ads
ފޮޓޯ:ގްލޯބަލް ޓައިމްސް
ނޭޕާލާއި ސްރީލަންކާއިން 100 އަށް ވުރެ ގިނަ ޑޮކްޓަރުން ރާއްޖެއަށް ގެންނަނީ
ނޭޕާލާއި ސްރީލަންކާއިން 100 އަށް ވުރެ ގިނަ ޑޮކްޓަރުން ރާއްޖެއަށް މިއަަހަރުގެ ޖޫން މަހުގެ ތެރޭގައި އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ސަރުކާރު ނިސްބަތްވާ އެމްޑީޕީން ކެމްޕެއިން ކުރުމަށްޓަކައި ރަށްވެހި ފަތިސް ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމްތަކާއިއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ބ. ހިތާދޫ ކައުންސިލުން އެ ރަށުގެ ސިއްހީ މަރުކަޒަށް ދިމާވެފައިވާ މައްސަލަތައް ވީހާވެސް އަވަހަކަށް ހައްލުކޮށްދިނުމަށް އެދުމުން އެކަމަށް ދެއްވި ޖަވާބުގައެވެ.

ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވަނީ އެ ރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް މިހާރު ލިބެމުންދަނީ 16 ގަޑިއިރަށް ކަމަށާއި އެހެންކަމުން ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރަން ހުށަހަޅުއްވާފަ އެވެ. އަދި ޑޮކްޓަރެއް ނެތުމުގެ ދަތިކަން ކުރިމަތިވަމުންދާތީ އެކަން ހައްލުކޮށްދެއްވުމަށްވެެސް ވަނީ އެދިވަޑައިގެންފަ އެވެ.

" ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް އެދޭކަމެއް. މިހާރު އަޅުގަނޑުމެންނަށް 16 ގަޑިއިރަށް ހިދުމަތް ލިބެމުން މިދަނީ އެހެންވީމަ ރައީސް މިކަމަށް އަލިއަޅުއްވާލައްވާ އަޅުގަނޑުމެންނަށް 24 ގަނޑިއިރަށް ބަދަލުކޮށްދެއްވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ އެދުމެއް. އަދި ދެ ޑޮކްޓަރުންގެ ހިދުމަތް މަރުކަޒަށް ލިބޭނެ އިންތިޒާމް ހަމަޖައްސާދިނުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް އިނގޭތޯ އެއީ އަޅުގަނޑުމެންނަށް މިއަދުވެސް ވަނީ ޑޮކްޓަރެއް ނެތީމަ މިރަށަށް ވަނީ ހިދުމަތް ލިބުން ވަރަށް ދަތިވެފަ" ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ، ހިތާދޫ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުމަށް ހަދަންޖެހޭ ސާވޭތައް ހަދައި ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮކްޓަރުންގެ ދަތިތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެެރެއިން މިހާރު ނޭޕާލާއި ސްރީލަންކާއިން 163 ޑޮކްޓަރުން ރާއްޖެއަށް ގެނެއުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއަހަރު ޖޫން މަހުގެ ނިޔަލަށް މި ޑޮކްޓަރުން މާލެއަށް އައުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވަނީ އޭގެ ތެރެއިން އެއް ޑޮކްޓަރަކު އެރަށަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

"ޑޮކްޓަރުންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރެވެމުން މިދަނީ. ނޭޕާލާއި ސްރީލަންކާއިން 163 ޑޮކްޓަރުން ރާއްޖެއަށް ގެނެއުމުގެ މަަސައްކަތް ކުރެެވެމުން އެބަދޭ. އެގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މި ޑޮކްޓަރުން މާލެ އައުމުގެ މަސައްކަތް ފެށިގެންދާނެ" ރައީސް ސޯލިހް ވިދާޅުވިއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް