ads
ފޮޓޯ: ފުލުހުން
72 ކިލޯ މަސްތުވާތަކެތި އެތެރެ ކުރި ބަޔަކަށް ދައުވާ ކުރަން ފޮނުވައިފި
ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ބަޔަކަށް ދައުވާ ކުރުމަށް ފޮނުވައިފި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މައުލޫމާތުދިން ގޮތުގައި ދައުވާ ކުރަން ފޮނުވާފައިވަނީ ސ. ހުޅުދޫ ދޭލިޔާގެ، އިރުފާން ތަގިއްޔު އަދި ރ. އިނގުރައިދޫ އެލެސްކާ، މުހައްމަދު ވިސާމް އިސްވެ ތިބެ "މަސްޖަރީ 2" ނަމަކަށް ކިޔާ ދޯންޏެއްގައި، ބަރުދަނުގައި 72 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރި ކަމަށް ތުހުމަތުކުރެވުނު މައްސަލައާއި ގުޅިގެންނެވެ. މި މީހުންނަށް ދައުވާ ކުރަން ފޮނުވީ އިއްޔެ ކަމަށް ޝަފީއު ވިދާޅުވިއެވެ. 

އެގޮތުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ 10 މީހެއްގެ މައްޗަށް އުފުލާފައިވެއެވެ. މި ދައުވާ އުފުލާފައިވަނީ؛ 

  1. ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު
  2. ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިސާމް
  3. ރ. އިނގުރައިދޫ، އެލެސްކާ، އަބްދުﷲ ވިސާމް
  4. ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަހުމަދު ނަސީރު
  5. ކ. މާލެ، ހ. ގާރޑަންބިޔުޓީ، މުހައްމަދު އަކުރަމް
  6. ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުހައްމަދު ޝަރީފް
  7. ލ. ގަން-ތުނޑި، ޕެރިސްހޮލިޑޭ، މުހައްމަދު ފުރުގާން
  8. ރ. ރަސްގެތީމު، ފީރޯޒްގެ، އަހުމަދު ޝިނާން
  9. ތ. ތިމަރަފުށި، ތަނޑިރަތްމާގެ، މުހައްމަދު ވަޖީހު، އަދި
  10. ކ މާލެ، މއ. ކަނޑޫގެ، އަލީ އަހުމަދު އެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ތިން މީހެއްގެ މައްޗަށް އުފުލާފައިވެއެވެ. މި ދައުވާ އުފުލާފައިވަނީ ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަހުމަދު ނަސީރު، ކ. މާލެ، ހ. ގާޑަންބިޔުޓީ، މުހައްމަދު އަކުރަމް އަދި ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުހައްމަދު ޝަރީފްގެ މައްޗަށެވެ.

މި މައްސަލައާއި ގުޅިގެން މީގެ ކުރިން މައުލޫމާތު ދެމުން ފުލުހުން ވަނީ ފުލުހުން ހިންގި ހާއްސަ އޮޕްރޭޝަނެއްގެ ދަށުން، "މަސްޖަރީ" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު 8 ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުމުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ހޯދާފައިވަނީ ކާރެއްގެ ޑިކީއަށް އަރުވާފައި ވަނިކޮށް ކަމަށް ބުނެފައެވެ.

އެ އޮޕަރޭޝަނުގައި އެ 10 މީހުން ހައްޔަރުކޮށް، މާލޭގެ ބައެއް ގެތައް ބަލައިފާސްކޮށްފައިވާ އިރު، ދެ ކާރާއި ލޯންޗެއް އަދި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް