ads
އިދިކޮޅުގެ ޕްރެސްއެއްގެ ތެރެއިން
ކޮރަޕްޝަނަށް ބީރުކަންފަތެއް ދިނުމުން ސަރުކާރުގެ ފާސިގުކަން ހާމަވޭ: އިދިކޮޅު
މި ސަރުކާރުކަން ކޮރަޕްޝަނަށް ބީރުކަންފަތެއް ދިނުމުން ހާމަވެގެންދަނީ ސަރުކާރުގެ ފާސިގުކަން ކަމަށް އިދިކޮޅުން ބުނެފި އެވެ.

މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް އެގޮތަށް ވިދާޅުވެފައި ވަނީ ރިޔާސީ ބަޔާނަށް އިދިކޮޅުގެ ޖަވާބު އިއްވަމުން މިއަދުގެ ޖަލްސާގަ އެވެ. 

ސަލީމް ވިދާޅުވީ ގައުމެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އެގައުމެއް، އިގްތިސާދީގޮތުން ކުރިއެރުމަށް ބޭނުންވާ އެންމެ ވަރުގަދަ އެއް ވަސީލަތް ކަމަށާއި ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރިކަމަށް ބުނާ 355 މިލިޔަން ރުފިޔާ ދޫކުރުމުގާ ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުންނާ ގާތް އެ ޕާޓީގެ އިސްވެރިންގެ ރައްޓެހިންނަށް ދޫކޮށްފައިވާ ކަމަށެވެ.

އަދި އެކަމުގެ ނަތީޖާއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެއްވެސް ކުރިއެރުމެއްނުލިބުންކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ އެގޮތަށް އަމަލުކުރުމުގެ ސަބަބުން ގިނަ ވިޔަފާރިތަކެއްވަނީ ބަނގުރޫޓުވެ، ނަގާފައިވާ ލޯންތައް ދެއްކޭނެގޮތެއްނެތި ބޭންކްތަކަށް ދަރާފައިވާ ކަމަށެވެ. 

އަދި ލޯނު ދޫކުރާއިރު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ލޯނު ލިބޭ ފަރާތުގެ ކިބައިން ބޮޑު އަދަދެއްގެ ފައިސާ ނަގާކަމަށާއި އެހެންކަމުން އެފަދަ ލޯންތައް ދެއްކުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި މިފަދަ ލޯންތައް ދެވުނު ފަރާތްތައް ސަރުކާރުން ރައްޔިތުންނަށް ހާމަކުރުމަށް ވެސް ގޮވާލެއްވި އެވެ. 

އޭގެ އިތުރުން، ސަލީމް ވަނީ ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަމަށް ސަރުކާރުން ބުނާއިރު، އެ ފައިސާ ދޫކޮށްފައިވަނީ ދެފުށް ފެންނަ، އިންސާފުވެރި، ހަރުދަނާ ނިޒާމެއް ގާއިމުނުކޮށް ކަމަށް ވިދާޅުވެފަ އެވެ. 

އެ ފައިސާ ދޫކޮށްފައިވަނީ ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވާ މީހުންނަށްކަމަށް އާންމުން ދެކޭ ކަމަށް ވިދާޅުވެ ސަލީމް ވަނީ ކުރިއަށް އޮތްތަނުގައި ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމުގައި ހިންގާކަންކަމުގެ އިތުބާރު ރައްޔިތުންނަށް، ދެފުށް ފެންނަގޮތަށް ލިބެމުންދާކަން ކަށަވަރު ކުރެއްވުމަށް ވެސް ގޮވާލައްވާފަ އެވެ.

އޭގެ އިތުރުން ސަލީމް ވިދާޅުވީ މި ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުން ބިރުން ތިއްބާ، ފާޅުކަން ބޮޑުގޮތެއްގާ ފެނިގެން ދިޔައީ، ގިނަ ވުޒާރާތައް ގުޅިގެން، ވެންޓިލޭޓަރާއި އެހެނިހެން ބައެއް ތަކެތި ހޯދުމުގެ ނަމުގައި ކޮރަޕްޝަން ހިންގިތަން ކަމަށެވެ. 

"ކޮވިޑާ ގުޅިގެން އެތައް ކޮރަޕްޝަނެއް ހިންގަމުން ދިޔައިރުވެސް އެއިން އެއްވެސް ކަމެއް ނުހުއްޓުވާ، އަދި ހިންގި ކޮރަޕްޝަންގެ އަމަލުތަކަށް ބީރު ކަންފަތެއް ދިނުމަކީ މިސަރުކާރު ފާސިގުވެފައިވާ މިންވަރު އަންގައިދޭ ކަމެއް،" ސަލީމް ވިދާޅުވި އެވެ.

ކޮވިޑްގެ މި ހާލަތުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ސަރުކާރުން ކޮރަޕްޝަންގެ އެކިއެކި އަމަލުތައް ހިންގާފައިވާކަން ތުހުމަތުކުރައްވާ، ސަލީމް ވިދާޅުވީ އެކަންކަން ތަހްގީގު ނުކުރެވުމަކީ އަދި އެފަރާތްތަކަށް އަދަބު ނުދެވޭކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމުން ސަރުކާރުގެ ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސްގެ ސިޔާސަތު ފެއިލްވެފައިވާކަން ހާމަވާ ކަމަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް