ads
ލ. ކަޅައިދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހާއްސަ މަރުކަޒާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން
މަސްތުވާތަކެތީގެ ވަށައިޖެހޭ ފަރުވާގެ ނިޒާމް އަވަސްކުރުމަށް ރައީސް އެދިލައްވައިފި
މަސްތުވާތަކެތީގެ ވަށައިޖެހޭ ފަރުވާގެ ނިޒާމް އަވަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން އެދިލެއްވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ސަލާމަތް ކުރުމަށް އެކުލަވައިލާފައިވާ ނޭޝަނަލް އެކްޝަން ޕްލޭންގެ ދަށުން، ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކޮށް، އެފަދަ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ޕުރޮގުރާމުތައް ހިންގުމަށް ލ. ކަޅައިދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހާއްސަ މަރުކަޒާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މިއަދު މަޝްވަރާ ކުރައްވަމުންނެވެ. 

މިއަދު ރައީސް އޮފީހުގައި ބޭއްވި އެބައްދަލުވުމުގައި ކަޅައިދޫގައި ޢިމާރާތްކުރަން ހަމަޖެހިފައިވާ މަރުކަޒުގައި ކުރިއަށްގެންދަން ރާވާފައިވާ ހާއްސަ ޕުރޮގުރާމުތަކާއި، އެ ތަން އިމާރާތްކުރުމަށް ހިނގާނެ ހަރަދާއި، މަރުކަޒާ ގުޅޭ އިދާރީ ކަންކަން ރާވައި، ހިންގާނެ ގޮތާ ގުޅޭ ގޮތުން، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އަދި، އެ މަރުކަޒާ ގުޅޭގޮތުން ސަރުކާރުގެ އެކި ވުޒާރާތަކާއި، އިދާރާތަކުން ފުރިހަމަ ކުރަންޖެހޭ ކަންކަމަށް ވެސް އެ މަޝްވަރާތަކުގައި އަލިއަޅުއްވައިލެއްވިއެވެ.

އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އެ މަރުކަޒުގެ، ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް، ހަރުދަނާ ޒުވާނުންގެ ޖީލެއް ބިނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މުހިންމު މަޝްރޫއެއް ކަމުގައެވެ. 

އެމަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމުގެ މުހިންމުކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވައިދެއްވުމަށް ފެބުރުވަރީ ހަތަރުވަނަ ދުވަހު ބޭއްވި، އެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ވެސް ރައީސް ސޯލިހް ވަނީ މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން މިއަހަރު ކުރުމަށް ރާވާފައިވާ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން، އެ މަނިކުފާނު ވަނީ، ކަޅައިދޫގައި ބިނާކުރާ މަރުކަޒުގައި ތައުލީމާއި ހުނަރުގެ މުހިންމު ޕުރޮގުރާމުތަކެއް ހިންގޭނެ ކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން ޑިފެންސް މިނިސްޓާ މާރިޔާ އަހްމަދުދީދީއާއި، ހަޔާ އެޑިޔުކޭޝަން މިނިސްޓާ ޑރ.އިބްރާހީމް ހަސަނާއި، އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލާއި، ޖެންޑާ މިނިސްޓާ، އާއިޝަތު މުހައްމަދުދީދީ އަދި ރައީސްގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ، ޑރ މުސްތަފާ ލުތުފީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް