ads
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
އެއް ކޮޓަރީގެ ފްލެޓުތަކަށް ވީގޮތެއް ހާމަކުރަން ގޮވާލައި މަޖިލީހަށް މައްސަލައެއް!
އިޖުތިމާއީ ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް އެޅި 1 ކޮޓަރީގެ ފުލެޓުތަކާމެދު މި ސަރުކާރުން ކަންކުރި ގޮތުގެ ތަފްސީލް ހާމަކުރުމަށް ގޮވާލައި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ، "ހިޔާ މަޝްރޫއު"ގެ ދަށުން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ބިނާކުރި ހައުސިން ޔުނިޓުތަކުގެ ތެރެއިން، އެޗްޑީސީ މެދުވެރިކޮށް ދިނުމަށް ހާއްސަކުރި އެއް ކޮޓަރީގެ ފުލެޓުތައް ނެތް ކަމަށް ބުނެ، އެ ފުލެޓުތަކުގެ ހައްގުވެރިންގެ ލިސްޓުތައް މި ސަރުކާރުން ބާތިލު ކޮށްފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، މި ފްލެޓުތަކާ ގުޅޭގޮތުން އެންމެ ފުރަތަމަ މިނިސްޓަރު އަސްލަމް ވަނީ، އެއް ކޮޓަރީގެ ފުލެޓުތަކަކީ ވުޖޫދުގައި ނެތް ފުލެޓުތަކެއް ކަމަށް ވިދާޅުވެފައި ކަމަށެވެ. ނަމަވެސް ފަހުން މަޖިލިހުގައި ވާހަކަދައްކަވަމުން، އެއް ކޮޓަރީގެ ފުލެޓުތައް ނިންމާފައިވަނީ ހަމައެކަނި އެމްޑަބްލިއުއެސްސީން ކަމަށާއި، އަދި ލިބެން ހުރީ އެންމެ 36 ފުލެޓު ކަމަށް މިިނިސްޓަރު އަސްލަމް ވިދާޅުވެފައިވާ ކަމަށް މެމްބަރު ޝިޔާމް ފަހަގަ ކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ، މިނިސްޓަރު އަސްލަމް އެހެން ވިދާޅުވި ނަމަވެސް، ހުޅުމާލެ ދެވަނަ ފިޔަވަހި ބަލައިލުމުން އެތަނުގައި މިހާރުވެސް ސަރުކާރު ކުންފުނިތަކުން ބިނާކޮށްފައިވާ 12 ޓަވަރު ފެންނަން އެބަހުރި ކަމަށާއި، އެ ހުރިހާ ޓަވަރެއްގެ ފުރަތަމަ 4 ފަންގިފިލާގައި ހުރި އެޕާޓުމެންޓުތަކުގެ އަދަދު 900 އަށްވުރެ ގިނަވާނެ ކަމަށެވެ.

އެ ފުލެޓުތައް ވުޖޫދުގައި ނެތްކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވެ، އެޗްޑީސީއާއެކު ކުންފުނިތަކުން ހެދި އެއްބަސްވުން މި ސަރުކާރުން އުފައްދާފައިވާ "ފަހި ދިރިއުޅުން" ކޯޕަރޭޝަނަށް ބަދަލުކޮށް، އެ ފުލެޓުތައް ވިޔަފާރި އުސޫލުން، ކުރިން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގެއްގައި، ފައިދާއެއްލައިގެން ވިއްކަމުން ގެންދާ ކަމަށް ޝިޔާމް ވަނީ ތުހުމަތު ކުރައްވާފައެވެ. 

މިމައްސަލަ މަޖިލީހުން ބަލައިގަތީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 44 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ތާއީދާ އެކުއެވެ. މިމައްސަލަ ބަލައިގަންނަން ނުފެންނަކަމަށް ވޯޓުދެއްވީ އެންމެ މެމްބަރެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް