ads
ޝިދާތާގެ ކައިވެނީގެ ހަފްލާގެ ތެރެއިން--
އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ޝިދާތާ ކައިވެނީގެ ހަފްލާ ބާއްވައިފި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ހިލާފަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ކައިވެނީގެ ހަފްލާ ބާއްވައިފި އެވެ.

އިއްޔެ ޝިދާތާ އާއި ފިލްމީ ތަރި، އަހުމަދު ޒިޔާއު (ޒިޔާ) ކައިވެނިކޮށްފައިވާއިރު އެމީހުންގެ ކައިވެނީގެ އުފަލުގައި ސައެއް ބާއްވާފައިވެ އެވެ. 

އެ ހަފްލާ ވަރަށް ކުލަގަދަކޮށް ނުބޭއްވި ނަމަވެސް ގާތް މީހުންނަށް އެ ހަފްލާއަށް ދައުވަތުދީފައިވެ އެވެ. އޭގެ ތެރޭގައި ފިލްމީ ތަރިން ހިމެނެ އެވެ. 

ހުދު ކުލައިގެ ވެޑިން ޑްރެސްއެއްގައި ޝިދާތާ ހުންނެވިއިރު އެއީ ޝިދާތާ އަމިއްލައަށް ފެއްސެވި ހެދުމެކެވެ. އިއްޔެ ފެމިލީ ކޯޓުގައި ކައިވެނިކުރި، ޒިޔާ އާއި އެކަމަނާ، ކައިވެނި ބައްލަވައިގަތީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިން ވަރަކަށް މަސް ފަހުންނެވެ.

މާލޭ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާތީ އެޗްޕީއޭ އިން ކައިވެނީގެ ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާކޮށްފައިވާ މިދަނޑިވަޅުގައި ޝިދާތާގެ، ދެކަނބަލުން ޕާޓީއެއް ބޭއްވި ނަމަވެސް ޒިޔާ، އެހެން މީޑިއާއަކަށް މައުލޫމާތުދީފައިވާ ގޮތުގައި ކައިވެނި ޕާޓީއެއް ބާއްވާފައެއް ނުވެއެވެ. ނަމަވެސް އިއްޔެ ހަވީރު އެ ދެމަފިރިންގެ އާއިލާއާއެކު ކުޑަ "ގެޓް ޓުގެދާ" އެއް ބޭއްވި ކަމަށް ބުނެފައިވެ އެވެ. 

ސީއެންއެމްއަށް ލިބިފައިވާ ވީޑިއޯއަކަށް ބަލާއިރު އިއްޔެ އެ ބޭއްވިކަމަށް ބުނާ ހަފްލާގައި ގޮނޑިތައް އަތުރާފައި ހުރީ ވެސް އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއް ނެތި އެވެ. އަދި ދިހަ މީހުންނަށް ވުރެ ގިނަ މީހުން އެތަނުގައި އެއް ބޮޑިއަކަށް ތިބި މަންޒަރު ވެސް ފެނިގެންދެ އެވެ. މީގެއިތުރުން ވީޑިއޯއިން ފެންނަގޮތުގައި އެންމެންވެސް ތިބީ މާސްކު ނާޅައެވެ.   

ކޮވިޑް-19 ގެ ކޭސްތައް ތިން ވަނަ ފަހަރަށް މާލޭ ސަރަހައްދުގައި އިތުރުވުމާއެކު ޕާޓީތަކާއި ހަފްލާތައް ބޭއްވުމަށް ދިން ހުއްދަ އަނބުރާ ގެންގޮސް، އެކަން މަނާކުރި އެވެ. އެގޮތަށް ޕާޓީތައް ބާއްވައިގެން ގިނަ ބަޔަކު ޕޮޒިޓިވްވެފައި ވެސް އެބަ ހުއްޓެވެ. 

15%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
52%
ވަރަށް ސަލާމް
ކޮމެންޓްސް