ads
އިޒްކާ
އެއް އަހަރުގެ އިޒްކާ، ހިތުގެ ބަލީގައި ބޮޑު ވޭނެއްގައި، ބޭނުންވަނީ އެހީއެއް!
އެއް އަހަރުގެ ލޯބި ލޯބި މައުސޫމް އިޒްކާއަކީ ދެމަފިރިއެއްގެ އަލަތު ދަރިފުޅެވެ. އެމީހުންގެ ދެލޮލުގެ ނޫރެވެ. ހިތުގެ ވިންދެވެ. ނަމަވެސް އެ މައުސޫމް ފުރާނަ މިއަދު ތަހައްމަލު ކުރަމުންދަނީ ވޭނާއި ކެކުޅުމެވެ.

އަލަތު ކައިވެނީގެ އަލަތު ދަރިފުޅަކީ ކޮންމެ ދެމަފިރިއެއްގެ ވެސް އުންމީދާއި ހުވަފެންތައް ގުޅިފައިވާ ފުރާނަ އެކެވެ. އެގޮތުން ގއ. ކޮލަމާފުއްޓަށް ނިސްބަތްވާ ނަޖުދާ އަހުމަދު އާއި އޭނާގެ ފިރިމީހާ ގދ. ވާދޫއަށް ނިސްބަތްވާ އިޒާމް ޒާހިރު ވެސް ދިޔައީ ދެ އަހަރުގެ ކައިވެނީގައި ފައްކާވެ ހަރުލަމުން ދިޔަ މޭވާއަށް އިންތިޒާރު ކުރަމުންނެވެ.

ނަމަވެސް ވިހާ ދުވަސް ފާއިތުވެގެން ގޮސް ނަޖުދާ ވިހަން އުޅުމުގެ ތެރޭގައި ދަރިފުޅުގެ ހިތުގެ ވިންދު ދައްކަން ފާހަގަވުމުން އަވަހަށް ސިޒޭރިއަންކޮށް ދަރިފުޅު ނެގިއެވެ. އެ ދެމަފަރިންގެ ދެ ލޮލުގެ ނޫރު، ތުއްތު އިޒްކާ ދުނިޔެއަށް އުފަން ވިއެވެ. 31 ޖެނުވަރީ 2020 ގައެވެ. ނަމަވެސް ފައިދަށުން ބިންގަނޑު ދަމައިގަނެގެން ދިޔައީ ދަރިފުޅުގެ ނާޒުކު ހިތުގައި މައްސަލައެއް އުޅޭ ކަމަށް ޑޮކްޓަރު ބުނުމުންނެވެ. އެ ދެމަފިރިންގެ ހިތް ކުދި ކުދިވެގެން ދިޔައެވެ.

މިހާރު އިޒްކާއަށް އެއް އަހަރު ފުރިފައިވާ އިރު އޭނާގެ މަންމަ ނަޖުދާ ސީއެންއެމްއަށް ވަނީ ދަރިފުޅުގެ ބަލި ހާލަތު މާޔޫސްކަމާ އެކު ކިޔައިދީފައެވެ. ނަޖުދާ ކިޔައިދިން ގޮތުގައި އިޒްކާގެ އޮޕަރޭޝަން ކުރުމަށް ޑޮކްޓަރު ބުނެފައިވަނީ ހަ މަހާއި ނުވަ މަހުގައި ކަމަށެވެ. ނަމަވެސް ހާލަތު ހުރި ގޮތުން އޭރު އޮޕަރޭޝަން ކުރެވެން ނެތުނީ ކަމަށެވެ. އަދި މިހާރު ދަރިފުޅުގެ އޮޕަރޭޝަން ކުރުމަށް ވަރަށް ލަސްވެއްޖެ ކަމަށާއި ވީހާވެސް އަވަހަށް އޮޕަރޭޝަން ކުރުމަށް ޑޮކްޓަރު ވަނީ އަންގާފައި ކަމަށް ވެސް އިޒްކާގެ މަންމަ ކިޔައިދިނެވެ.

މީގެ އިތުރުން ނަޖުދާ ބުނީ ތުއްތު އިޒްކާ ރޯއިރުގައި އަތާއި ތުންފަތް ނޫފައި ގަންނަ ކަމަށާއި ދަރިފުޅުގެ ވޭނާއި ބަލިހާލަތު ފެނުމުން ހިތަށް ކެތް ކުރަން ވަރަށް ދަތި ކަމަށެވެ. އަދި ވީހާވެސް އަވަހަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފުރަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ނަޖްދާ ފާހަގަކުރިއެވެ.

އިޒްކާގެ ބައްޕަ އިޒާމް މައުލޫމާތުދެމުން ބުނީ އާއިލާއަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ މަސްވެރިކަން ކަމަށާއި އިޒްކާއަށް ފަރުވާކުރުމަށް މާލެ އައި ފަހުން އޭނާއަށް މަސްވެރިކަމަށް ނުދެވޭތީ އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން އިޒްކާއަށް ފަރުވާ ކުރުމަށް އިންޑިއާގެ ކޮޗިންއަށް ދިޔުމަށް ވެސް ދަތިތަކެއް ވަނީ ކުރިމަތިވެފައި ކަމަށެވެ. އަދި ބޭރަށް ފުރުމަށް ޓިކެޓު ބުކްކޮށްފައި ވީނަމަވެސް ވިސާ ހަމަޖެހިފައި ނެތުމުން އަދި ޓިކެޓު ނުނަގާ ކަމަށް ވެސް އިޒާމް ބުންޏެވެ.

ހަމަ އެއާއެކު އިޒާމް ވަނީ އާސަންދައަށް އެދުނުކަން ވެސް ފާހަކޮށްފައެވެ. ނަމަވެސް އިޒްކާގެ އޮޕަރޭޝަންއަކީ ރާއްޖެއިން ކުރެވޭ އޮޕަރޭޝަންއެއްކަން ޑޮކްޓަރު ފާހަގަކޮށްފައި ވާތީ އާސަންދަ ނުލިބުނު ކަމަށް އިޒާމް ބުންޏެވެ.

އެހެންކަމުން އެ ދެމަފިރިންގެ ވެސް އެދުމަކީ ލޯވިބާ ދަރިފުޅަށް އަވަހަށް ފަރުވާ ހޯދައިދިނުމަށެވެ. އަދި މިކަމުގައި އެންމެންގެ ދީލަތި އެހީ ވެސް ތުއްތު އިޒްކާ އާއި އޭނާގެ އާއިލާއިން ބޭނުން ވެއެވެ.

އެކައުންޓު ނަންބަރު: 7730000309232

އިޒާމް ޒާހިރު (އިޒްކާގެ ބައްޕަ)- 7620807

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް