ads
ބަައްދަލުވުމުގެ ތެރެއިން
ޖޫނިއާ ކޮލެޖް އަދި ޓިވެޓް ސެންޓަރުތައް ގާއިމުކުރުމަށް މަޝްވަރާކޮށްފި
ޖޫނިއާ ކޮލެޖް އަދި ޓިވެޓް ސެންޓަރުތައް ގާއިމް ކުރުމާއި ބެހޭ ގޮތުން ކައުންސިލްތަކާއި އަދި އެ ކައުންސިލްތަކުގެ ދާއިރާތަކުގެ މަޖިލިސް މެމްބަރުންނާއިއެކު ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފި އެވެ.

އެގޮތުން ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައި ކެނދިކުޅުދޫ ދާއިރާގެ މަޖްލިސް މެމްބަރު އަހްމަދު އީސާ އަދި ކެނދިކުޅުދޫ ކައުންސިލް މެމްބަރުންނާއިއެކު ވަނީ ކެނދިކުޅުދޫގައި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އިންވެސްޓްމަންޓްއެއްގެ ގޮތުގައި ޖޫނިއާ ކޮލްޖްއަކާއި އެކު ކިޔަވާ ކުދިން ތިބުމަށް ދަނާލެއް ގާއިމް ކުރުމަށް މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ ކަމަށް ހަޔާ އެޑިޔުކޭޝަނުން ބުނެއެެވެ.  

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްްޓަރު ވަނީ 16 އަހަރާއި 21 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން ދެ އަހަރުގެ މުއްދަތެއްގެ ތެރޭގައި ކިޔެވުން ފުރިހަމަ ކުރާގޮތަށް ތައުލީމާއި ތަމްރީނުގެ ކޯސްތައް ފަރުމާ ކުރާނީ ނ. އަތޮޅު ހިމެނޭ ސަރަހައްދުގެ ސިނާއީ މަސައްކަތްތަކަށް އަމާޒުކޮށްގެން ވަޒީފާގެ ބާޒާރަށް އަދި އިތުރަށް މަތީ ތައުލީމު އުނގެނުމަށް މަގުފަހިވާނެ ގޮތްތަކަށް ކަމަށް ވިދާޅުވެފައެވެ. އަދި ނ. އަތޮޅަކީ ފަތުރުވެރިކަމުގެ ދާއިރާ ވަރަށް ބޮޑަށް ފުޅާވެ ކުރިއަރަމުން އަންނަ އަތޮޅަކަށް ވާތީ އިނގިރޭސި ބަހުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެއްގެ ބަސް ވެސް ޖޫނިއާ ކޮލެޖެގައި ކިޔަވައިދޭނެ ކަމަށް ވިދާޅުވިއެވެ.

ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އީސާގެ ވާހަކަގައި ޖޫނިއާ ކޮލެޖްއެއް ކެނދިކުޅުދޫގައި ގާއިމްވެގެން ދިއުމަކީ ތައުލީމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ރަށުގެ ރައްޔިތުން، ހާއްސަކޮށް ޒުވާނުންގެ މުސްތަގްބަލް އުޖާލާ ކުރުމަށް ލިބިގެންދާނެ ވަރަށް ފަހި ރަނގަޅު ފުރުސަތެއްކަން ފާހަގަކުރެއްވިއެވެ. އަދި ނ. އަތޮޅުގެ ރަށް ތަކުގެ އިތުރުން ށ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު ރަށްތަކުގެ ކުދިންނަށްވެސް ޖޫނިއާ ކޮލެޖްގެ ބޭނުންތެރިކަން ފާހަގަކުރެއްވި އެވެ. 

ހާއްސަކޮށް އެހުރިހާ އަތޮޅެއްގައި ރިސޯޓްތައް ގިނަ އަދަދަކަށް ހުރުމާއިއެކު ފަތުރުވެރިކަމުގެ ސިނާއަތަށް ނިކުތުމަށް ބޭނުންވާ ބޭސިކް ތަމްރީނުތައް ލިބިގެން ދިއުމަކީ ވަޒީފާގެ ޔަގީންކަން ހޯދުމަށް ލިބޭ ވަރަށް ބޮޑު އެހީއަކަށް ވެސް ވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދަނޑުވެރިކަމާއި، މޫދު ކުޅިވަރާއި ޑައިވިން، މެރިން އިންޖިނިއަރިން އަދި އިލެކްޓްރިކަލް އިންޖިނިއަރިން ދާއިރާގެ ކޯސްތަކުގެ މުހިންމުކަމާއި މެދުވެސް މެމްބަރު އަހްމަދު އީސާ ވާހަކަ ދައްކަވާފައިވެއެެވެ.

މިއަދުގެ ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ ހއ. ދިއްދޫ ކައުންސިލް އާއި މަޖިލިސް މެންބަރުންނާއި އެކު އެވެ. އެބައްދަލުވުމުގައި ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދުގެ އިތުރުން ދިއްދޫ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އެ ބައްދަލުވުމުގައި ވެސް މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ ވާހަކަގައި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އިންވެސްޓްމަންޓްއެއްގެ ގޮތުގައި ޖޫނިއާ ކޮލްޖްއަކާއި އެކު ކިޔަވާ ކުދިން ތިބުމަށް ދަނާލެއް ގާއިމް ކުރުމަށް މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާއި ބެހޭ ގޮތުންމަޝްވަރާކުރެއްވިއެވެ. 

މީގެ އިތުރުން ތިންވަނަ ބައްދަލުވުމުގައި ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ރަޝީދު، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒްގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއިރު އެ ބައްދަލުވުމުގައިވެސް މިނިސްޓަރު ވަނީ، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އިންވެސްޓްމަންޓްއެއްގެ ގޮތުގައި "ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރެއް" ފުވައްމުލަކު ސިޓީގައި ގާއިމްކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަތޮޅުތެރޭގައި ތައުލީމް ހާސިލް ކުރަން ބޭނުން ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ޖޫނިއާ ކޮލެޖްތައް ގާއިމް ކުރެވިގެންދާނީ ދަނާލުތަކާއިއެކު ކަމަށް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ އަތޮޅުތެރޭގަައި ކިޔަވަން ބޭނުންވެ އެފުރުސަތުތައް ފަހިވެފައި ނެތް ކުދިންނަށް ހާއްސަކޮށްގެން ފުރުސަތުތައް ފަސޭހަކަމާއި އެކީ ފޯރުކޮށްދިނުމަށް ވިސްނުންތަކެއް ގެންގުޅުއްވާ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ މިހާރުގެ ވިޝަންއަކީ ކުރީގައި ނެތް ލުއި ފަސޭހަ ކަންތައްތަކެއް މުސްތަގުބަލުގައި ދަރިވަރުންނަށް ފަހިކޮށްދިނުން ކަމަށާއި މުސްތަގުބަލުގައި އަތޮޅުތެރޭގައި ތިބެގެން ތައުލީމް ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ވެސް އެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ. ޖޫނިއާ ކޮލެޖް ތަކާއިއެކު ދަނާލްތައް އުފެދިގެންދިޔުމުން އެފަދަ ކުދިންނަށް އެ ފުރުސަތުތައް އެންމެ ފަހިގޮތެއްގައި ފޯރުކޮށްދެވިގެންދާނެކަމަށް މިނސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ އެ މިނިސްޓްރީން ކުަރަމުންދާ މަސައްކަތުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން މުހިންމުކަމަށާއި ވަޒީފާގެ ބާޒާރަށް ޒުވާނުން ނިކުންނަން ތައްޔާރުވާން ޖެހޭކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް