ads
ފޮޓޯ: ފޮރިން މިނިސްޓަރީ
ރަނގަޅު ތިމާވެއްޓެއް ނެތި، އިންސާނީ ހައްގުތައް ރައްކާތެރިނުކުރެވޭނެ: ފޮރިން ސެކްރެޓަރީ
ރާއްޖޭގައި ރަނގަޅު ތިމާވެއްޓެއް ނެތި، އިންސާނީ ހައްގުތައް ރައްކާތެރިނުކުރެވޭނެ ކަމަށް ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދު ވިދާލުވެއްޖެ އެވެ.

ފޮރިން ސެކްރެޓަރީ މިހެން ވިދާޅުވެފައި ވަނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ 46 ވަނަ ބައްދަލުވުމުގެ ހަވާސާގައި "ދަ ކޭސް ފޯ ދި ޔުނިވާސަލް ރިކޮގްނިޝަން އޮފް ދަ ރައިޓް ޓު އަ ސޭފް، ކްލީން، ހެލްތީ އެންޑް ސަސްޓެއިނަބަލް އެންވަޔަރަންމަންޓް" ގެ ނަމުގައި ޔުނިވާސަލް ރައިޓްސް ގްރޫޕްއިން އިންތިޒާމްކޮށްގެން ބޭއްވި ވާޗުއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓެރީ ވަނީ އިންސާނީ ހައްގުތަކާއި ތިމާވެއްޓާއި ހުރި ގުޅުމާއި ބެހޭގޮތުން ދިގު މުއްދަތަކަށް ކުރެވެމުންދާ މަޝްވަރާތަކަށް އަލިއަޅުއްވާލައްވާފަ އެވެ. 

އަދި ބައިނަލްއަގްވާމީ މައިދާނުގައި ކުރެވޭ ބަހުސްތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ މުހިންމުކަން އަންގައިދިނުމުގައި ރާއްޖެއިން އަދާކޮށްފައިވާ ދައުރުގެ މުހިންމުކަމަށް ވެސް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިންސާނީ ހައްގުތަކާއި ތިމާވެއްޓަށް ހާއްސަ ރެޕެޓުއާއެއް 2012 އަހަރު އައްޔަން ކުރެވުނުކަން ފޮރިން ސެކްރެޓަރީ ވަނީ ފާހަގަކުރައްވާފަ އެވެ. ސާފު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތިމާވެއްޓެއް ނެތި، އިންސާނީ ހައްގުތައް ރައްކާތެރިނުކުރެވޭނެކަން ވެސް ފޮރިން ސެކްރެޓަރީވަނީ ފާހަގަ ކުރައްވާފައެވެ.

your imageފޮޓޯ: ފޮރިން މިނިސްޓްރީ

މީގެ އިތުރުން ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ދިމާވާ ގެއްލުންތަކުގެ ސަބަބުން ރައްޔިތުންގެ، ހާއްސަކޮށް ދިވެހިންގެ، ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ކަނޑުގެ ލޮނުގަނޑު އުސްވުމުން ދިވެހިރާއްޖެފަދަ ނާޒުކު ގައުމަކަށް ނޭދެވޭ އަސަރުކުރާނެކަން ފޮރިން ސެކްރެޓަރީ ވަނީ ފާހަގަކުރައްވާފަ އެވެ. 

އަދި ދިވެހި ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް ގަފޫރު އަލިއަޅުއްވާލެއްވި އެވެ. ވާހަކަ ނިންމަވާލައްވަމުން ފޮރިން ސެކްރެޓަރީ ގަފޫރު ވަނީ އިންސާނީ ހައްގުތަކާއި ތިމާވެއްޓާ ބެހޭ އދ. ގެ ކޯ ގްރޫޕުން ކުރަމުންދާ މަސައްކަތަށް މެމްބަރު ގައުމުތަކުގެ އެއްބާރުލުންދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ދަ ކޭސް ފޯ ދި ޔުނިވާސަލް ރިކޮގްނިޝަން އޮފް ދަ ރައިޓް ޓު އަ ސޭފް، ކްލީން، ހެލްތީ އެންޑް ސަސްޓެއިނަބަލް އެންވަޔަރަންމަންޓް" ގެ ނަމުގައި ކުރިއަށްގެންދިޔަ ވާޗުއަލް ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދު ބައިވެރިވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ފަރާތްޕުޅުންނެވެ. އެ ބައްދަލުވުމުގައި އިންސާނީ ހައްގުތަކާއި ތިމާވެއްޓާއި ބެހޭ ކޯ ގްރޫޕްގެ މެމްބަރު ގައުމުތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް