ads
މިނިސްޓަރު އަބްދުﷲ ޝާހިދު--
ކޮވިޑުގެ ސަބަބުން މޫސުމީ ބަދަލުތަކާ ދެކޮޅަށް ހޭދަކުރަން ދަތިވި: ޝާހިދު
ކޮވިޑުން އަރައިގަތުމަށް އެތަކެއް ހޭދަތަކެއް ކުރަން ޖެހުމުން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރަންހުރި ކަންކަމަށް ހޭދަ ނުކުރެވި، ހުރަސްތަކެއް ކުރިމަތިވި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އެގޮތަށް ވިދާޅުވެފައި ވަނީ އދ. ސަލާމަތީ މަޖިލީހުގައި ބައިނަލްއަގުވާމީ ސުލްހައާއި ރައްކާތެރިކަމާ މޫސުމީ ބަދަލުތަކާ ހުރި ގުޅުންތަކާ ގުޅޭ ބަހުސްގައި ރޭ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކާގައެވެ. 

އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވުނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ހާއްސަކޮށް ހަނަފަސްކަމާއި ފެންބޮޑުވުމުގެ ސަބަބުން، ގައުމުތަކަށް ދިމާވާ ނުރައްކަލުގެ މައްޗަށެވެ. އަދި މޫސުމީ ބަދަލުތަކާއި ގުޅިގެން ދިމާވާ ދަތިތަކާއި ކުރިމަތިވާ ގޮންޖެހުންތަކާއި ދެކޮޅަށް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުން ގެނައުމަށް ވެސް އެ ބައްދަލުވުމުގެ މަޝްވަރާތަކުގައި އަލިއަޅުވާލެވުނެވެ.

މިނިސްޓަރު ޝާހިދު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތަކެއް ހާސް މީހުންގެ ދިރިއުޅުމަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ރާއްޖެ ފަދަ ބިން ތިރި ގައުމުތަކަށް މޫސުމީ ބަދަލުތަކުން ދިމާވާނެ ބޮޑެތި ގެއްލުންތައް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަދި ދުނިޔެއަށް ދިމާވި ކޮވިޑް-19 އިން އަރައިގަތުމަށް އެތަކެއް ހޭދަތަކެއް ކުރަން ޖެހުމުން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރަންހުރި ކަންކަމަށް ހޭދަ ނުކުރެވި، ހުރަސްތަކެއް ކުރިމަތިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމުގެ މުހިންމުކަން މިނިސްޓަރުވަނީ ފާހަގަކުރެއްވިއެވެ.

އަދި 2030ގެ ކުރިން ރާއްޖެ ނެޓް-ޒީރޯ އެ މިޝަންއަށް ވާސިލުވާން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާކަން ވެސް ފާހަގަކުރެއްވި އެވެ. 

މޫސުމީ ބަދަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ސުލްހައާއި ރައްކާތެރިކަމަށް ހުރި ބޮޑެތި ގޮންޖެހުންތައް ފާހަގަކުރައްވައި، ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ މަސައްކަތުގައި އދގެ ސަލާމަތީ މަޖިލީހުގެ ދައުރުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ. އަދި މޫސުމީ ބަދަލުތަކުން ދިމާވާ ގޮންޖެހުންތަކުން، ހާއްސަކޮށް ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ދިމާވާ ނުރައްކާތަކުން އަރައިގަތުމަށް ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމުށް މިނިސްޓަރު ޝާހިދު ވަނީ ގޮވާލައްވާފަ އެވެ.

ސަލާމަތީ މަޖިލީހުގެ ފެބްރުއަރީ މަހުގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން މި ބައްދަލުވުން އިންތިޒާމްކުރީ އިނގިރޭސިވިލާތުންނެވެ. އަދި ބައްދަލުުވުމުގެ ރިޔާސަތުގައި އިންނެވީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަން އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް