ads
ވީޑިއޯ ރިޕޯޓް:
ލޭ ކައްކުވާލައިފި!
ދިވެހިންނަކީ އަބަދުވެސް ގައުމީ ކަންކަމުގައި އެއްބައިވަންތަ ކަމާއި ގައުމީ ރޫހު ދެއްކުމުގައި ނަމޫނާ ބައެކެވެ. އެގޮތުން ފަހަކަށް އައިސް ދިވެހިންގެ އެއްބައިވަންތަކަން އެއްމެ ގިނައިން ފެންނަނީ ކުޅިވަރުގެ ތެރެއިންނޭ ބުނުމުން ދޮދަކަށް ނުވާނެއެވެ. މި ނަމޫމާ މިއަދު ދިވެހިން އަނެއްކާވެސް ދެއްކީ ކުޅިވަރުގެ ތެރެއިންނެވެ.

މިއަދު މުޅި މީސްމީޑިއާ ބަންޑުންކޮށްލީ، ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ، އަދި އެދެކުޅުންތެރިއަކަށްޓަކާ މުޅި ގައުމު ފަހުރުވެރިވާ އަލީ އަޝްފާގް ( ދަގަނޑޭ ) އައި އަކްރަމް އަބްދުލްގަނީ ( އަކޫ ) ގެ ދިފާއުގައި ތެދުވެ ގައުމީ ރޫހު ދައްކުވައިދީގެންނެވެ. ދީނީ ގޮތުން ހައްސާސްކަމެއް އެކުލެވޭ މައުލޫއެއްގައި ފެށުނު ބަހުސެއްކަމަކު މުޅި މީސް މީޑިއާގައި މިއަދު ފެނިގެންދިޔައީ، އެންމެ އާދައިގެ އާންމު ރައްޔިތު މީހާއިން ފެށިގެން މިނިސްޓަރުންނާއި ހަމައިންވެސް، އެދެކުޅުންތެރިން ގައުމަށްޓަކާ ވެދިން ގުރުބާނީގެ ސަބަބުން ދިވެހިންގެ ހިތުގައި އުފެދިފައިވާ ކުލުނު ހާމަކޮށް ޖަޒުބާތުތައް ބަނޑުންކޮށްލިތަނެވެ. 

މި ބަހުސް އެންމެ ފުރަތަމަ ފެށުނީ، މީސްމީޑިއާގައި މީހާކު ދޫކޮށްލި ޕޯސްޓަކުންނެވެ. ރައްޓެއްސަކު ބުނި އެއްޗެއް ކަމަށް ފާހަގަކޮށް، ދަގަނޑޭ އާއި އަކޫގެ ފޮޓޯ ބޭނުންކޮށްގެން، އެދެކުޅުންތެރިންނަކީ ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ، ނުވަތަ ހަރުކަށި ފިކުރުގެ ދެމީހުންކަން ދޭހަވާފަދަ އިބާރާތެއް ޓްވީޓާގައި ޕޯސްޓް ކޮށްލި ހިސާބުންނެވެ. ދަގަނޑޭއާއި އަކޫގެ ފޮޓޯ ހިއްސާކުރުމަށްފަހު އެ ޕޯސްޓުގައި ވަނީ، ދެ ސުވާލެއް އުދައްދާފައެވެ، އެގޮތުން، ސީރިއާއަށް ހަނގުރާމައަށް ދާން ތައްޔާރުވެފައި ތިބި ބަޔަކު ފުޓުބޯލަ ކުޅޭތަން ބަލަން މިހާރު ދަނޑަށް ދާނެތޯ އާއި، މެޗުން ބަލިވެއްޖެނަމަ ދަނޑުވެސް ގޮއްވާލަފާނެ ކަމަށާއި އެހެންކަމުން ސިޑިބަރީގައި އިންނަން ދާނީ ކޯކުތޯ ވަނީ ސުވާލު އުފައްދާފައެވެ. 

މި ޓްވީޓާއިއެކު ދެން ފެނިގެންދިޔައީ އެތައް ބަޔަކު އެދެކުޅުންތެރިނަން އެ ޕޯސްޓުގައި ކޮށްފައިވާ ތުހުމަތުތައް ކުއްވެރިކޮށް ހިތުގެ އުދާސްތައް މީސްމީޑިއާއަށް ބަނޑުންކޮށްލިތަނެވެ. އެގޮތުން އެދެކުޅުންތެރިންނަކީ ގައުމީ ދެ ބަތަލުން ކަމަށާއި، ސާބިތު ނުހިފޭ އެދަތަ ތުހުމަތުތައް ނުކުރުމަށް އެތައް ބަޔަކު ގޮވަންފެށިއެވެ. އަދި އެދެ ކުޅުންތެރިންނަކީ ދިވެހި ގައުމަށް ރީތި ނަމާއި ފަހުރު ހޯދައިދިނުމަށް ގުރުބާން ވެފައި ތިބި ދެކުޅުންތެރިން ކަމަށާއި އެދެކުޅުންތެރިންނަށް ކުޑައިންވެސް ކަމެއް ވާގޮތަށް ވާހަކަ ދައްކާނަމަ ކުޅެވެނީ ދިވެހިންގެ ލެޔާ ކަމަށްބުނެ ގިނަ ބަޔަކު ވަނީ ދިފާއުގައި ޝުއޫރު ފާޅުކޮށްފައެވެ. 

އެ ޓްވީޓާއިއެކު ދަގަނޑޭ އާއި އަކޫގެ ދިފާއުގައި ތެދުވީ ހަމައެކަނި ލޭ ކެކުނު ސަޕޯޓަރުން ނުވަތަ އާންމު ފަރުދުން އެކަންޏެއް ނޫނެވެ. ގައުމީ ފުޓުބޯޅަ އެސޯސިއޭޝަން އާއި، އެ އިދާރާގެ ވަކިވަކި އިސް ވެރިންގެ އިތުރުން، ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބުތަކާއި، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ކުލަބު ޖަމްއިއްޔާތަކުންވެސް އެކުޅުންތެރިންނަށް ކުރި ތުހުމަތުތައް ކުއްވެރިކޮށް ނޫސްބަޔާން ނެރުނެވެ. ރާއްޖޭގެ ކުޅިވަރު އާއިލާގެ އެކި ހިއްސާދާރުންވެސް ޝުއޫރު ފާޅުކޮށް ދަގަނޑޭ އާއި އަކޫގެ ދިފާއިގައި ތެދުވިއެވެ. އޭގެ ތެރޭގައި ފުޓުބޯޅަ އާއިލާގެ އެކި ފަރާތްތަކާއި އަދި އެހެން ކުޅިވަރުތަކަށް ނިސްބަތްވާ ޝަހުސިއްޔަތުތައް ހިމެނެއެވެ. 

މީގެއިތުރުން މިކަމުގައި އިތުރައް ގައުމީ ކުލަޖެހި އެދެކުޅުންތެރިންގެ ދިފާއުގައި ތެދުވި ސަޕޯޓަރުންނަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމެއް ކަމަށްވީ، މިނިސްޓަރުންނާއި، ކުރިއާއި މިހާރުގެ ސަރުކާރުގެ އިސްވެރިން އެދެކުޅުންތެރިންގެ ދިފާއުގައި ތެދުވި ތެދުވުމަށެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންގެ ތެރޭގައި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް އާއި، ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އާއި، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފާހަގަކޮށްލެވެއެވެ. 

މިނިސްޓަރު މަހުލޫފް ވިދާޅުވެފައިވަނީ، އަޝްފާގް އާއި އަކުރަމް އަކީ ގައުމީ ބަތޮލުން ކަމަށާއި، ތުނބުޅި ދިގުކޮށް ބުރުގާ އަޅާފައި ތިބޭ މީހުންނަކީ ހައްދުފަހަ އަޅާފައިވާ ބައެއްކަމަށް ދެކޭ ވިސްނުން ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި މުޖުތަމައުއެއްގައި ތަފާތު ވިސްނުމުގެ މީހުން އުޅޭނެ ކަމަށާއި ހިޔާލު ތަފާތިވިޔަސް އަހުތިރާމް ކުރަން ދަސްކުރަންޖެހޭކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ. 

މިނިސްޓަރު އިމްރާން ކޮށްފައިވާ ޓްރީޓުގައި ވަނީ ކުޅިވަރަކީ ދިވެހިން އެންމެ ބޮޑަށް އެއްބައިވަންތަަ ކުރުވާ ވަސީލަތް ކަމަށާއި، ހާއްސަކޮށް ފުޓުބޯޅަ އަކީ ދިވެހިންގެ ލެޔާއި ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ދިވެހިންނަށް ރަން ކާމިޔާބީތައް ހޯދައިދީފައިވާ އަދި ދިވެހިން އެބަޔަކަށްޓަކައި ފަހުރުވެރިވާ ފުޓުބޯޅަ ލެޖެންޑުންނަށް ފުރައްސާރަ ކުރުމަކީ ދެރަކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ. 

ކޮންމެއަކަށް ހައްސާސް ބޮޑު މައުލޫއު އެއްގެ ތެރެއިން އުފެދުނު ބަހުސްގައި ގިނަ ބަޔަކު ދަގަނޑޭއާއި އަކޫ ދިފާއުކޮށް ކުޅިވަރުގެ ތެރެއިން އަނެއްކާވެސް ދިވެހިންގެ އެއްބައިވަންތަ ކަމާއި، ގައުމީ ރޫހު މިވަނީ އަނެއްކާވެސް ދައްކުވައިދީފައެވެ. ގިނަ ފަރާތްތަކުން ސިފަކުރި ގޮތައް ހަގީގަތުގައިވެސް އެދެކުޅުންތެރިންނަށް ކުރި ތުހުމަތުތަކާއިއެކު ދިވެހިންގެ ލޭ ކައްކުވާލައިފިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް