ads
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ދައުލަތުން އެދިފައެއް ނުވާނެ: ޕީޖީ
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ކޯޓުން އެ އަމުރު ބާތިލުކޮށް އަލުން ޕާސްޕޯޓް ހަވާލުކުރި މައްސަލައިގައި ދައުލަތުގެ ފަރާތުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް އެދިފައި ނުވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން މިހެން ބުނެފައިވަނީ މި މައްސަލައިގައި އެ އޮފީހުން މިއަދު އާންމު ކުރި ނޫސް ބަޔާނެއް ގައެވެ.

އެގޮތުން އާންމުވެފައިވާ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްފައިވަނީ ޕީޖީން އެދިގެން ކަމަށް ބުނެ ލިޔުމުގައި އެފަދައިން އޮތީ ކޯޓުގެ "އިދާރީީ އޮޅުމެއް"ގެ ސަބަބުން ކަމަށް ޕީޖީން ބުނެފައިވެއެވެ. އަދި އެއީ އެއްވެސް ހާލަތެއްގައި ޕީޖީން އެދިގެން ނެރެފައިވާ އަމުރެއް ނޫން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގައި ނެރެފައިވާ އަމުރަކީ، އާންމުކޮށް މި ބާވަތުގެ އަމުރު ނެރުމުގައި އަމަލު ކުރާ އުސޫލުތަކާއި ހިފާލަށް އަމަލުކޮށްފައިވާ މައްސަލައެއް ކަމަށް ޕީޖީން ބުނެފައިވެއެވެ. އަދި އެ މައްސަލަ ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މައްސަލައިގެ އެންމެ ފަހުގެ ޝަރީއަތުގައި، ޖާމިނުކޮށް ޕާސްޕޯޓު ދޫކުރުމަށް ދައުލަތުން އިއުތިރާޒް ކުރާ ކަމަށް ބުނެފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި ޕީޖީގެ މި ނިންމުމަކީ އަލީ ވަހީދު ރާއްޖެއިން ފުރާ ހިސާބުން ފެށިގެން އޭނާގެ މައްޗަށް އެ އަމުރު ތަންފީޒު ނުކުރެވޭނެތީ، އަދި މީހަކު ޖާމިނު ކުރިކަމުގައި ވީނަމަވެސް އަލީ ވަހީދުގެ ޖާމިނު ޒިންމާ ކުރެވޭނެ ކަމާމެދު ޔަގީން ކަމެއް ނެތުމުން ކަމަށް ޕީޖީން ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން އަލީ ވަހީދަކީ މީގެ ކުރިންވެސް ތަހުގީގަށާއި ޝަރީއަތަށް ހުރަސް އެޅޭނެހެން ފުރައިގެން ދިއުމަށްފަހު، އެނބުރި ނައިސް ހުރި މީހެއް ކަމަށާއި، ޕާސްޕޯޓު ދޫކޮށްފިނަމަ، ރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް މަޑުކޮށް، ހެކި ނައްތާލާ، މައްސަލައިގެ ޝަރީޢަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްހާ ހިނދަކު އެނބުރި ނައުމުގެ ފުރުސަތު އަލީ ވަހީދަށް އޮތް ކަން ދައުލަތުން ޝަރީއަތުގައި ފާހަގަ ކުރި ކަމަށް ޕީޖީން ބުނެފައިވެއެވެ.

ޕީޖީން ބުނީ ޝަރީޢަތުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ނިންމާފައިވަނީ، އޭނާއަކީ އެހެން ރިކޯޑެއް އޮތް މީހަކަށް ނުވާތީ، ޑޮކްޓަރުގެ ވާހަކަތަކަށް ބިނާކޮށް، މީހަކު ޖާމިނު ކުރުމަށް ފަހު ކަމަށެވެ. ޖާމިނު ކުރުވަނީ ކާކުތޯ ޝަރީއަތުން ސުވާލު ކުރުމަށް އަލީ ވަހީދު ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ އަސްއަދު އަލީ (އަޑުބަރޭ) އޭނާއަށް ޖާމިނުވާނެ ކަމަށް ބުނެފައިވާ ކަމަށް ޕީޖީން ފާހަގަ ކުރިއެވެ. 

ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ނިންމި ލިޔުމާއި، ޖާމިނުކުރި ލިޔުން ދައުލަތާއި ހިއްސާ ކުރުމަށް އެދިފައިވާނެ ކަމަށާއި، ނަމަވެސް މިހާތަނަށް އެ ލިޔުންތައް ދައުލަތާ ހިއްސާކޮށްފައި ނުވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި މި މައްސަލައިގައި އަލީ ވަހީދު ހުށަހެޅި މެޑިކަލް ރިކޯޑުތައްވެސް ދައުލަތުން އެދިފައިވީނަމަވެސް، މިހާތަނަށް ދައުލަތަށް ލިބިފައި ނުވާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން މި ނިންމުން ނިންމާފައިވާއިރު، އަލީ ވަހީދު ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ. އަދި އެފަދަ މައުލޫމާތެއް ޕީޖީއަށްވެސް ލިބިފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް