ads
ފޮޓޯ: ރައީސް އޮފީސް
2020 ވަނަ އަހަރާ އަޅާ ބަލާއިރު ސަރުކާރުން ޖެނުއަރީ މަހު ދަތުރަށް ކުރި ހަރަދު ކުޑަވެއްޖެ
މިދިޔަ އަހަރުގެ ފުރަތަމަ މަހާ އަޅާ ބަލާއިރު ސަރުކާރުން މިއަހަރުގެ ފުރަތަމަ މަހުގައި ދަތުރުތަކަށް ކުރި ހަރަދު ކުޑަ ވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުން އެކެއް ޖެނުއަރީ 2021 އިން ހަތަރެއް ފެބްރުއަރީ 2021 ގެ ނިޔަލަށް ސަރުކާރުން ދަތުރުތަކަށް 5.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި އެއީ ދުވާލަކު ގާތްގަނޑަކަށް 1 ލައްކަ 48 ހާސް ރުފިޔާ ކަމަށް ވެސް ފިނޭންސްގެ ހިސާބުގައި ވެއެވެ.

އަދި މިދިޔަ އަހަރުގެ އެ މުއްދަތުގައި ސަރުކާރުން ދަތުރުތަކަށް ހަރަދުކޮށްފައިވަނީ 14.5 މިލިއަން ރުފިޔާ ކަމަށް ވާއިރު މިއަހަރު ދަތުރުތަކަށް ސަރުކާރުން ވަނީ 172.3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ.

އަދި މި އަހަރުގެ މިހާތަނަށް ރައީސް ސޯލިހް ވަނީ ގައުމުން ބޭރަށް އެއް ދަތަރު ވަޑައިގެންފައެވެ. އަދި ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމްގެ އިތުރުން ނައިބު ރައީސް ވެސް ވަނީ ރާއްޖެއިން ބޭރަށް ދަތުރުފުޅެއް ކުރައްވާފައެވެ. އަދި ދާދިފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ ރާއްޖެއިން ބޭރަށް ދަތުރުފުޅެއް ކުރައްވާފައެވެ. ޑިފެންސް މިނިސްޓަރު މާރިޔާ ވެސް ބޭރަށް ދަތުރުފުޅެއް ކުރައްވާފައިވީ ނަމަވެސް އެ ދަތުރު ފުޅުގެ ހަރަދު ބެލެހެއްޓީ އިންޑިއާއިން ނެވެ.

މީގެ އިތުރުން މިދިޔަ އަހަރު ސަރުކާރުން ވަނީ ދަތުރުތަކަށް 141.3 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ފިނޭންސް މިނިސްޓްރީން ނެރެފައިވާ ދައުލަތުގެ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ 1 އިން ޑިސެމްބަރު 31 ގެ ނިޔަލަށް ސަރުކާރުން ވަނީ ދަތުރުތަކަށް 141.3 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު މިދިޔަ އަހަރު ދަތުރުތަކަށް ބަޖެޓުކޮށްފައިވަނީ 237.8 މިލިއަން ރުފިޔާއެވެ.

މި ފެށުނު އަހަރަށް ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓަށް ބަލާއިރު ރާއްޖޭގެ އެތެރޭގައި ކަނޑުމަގުން ކުރާ ދަތުރުތަކަށް 35 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ރާއްޖެ ތެރޭގައި އެއްގަމު މަގުން ކުރާ ދަތުރުތަކަށް 7.1 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ރާއްޖޭގެ އެތެރޭގައި ވައިގެ މަގުން ކުރާ ދަތުރުތަކަށް 37.9 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. 

މީގެ އިތުރުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް 50.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ބިދޭސީންނަށްދެވޭ ދަތުރު ހަރަދުގެ ގޮތުގައި 34.1 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި އެހެނިހެން ދަތުރު ހަރަދުގެ ގޮތުގައި 6.2 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް