެއްގެ ދަށުން ބޭނުންވާ ކަމެއް ކުރެވެއެވެ. މި ފަހަރު ވެސް ތަކުލީފުތައް އުފުލަން ޖެހެނީ ނިކަމެތި އާންމު ރައްޔިތު މީހާއަށެވެ. މިކަން ބަޔާންކޮށް މަދު މިސާލެއް ޖަހާލެވޭތޯ މަސައްކަތް ކުރާނަމެވެ. 

ފިޔަވަޅުތައް ވަރުގަދަކޮށް ހަރުކަށި ކުރުމުން އާންމު ރައްޔިތުންނަށް އެންމެ ގިނަ ތަކުލީފުތަކެއް އެކަމުން އުފުލަން ޖެހުނީ ރޭގަނޑު 8 ގެ ފަހުން ވެހިކަލް ދުއްވުން މަނާކޮށް ކާފިއު ވަގުތު 11 އިން ފަތިހު 4 އަށް ހަމަޖެއްސުމާއި އެކުގައެވެ. 8 ޖެހުމާއި އެކު މާލޭގެ މަގުތައް މަތީ ފުލުހުން ފޯރިމަރަން ފަށައެވެ. ކުރިން ދޭ ނަސޭހަތެއް މިހާރަކު ނުދެއެވެ. ސައިކަލުގައި ދާމީހާ ވަގުތުން ކުރަނީ ޖޫރިމަނާއެވެ. ރައްޔިޔުންނަށްޓަކައި ރައްޔިތު މީހާ ޖޫރިމަނާ ކުރަނީއެވެ. 

ރޭގަނޑު 8 ގެ ފަހުން ޑެލިވަރީގެ ހިދުމަތް ވެސް ބަންދުވީއެވެ. ޑެލިވަރީ ކުރުމަށް ވެހިކަލްގައި އުޅޭ ފަރާތްތައް ވެސް މިހާރު ކުރަނީ ޖޫރިމަނާއެވެ. އަނެއްކޮޅުން ބައްޔެއް ވެގެން ހޮސްޕިޓަލަށް ދާން ބޭނުންވާ މީހާ ވެސް އެ ގަޑީގައި ނަމަ ޖެހެނީ ލާރި ދީފައި ޓެކްސީއެއްގައި ދާށެވެ. ސައިކަލެއްގައި ގޮސްފިނަމަ ކުރާނީ ޖޫރިމަނާއެވެ. މިހެން ގޮސް އެތައް އެތައް ތަކުލީފެކެވެ. 

އެއްވެ އުޅުމާއި ހަފްލާތައް ބޭއްވުން އަނެއްކާވެސް މަނާވެގެން ދިޔައީ ވެސް އާއްމު ރައްޔިތު މީހާއަށެވެ. އާންމު ރައްޔިތު މީހާ ކިތަންމެ ކުޑަ ހަފްލާއެއް ވެސް މިހާރު ބާންވަން ޖެހެނީ ވާޗުއަލްކޮށެވެ. ނަމަވެސް ސިޔާސީ ގޮތުން ކުރާ ކެމްޕެއިންތައް ބައްލަވާށެވެ. ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ހަރަކާތްތަކަށް ކުޑަވެސް މަޑުޖެހުމެއް ނާދެއެވެ. ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމުގެ ނަމުގައި ވެސް ހަފްލާތައް އެބަ ބާއްވައެވެ. އެންމެ ފަހުން ނަމޫނާ ދައްކަވަން ތިއްބެވި ސަރުކާރުގެ އެންމެ އިސް ފަރާތްތަކަށް ވެސް ދެއްކުނީ ނަމޫނާއެއް ނޫނެވެ. ވަޒީރުންނާއި ސަފީރުންނާއި ދެން ވެސް ތިއްބެވި އިއްޒަތްތެރިން އެއްކުރައްވައިގެން، ގައިޑްލައިނެއްގެ ތެރެއިން ނަމަވެސް ރިޔާސީ ބަޔާން އިއްވެވީ ވެސް ހަމަ ހަފްލާއެއް ބާއްވައިގެންނެވެ. ވާޗުއަލްކޮށެއް ނޫނެވެ. 

މި ހުރިހާ ކަމެއް ވެސް މިހެން ހުރީ ސިއްހީ ގޮތުން އަދުގެ ހާލަތު އޮތް ގޮތުގެ ސަބަބުންނެވެ. ކުޅިވަރު ކުޅުމާއި އެއްވެ އުޅުމާއި ދެން ވެސް ހުރި ކަމެއް މަނާވެފައި އޮޮތް ނަމަވެސް މާލޭގެ ބައެއް ސަރަހައްދުތަކަށް ބަލާލަމާތޯއެވެ. އެންމެ ފުރަތަމަ މާރުކޭޓް ސަރަހައްދަށް ބަލާލި ކަމުގައި ވިޔަސް ގައިދުރުކަމާއި ގައިޑްލައިން ފޮލޯ ނުކުރާކަން ވަރަށް ރަނގަޅަށް ފެންނާން ހުންނާނެއެވެ. ޖޫރިމަނާއެއް ކުރޭތޯއެވެ. ކްރިމިނަލް ކޯޓު ސަރަހައްދާއި، ޕޮލިސް ކަސްޓޯޑިއަލް ސަރަހައްދާއި ދެން ވެސް ބާރުބޮޑު މަގުތަކުގައި ފިޔާތޮއްޓާއި ރަތް ދިދަ ހިފައިގެން އެއްވާ މީހުންނަށް ބައްލަވާށެވެ. ޖޫރިމަނާއެއް ކުރޭތޯއެވެ. ނަމަވެސް ޖޫރިމަނާކޮށްފާނެތީ ބިރުން ކިތަންމެ ބޮޑު ކަމެއް ދިމާވެގެން ވިޔަސް ރައްޔިތު މީހާ ރޭގަނޑު 8 ގެ ފަހުން ނިކުންނަން ޖެހޭނީ ފައިމަގުގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް