ads
ޕީޖީ ޝަމީމް---ފޮޓޯ:ވަން އޮންލައިން
މީހުން ރިޕޯޓު ކުރަން ޖެހިލުމެއް ނުވޭ، ކޮންމެވެސް ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އޮވޭ:ޕީޖީ
މައްސަލަތައް ރިޕޯޓް ކުރަން މީހުން މިހާރު ޖެހިލުން ނުވާކަމަށާއި، ދައުލަތުން ކޮންމެވެސް ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އެ ރައްޔިތުންނަށް އޮންނަކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

އަމިއްލަ ބްލޮގުގައި ޝާއިއުކުރެއްވި ލިޔުއްވުމެއްގައި ޝަމީމް ވިދާޅުވީ އެމަނިކުފާނު ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމާ ހަވާލުވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ކަމަށާއި ޖެހިގެން އައި  2020ވަނަ އަހަރުގެ ޖަނަވަރީ މަހަކީ، ރާއްޖޭގެ ތާރީހުގައިވެސް ނުދެކޭފަދަ ގޮތްކުޑަ ގޮތަކަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވި މަހެއް ކަމަށެވެ. ގއ. ކަނޑުހުޅުދޫގައި، ކާފައަކާއި މުނިކާފައެއް އުމުރުން ދެއަހަރުގެ ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައަށް އިޝާރާތްކުރައްވާ ޝަމީމް ވިދާޅުވީ އެ މައްސަލައާއި ގުޅިގެން އެންމެން ތިބީ ކަންބޮޑުވެފައި ކަމަށެވެ. 

އެހެންނަމަވެސް އަހަރު ނިމުނުއިރު، 2019 ވަނަ އަހަރަށްވުރެ، 2020 ވަނަ އަހަރު، ދައުވާ ކުރެވުނު މީހުންގެ ޢަދަދު 65 އިންސައްތަ އިތުރުކަމަށާއި ކުރެވުނު ދަޢުވާތަކުގެ އަދަދުވެސް 63 އިންސައްތަ އިތުރުކަމަށެވެ. އެކަން ކުރެވުނީ، އެކަމަށް ފޯކަސް ކޮށް މަސައްކަތް ކޮށްގެންކަން ޝަމީމް ވަނީ ފާހަގަކޮށްފައެވެ.

"2019 ވަނަ އަހަރާ އަޅާ ބަލާއިރު، 2020 ވަނަ އަހަރު ދަޢުވާ ކުރެވުނު މީހުންގެ އަދަދު 65 އިންސައްތަ އިތުރުވުމުގެ މާނައަކީ، ރައްޔިތުންގެ އިތުބާރު މިނިޒާމަށް އިތުރުވުމެވެ. މީހުން ރިޕޯޓު ކުރާކަށް ޖެހިލުމެއް ނުވެއެވެ. ދައުލަތުން ކޮންމެވެސް ކަމެއް ކުރާނެކަމުގެ ޔަޤީންކަމެއް އޮވެއެވެ. ކަމެއް ކުރޭވެސް މެއެވެ. ތަޙްޤީޤުތައްވެސް ރަނގަޅު ކުރެވިއްޖެއެވެ. ދަޢުވާ ކުރެވޭ ވަރަށް ހެކިވެސް ހޯދެއެވެ." ޝަމީމްގެ ލިޔުމުގައި ބުނެފައިވެއެވެ.

ޝަމީމް ވިދާޅުވީ ތަފާސް ހިސާބުގެ އަލީގައި، ކުށްކުރާ މީހުންގެ އުމުރާއި، ކުށްކުރާ ތަނާއި، އަތޮޅާއި ރަށާއި، މީހުންގެ ފަސްފަހަތް ބަލަމުންދާ ކަމަށެވެ. އަދި ކުށްކުރާ ދުވަސްވަރާއި، އެދުވަސްވަރު ކުށް ކުރުމަށް ހުރި އެހެނިހެން ސަބަބުތައް ދެނަގަނެ، ކުރިއަށް އޮތް ތަނުގައި ކުށުން ރައްކާތެރި މާހައުލެއް ޤާއިމުކުރަން މިތަފާސް ހިސާބުގެ ބޭނުން ފުޅާ ދާއިރާއެއްގައި ކުރެވޭނެކަންވެސް ޝަމީމް ފާހަގަކުރެއްވިއެވެ. 

ޝަމީމް ވިދާޅުވީ އޭގެ މާނައަކީ، ހުރިހާ ކަމެއް ރަނގަޅު ވުމެއްވެސް ނޫންކަމަށެވެ. އަދިވެސް ގޮންޖެހުން އެބަހުރިކަމަށާއި އިސްތިރިކޮށްލާންޖެހޭ ބައެއް ރޫތައް ނިޒާމުގައި އެބަހުރި ކަމަށެވެ

"މިހާރަށްވުރެ މާބޮޑަށް ރަނގަޅަށް، މޮޅަށް ކުރެވޭނެ ކަންކަންވެސް އެބަ ހުއްޓެވެ. މިމަސައްކަތް އަޅުގަނޑުމެން ހުއްޓާނުލައި ކުރިއަށް ގެންދާނަމެވެ. އަޅުގަނޑުގެ ދައުރު ނިމެންވާއިރަށް، ‘ސްމޫތު’ ކޮށް، ‘ދުނިޔޭގެ ފެންވަރަށް’ މަސައްކަތް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ އަޅުގަނޑުގެ އަމާޒު" ޝަމީމްގެ ލިޔުމުގައި ބުނެފައިވެއެވެ.

ޝަމީމްގެ ބްލޮގުގައި ހާމަކޮށްފައިވާ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރާއި ގުޅޭ މައްސަަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު ޕީޖީ އޮފީހުން ކޯޓުތަކަށް ހުށަހެޅީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތަފާތު 23 ބާވަތެއްގެ 142 ދައުވާއެވެ. ދައުވާ ލިބުނީ 102 މީހުންނަށެވެ. މަހަކު އެވްރެޖްކޮށް 12 މައްސަލަ ކޯޓަށް ހުށަހަޅަމުން ގެންދިޔައެވެ. އެންމެ ގިނައިން ހުށަހެޅިފައި އޮތީ މާލޭގެ ކޯޓުތަކަށް (70 މައްސަލަ) އެވެ. އެއަށްފަހު ހައްދުންމަތީގެ އެކި ކޯޓުތަކަށް 14 މައްސަލައެވެ. 16 އަތޮޅަކަށް މައްސަލަ ހުށަހެޅުނެވެ.

އެއަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، 15 މައްސަލައިގައި، އެއަހަރު ތެރޭގައި ކޯޓުން ހުކުމެއް ކުރައްވާފައިވެއެވެ. 2019 ވަނަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން އަދިވެސް ނުނިމި ކޯޓުތަކުގައި 60 އިންސައްތަ (85 މައްސަލަ) އެބަ ހިނގައެވެ.

2020 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، އެއަހަރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތަފާތު 29 ބާވަތެއްގެ 232 ދަޢުވާ ހުށަހަޅާފައިވެއެވެ. ދަޢުވާ ލިބުނީ 169 މީހުންނަށެވެ. މަހަކު އެވްރެޖްކޮށް 19 މައްސަލަ ކޯޓަށް ހުށަހަޅާފައިވެއެވެ. މިއީ، 2019 އަށްވުރެ މަހަކު އެކަނިވެސް 6 މައްސަލައިގެ ކުރިއެރުމެވެ. އެންމެ ގިނައިން މިއަހަރުވެސް ހުށަހެޅިފައި އޮތީ މާލޭގެ ކޯޓުތަކަށް 115 މައްސަލައެވެ. އޭގެ ފަހުން ފުވައްމުލަކަށް 14 މައްސަލައާއި ހުވަދުއަތޮޅު ދެކުނުބުރީގެ ކޯޓުތަކަށް 13 މައްސަލައެވެ.

އެއަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، އެއަހަރު ކޯޓުތަކަށް ނިންމެވުނީ އެންމެ ދެ މައްސަލައެކެވެ. އެއީ، ހއ. މާރަންދޫ މެޖިސްޓްރޭޓު ކޯޓަށް، 2020ވަނަ އަަހަރުގެ ޖަނަވަރީ މަހުގެ 10 ވަނަދުވަހު ހުށަހެޅުނު މައްސަލައަކާއި ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް، 1 އޭޕްރީލް 2020 ދުވަހު ހުށަހެޅުނު މައްސަލައެކެވެ. މިއީ، އެއަހަރު ހުށަހެޅުނު މައްސަލަތަކުގެ ޢަދަދަށް ބަލާއިރު 0.68 އިންސައްތަ މައްސަލައެވެ. ޖުމްލަ މައްސަލައިގެ 89 އިންސައްތަ (207 މައްސަލަ) އަދިވެސް ނުނިމި ހިނގަމުން އެބަދެއެވެ. 

ޝަމީމް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އެމަނިކުފާނު އައްޔަންކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އޮތް އިންޓަވިއުގައި އެމަނިކުފާނު އެމަގާމަށް އައްޔަން ކުރައްވައިފިނަމަ، ދެކަމެއް ކުރާނެ ކަމުގެ ޔަގީންކަން އެރުވިކަމަށާއި އެއީ، އެމްއެމްޕީއާރުސީގެ މައްސަލަ ކޮޅެއްގައި ޖެއްސުމާއި، ކުޑަކުދިންނާމެދު ޖިންސީ އަމަލު ކުރާ މީހުންގެ މައްސަލަތައް ބާރަށް ކުރިއަށް ގެންގޮސް، އެއީ ރާއްޖޭގައި މީހުންނަށް ކުރަން ޖެހިލުންވާވަރުގެ ކަމަކަށް ހެދުން ކަމަށެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، ފޯކަސްކޮށް ވަކި އަމާޒެއް އޮވެގެން މަސައްކަތެއް ކޮށްފިނަމަ، އެމަސައްކަތުގެ ނަތީޖާ ނެރެވޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް