ads
އީސީ--
އިސްލާހާއެކު ކަނޑޫދޫ ކައުންސިލް ރައީސުންގެ ލިސްޓު ނެރެފި
އިލެކްޝަސް ކޮމިޝަނުން ކެނޑިޑެންސީ ބާތިލް ކުރި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރާ ހަސަން މޫސާގެ ނަން އަލުން ކެނޑިޑެސީ ލިސްޓުގައި ހިމަނާ، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރާ ކެނޑިޑޭޓުންގެ ނަންތައް މިހާރު ތަރުތީބު ކޮށްފައިވާ ގޮތް އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފި އެވެ.

އީސީން މިރޭ ގެޒެޓު ކުރި ލިޔުމެއްގައި ބުނެފައިވަނީ، އެ ކޮމިޝަނުން ހަސަން މޫސާގެ ކެނޑިޑެސީ ބާތިލުކޮށް އާންމު ކުރި އިއުލާނު ބާތިލްކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ލިޔުން ބާތިލް ކުރީ މި މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކަމަށް އީސީން ބުނެފައި ވެއެވެ. 

އަންގާރަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ މި މައްސަލައިގެ ހުކުމްއިއްވުމުގެ އަޑުއެހުމުގައި، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހަސަން މޫސާގެ ކެނޑިޑެންސީ ބާތިލު ކުރުމަށް އީސީން އޭނާ އަށް އެންގި އެންގުންބާތިލު ކަމަށް ކަނޑައަޅާ، ހަސަން މޫސާއަށް ލޯކަލް ކައުންސިލް އިންތިހާބު 2020ގައި ވާދަ ކުރެވޭނެ ކަމަށް ހުކުމް ކޮށްފަ އެވެ. 

ސުޕްރީމް ކޯޓުގެ މި އަމުރާއެކު އީސީން މިރޭ ނެރުނު އިއުލާނުގައި ވަނީ މިހާރު ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފައިވާ ގޮތް އާންމު ކޮށްފައެވެ.

އެގޮތުން މިމަގާމަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓު އަހުމަދު ރީހާން އަށް މިހާރު ހަމަޖައްސާފައިވާ ކެނޑިޑޭޓު ނަންބަރަކީ ތިނެކެވެ. އަދި ޕީޕީއެމްގެ ފަރާތުން އެ މަގާމަށް ވާދަކުރާ ހަސަން މޫސާގެ ކެނޑިޑޭޓު ނަންބަރަކީ ހަތަރެކެވެ.

ހަސަން މޫސާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫންކަމަށް އީސީން ކަނޑައަޅަފައިވަނީ މިދިޔަ މަހު 13 ވަނަ ދުވަހުއެވެ. އީސީން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓް ހަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަން، އެކޮމިޝަނަށް ސާބިތުވާ ކަމަށެވެ. 

ނަމަވެސް ސުޕްރީމް ކޯޓުން އީސީގެ މި އެންގުން ބާތިލު ކުރީ، ހަސަން މޫސާއަށް އެންގުމަކީ ގާނޫނުން އީސީއަށް ލިބިފައިވާ 48 ގަޑިއިރު ފަހަނަ އަޅާ ދިޔަފަހުން އީސީން އެންގި އެންގުމެއް ކަމަށް ބުނެ، އެ އެންގުމަކީ ވަގުތު ފަހަނަ އެޅިފަހުން ފޮނުވި އެންގުމަކަށް ވުމާއި ގުޅިގެންނެވެ. 

ކޮވިޑް 19އާއި ގުޅިގެން އަހަރެއްހާ ދުވަހު އިންތިހާބު ކުރިއަށް ނުގެންދެވި އޮތުމަށް ފަހު، އެންމެ ފަހުން އީސީން މިދިޔަ މަހު ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހު 10 ވަނަ ދުވަހު ބާއްވާނެ ކަމަށް އިއުލާނު ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް