ads
އައްޑޫ ސިޓީ
އައްޑޫ ކްލަސްޓާ: ޕޮޒިޓިވްވި އަދަދު 60 އިން މައްޗަށް!
އައްޑޫ ސިޓީގައި އުފެދި ބޮޑުވަމުންދާ ކޮވިޑް-19ގެ ކްލަސްޓާއިން މިހާތަނަށް 63 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އައްޑޫ އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުން އާއްމުކޮށްފައިވާ އެންމެ ފަހުގެ އައްޑޫސިޓީ ކްލަސްޓާ އާއި ގުޅޭ މައުލޫމާތު ތަަކުން ދައްކާގޮތުގައި އެ ކްލަސްޓާއާއި ގުޅިގެން މިހާތަނަށް 234 ގެ ކަރަންޓީން ކޮށްފައިވާއިރު، 341 ޑައިރެކްޓް ކޮންޓެކްޓްސް ވަނީ ފާހަގަކުރެވިފައެވެ. އަދި މިހާތަަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 63 މީހުން ވަނީ ފެނިފައެެވެ. 

އެއީ ހިތަދޫއިން ޕޮޒިޓިވްވެފައިވާ 20 މީހަކާއި، ހުޅުދޫމީދޫއިން ޕޮޒިޓިވްވެފައިވާ 26 މީހަކާއި އަދި، ފޭދޫއިން 13 މީހެއްގެ އިތުރުން މަރަދޫފޭދޫއިން ހަތަރު މީހުންނެވެ.

މީގެ އިތުރުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދެމީހުންނަށް ފަރުވާދެމުންދާއިރު މިއަދު ވަނީ އިތުރު އެއް މީހަަކު މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ފާއިތުވި 24 ގަނޑިއިރުތެރޭ 58  ސާމްޕަލް ނެގާފައިވާއިރު އައްޑޫ ކްލަސްޓާއިން 63 އެކްޓިވް ކޭސް މިހާރު ވަނީ ފާހަގަކުރެވިފައެވެ.

އައްޑޫ އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ދީފައިވާ ގޮތުގައި އައްޑޫގައި ކޮވިޑް ދެ ކްލަސްޓާއެއް ހިމެނޭއެެވެ. އެއީ ހުޅުމީދޫ އެމްޓީސީސީ ސައިޓުގެ ކުލަސްޓާއާއި އޭވިއޭޝަން ކްލަސްޓާ އެވެ. އޭވިއޭޝަން ކްލަސްޓާ އާ ގުޅުން ހުރި 300އަށްވުރެ ގިނަ މީހުން މިހާތަނަށް އައްޑޫ ސިޓީން ފާހަގަ ކުރެވިފައިވެ އެވެ.

މީގެ އިތުރުން ހުޅުމީދޫ އެމްޓީސީސީ ކްލަސްޓާ އާ ގުޅުން ހުރި، އެކަކަށް ހިތަދޫގައި ފަރުވާ ދެމުންދާ ކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ.

ކޮވިޑްގެ ކޭސްތައް ގިނަވަމުން ދިޔުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ފުވައްމުލަކުގައި ރޭގަނޑު 8 އިން ފަތިހު 4 ޖެހުމާ ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުމަކީ ވެސް މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން އައްޑޫގެ ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެ ސިޓީގައި ޖަމާއަތް ހަދައިގެން ނަމާދު ނުކުރަން ވެސް ވަނީ ނިންމާފައެވެ. އެހެންނަމަވެސް އެފަދަ ހާލަތްތަކުގައި މިސްކިތުގައި ބަންގި ގޮވާނެ ކަމަށް ބުނެފައިވެ އެވެ. 

އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރި ނަމަވެސް ނަމާދު ބަރާބަރަށް ކުރުމަށާއި ސުންނަތް ނަމާދު ގިނަ ކުރުމަށް ވެސް މިނިސްޓްރީން ނަސޭހަތްތެރިވެ އެވެ.

އައްޑޫގެ މިސްކިތްތައް ބަންދުކުރަން ނިންމި ނިންމުން ދަންމާލާފައިވާއިރު އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށާއި އަދި އެ ސިޓީގައި ގާތްގަނޑަކަށް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް