ads
ވީޑިއޯ ރިޕޯޓް
ކޮވިޑުގައި ދައްކުވައިދޭންވީ އެއްބައިވަންތަކަން ފެނިއްޖެ!
ކޮވިޑްގެ ކަންކަން ފެށުމުގެ ކުރިން ވެސް ދިވެހިންގެ ތެރޭ ދެބައިވުންތައް އޮތެވެ. ހުސް ސިޔާސީ ކަންކަމާ ގުޅިގެންނެވެ. ކޮވިޑް 19 ގެ ހާލަތުގައި ފެނިގެން ދިޔައީވެސް މި ބައިބައިވުމެވެ. ލޮކްޑައުންއާއި ވެކްސިން ފަދަ ރައްޔިތުންގެ ސިއްހަތާ ގުޅިފައިވާ ކަންކަމުގައެވެ. އެއްބައިވަންތަކަމާއެކު މި ދަތި ދަނޑިވަޅުން އަރައިގަތުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ފެނުނީ އެއްބައި މީހުން މި ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތް ކުރާ މަންޒަރެވެ.

ކޮވިޑް 19 އާއި ގުޅިގެން މިދިޔަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި އިރު، އެކި ފަހަރު މަތިން މުއްދަތު ވަނީ އިތުރު ކޮށްފައެވެ. އަދި ރާއްޖެ މިހާރު ވެސް މި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައެވެ.

މި ހާލަތުގައި އާންމުންގެ ރައްކާތެރިކަމަށް ސަރުކާރުން ވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ. އެކި ފަހަރު ކޮވިޑް ކޭސްތައް މަދުވާން ފެށުމުން ލުއިތައް ދިން ނަމަވެސް، ކޮންމެ ފަހަރަކުވެސް ކޭސްތައް ގިނަވާން ފެށުމުން އަނެއްކާ ފިޔަވަޅުތައް ވަރުގަދަ ކުރާތަން އެތައް ފަހަރަކު ފެނި ތަޖުރިބާ ކުރެވިއްޖެއެވެ.

ކޮންމެ ފަހަރަކުވެސް ފިޔަވަޅުތައް ވަރުގަދަ ކުރުމުން ސަރުކާރަށް ފާޑު ކިޔާ މީހުން ފެނިގެންދެއެވެ. ލުއި ދިނުމުންވެސް ހަމަ އެފަދައެވެ. ކޭސްތައް ގިނަ ވުމުންވެސް ހަމަ ފެނިގެންދަނީ މި ކަމެވެ. ކާފިއު ވަގުތު އިތުރު ކުރުމުން އެވާހަކަ ދައްކާއިރު، ކޮވިޑްގެ ހާލަތު ސީރިއަސް މިންވަރު ހަމަ ނޭނގެނީތޯ މިއީ އުފެދޭ ސުވާލެކެވެ. 

ކޮންމެ ކޮޅަކުންވެސް ފެންނަނީ ކޮވިޑާއި ގުޅިގެން އަޅާފައިވާ އެކި ފިޔަވަޅުތަކާއި ގުޅިގެން ދެބަސްވެ، ބައިބައިވާތަނެވެ. މި ހާލަތުން އަރައިގަތުމަށް ފަހިވި ހަމައެކަނި މަގަކަށްވީ ވެކްސިން ލިބުމެވެ. ނަމަވެސް ރައްޔިތުން ވެކްސިނާމެދު ސުވާލު އުފައްދާ ވަރަށް ބަޔަކު ނުރަނގަޅު މައުލޫމާތު ހާމަ ކުރަމުން ގެންދާ ކަމީ ގައިމު މި ކުޑަކުޑަ ގައުމު ބައިބައިވެފައިވާ މިންވަރު ފެނިގެންދާ ކަމެކެވެ.

ކޮވިޑްގެ މިފަދަ އެތައް ކަމެއްގައި ދިވެހިން ބައިބައިވެފައިވީ ނަމަވެސް، ލޮކްޑައުންގެ ހާލަތުގައި އަދި މިހާރު ވަކިވަކިން މޮނޯޓަރިންނަށް ލާފައިވާ ރަށްތަކުން ކުޑަ ނަމަވެސް އެއްބައިވަންތަކަމެއް ފެނިގެން ދެއެވެ. ލޮކްޑައުންގެ ހާލަތުގައި ހާލުގައި ޖެހުނު އެތައް ބަޔަކަށް ދިވެހި ރެޑް ކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދިން އިރު، ހާލުގައި ޖެހިފައިވާ ދިވެހިންނާއި ބިދޭސީންނަށް އަމިއްލަ ބައެއް ފަރުދުން އަދި އަމިއްލަ ޖަމާއަތްތަކުން އެހީ ފޯރުކޮށްދިނެވެ. 

މީގެ އިތުރުން މޮނީޓަރިންއަށް ލާ ރަށްރަށަށް ކެއާ ޕެކޭޖު ފޮނުވާ، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވަމުންދާ މި މަންޒަރަކީ މި ބަލިމަޑުކަމުން އަރައިގަތުމުގައި ދައްކުވައިދޭންވީ ހަގީގީ އެއްބައިވަންތަކަމެވެ. މި ބައްޔާ ގުޅިގެން އެކަކު އަނެކަކަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަންވީ މިފަދައިންނެވެ. ވެކްސިންގެ މުހިއްމުކަމާއި ހާޑް އިމިއުނިޓީގެ މުހިއްމުކަން އުނގަންނައިދޭންވީ މިފަދަ އެއްބައިވަންތަކަމާއެކު އެވެ. 

އިސް ކުރަންވީ މުޖުތަމައުގެ މަސްލަހަތެވެ. ބައެއް ކަންކަމުގައި އެއްބައިވަންތަކަން ފެނިގެން ހިނގައްޖެއެވެ. ދެން އޮތީ މިކަމުގެ ބޭނުން ހިފާ، މި ބަލިމަޑުކަމުން ސަލާމަތް ވުމަށް ގުޅިގެން މަސައްކަތް ކުރުމެވެ. އެކުއެކީ އެއްބައިވަންތަކަމާއެކު އެވެ. ޒިންމާދާރު ކަމާއެކު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް