ads
ވެލި މަޑިއެއްގެ ގަޔަށް ބުޅިގަނޑެއް ހެރިފައި.. ފޮޓޯ: ޓްވީޓާ
މި އަނިޔާގެ ބަދަލު ހޯދަންޖެހޭނީ މިސޮރު އަމިއްލައަށް ތަ؟
ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަމާއި ކަނޑު އަޑީގެ ބަގީޗާ ތަކަކީ ދިވެހީންގެ އެންމެ އަގުބޮޑު ތަރިކަ މުދަލެވެ. އެހެނީ އޭގެ ސަބަބުން ލިބޭ ހިތްގައިމު ކަމަށްވުރެ ބޮޑަށް އޭގެ ސަބަބުން ދިވެހީންނަށް ކުރާ އެހެން އެތައް ފައިދާ ތަކެއްވެސް ހުރިކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ނަމަވެސް ކަނޑު އަޑީގެ މި ބަގީޗާތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ، ފަރުތަކާއި ދިވެހި ކަނޑުގައި ދިރިއުޅޭ ތަފާތު އެކިއެކި މަސްމަހާ މެހީގެ ބާވަތްތަކަށް ދިވެހީންގެ ފަރާތުން އެކިވަރު އަނިޔާތަށް ލިބޭ ވާހަކަ މަދުންނަމަވެސް އިވެއެވެ.

ގިނަ ފަހަރު މި ވާހަކަތައް ދައްކާ ބަޔަކީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ. ސްކޫބާ ޑައިވަރުންނާއި، ފްރީ ޑައިވަރުންނާއި، ސްނޯކަލް އަދި އެކްސްކާޝަން އިންސްޓްރަކްޓަރުންނެވެ. ނަމަވެސް މިފަހަރު މިފަދަ ވާހަކައެއް މީސްމީޑިއާގައި ތިލަކޮށްލީ ފޮޓޯ ގްރާފަރެކެވެ. 

ޓްވީޓާގައި އޭނާ ހިއްސާކުރި ވީޑިއޯއިން، ސްޓިންގްރޭ އެއްގެ ނުވަތަ ވެލި މަޑިއެއްގެ ލޯ ކައިރިއަށް ތޫނު ބުޅިގަނޑެއް ނުވަތަ ދާވަންޏެއް ހެރިފައިވާތަން ފެނެއެވެ. އެ ވީޑިއޯ ހިއްސާކުރަމުން އޭނާ ބުނެފައިވަނީ، އެއީ ބާ އަތޮޅުން ފެނިފައިވާ މަޑިއެއް ކަމަށެވެ. 

އަދި އެފަދަ ތޫނު ބުޅިގަނޑު ފަދަ މަސްވެރިކަމަށް ބޭނުންކުރާ ބައެއް ބާވަތުގެ އާލާތްތައް މަނާކުރުމަށް އޭނާ ވަނީ އެ ޓްވީޓުގައި ގޮވާލާފައެވެ. 

ކޮންމެއަކަސް ވީޑިއޯއިން އެ ފެންނަ ބާވަތުގެ މަޑިއަކީ، މައުލޫމާތު ލިބޭގޮތުގައި ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ބާވަތުގެ މަޑިއެކެވެ. އެހެންކަމުން މިފަދަ އަނިޔާއެއް ދިނުމަކީ އެތަކެތި ހިމާޔަތް ކުރުމަށްޓަކައި ގާނޫނުން ހެދިފައިވާ ގަވާއިދުތަކާއި ކަނޑައެޅިގެން ހިލާފު ކަމެކެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅުތައް އެޅޭތަނެއް ގިނަ ފަހަރަކު ނުފެނެއެވެ. 

މި ވީޑިއޯ އާއި ގުޅިގެންވެސް ފިޝަރީޒް މިނިސްޓަރީއަށް ގުޅައި މިކަމުގެ މައުލޫމާތު ހިއްސާކުރުމުން ލިބުނީ އެންމެ ހިތްހަމަޖެހޭފަދަ ޖަވާބެއް ނޫނެވެ. މިނިސްޓްރީގެ އިސް އޮފިޝަކަލު ވިދާޅުވީ، ވީޑިއޯއިން މި ފެންނަ ބާވަތުގެ މަޑިއަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ބާވަތެއްގެ މަޑިއެއް ކަމަށާއި، ނަމަވެސް މިފަދަ އަނިޔާއެއް ލިބުނު މައްސަލައެއް ހުށަހަޅާފައި ނުވާކަމަށެވެ. އަދި އެމައްސަލަ ހުށަހެޅުމުން އިތުރަށް ތަހުގީގުކޮށް ބަލާނެ ކަމަށްވެސް ވިދާޅުވިއެވެ. 

ހަމަ ގައިމުވެސް އެ މަޑިއަށް އައިސް މިނިސްޓްރީގައި ނުވަތަ ކަމާބެހޭ އެހެން ފަރާތެއްގައިވެސް އެ މައްސަލަ ނުޖެއްސޭނެއެވެ. އެ އަނިޔާ އެސޮރަށް ލިބުނުކަން ވެސް މީހަކަށް އެނގޭނީ މިގޮތަށް ވީޑިއޯއަކުން ނުވަތަ ފޮޓޯއަކުން، ނުވަތަ އެ މަންޒަރު ފެނުމުންނެވެ. ހަމަ އެގޮތަށް އެ ވީޑިއޯ މިނިސްޓްރީގެ ބޭފުޅުންގެ ނުވަތަ ކަމާބެހޭ ފަރާތެއްގެ ބޭފުޅަކަށް ފެނުމުން، ނުވަތަ އެފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނައުމުން މައްސަލަ ނުބެލެންވީ ކީއްވެތޯއެވެ. އުފެދޭ ސުވާލަކީ އެ މައްސަލަތައް ބެލޭނީ، އަދި އެ ތަކެތި އެކަށީގެންވާ ގޮތެއްގައި ހިމާޔަތް ކުރެވޭނީ އެ އަނިޔާ ލިބޭ "ސޮރު" އައިސް މިނިސްޓްރީގައި ޝަކުވާ ކުރުމުންތޯއެވެ؟ އެހެންކަމަށްވާނަމަ އެއީ ބޮޑު ޖޯކެއް ނޫންތޯއެވެ. 

ކޮންމެއަކަސް މިއީ ރާއްޖޭގެ ފަރުތަކާއި ފަޅުތަކުން ވެސް އާންމުކޮށް ފެންނަ ބާވަތުގެ މަޑިއެއްގެ އިތުރުން އެއީ ފަތުރުވެރިންގެ ސަމާލުކަންވެސް ފުދޭ މިންވަރަކަށް ލިބޭ ބާވަތުގެ މަޑިއެކެވެ. އެކަމުގެ ހެތްކަކީ، އެބާވަތުގެ ވެލި މަޑިއަށް ރާއްޖޭގެ ގިނަ ރޮސޯޓުތަކުގައި ރާޅުޖަހާ ފަށުގައި ކާންދޭ މަންޒަރު ވަރަށް ގިނައިން މީސްމީޑިއާއިން ފެނުމެވެ. ގިނަ ފަހަރު މިނިސްޓްރީ އާއި، ނުބަތަ ކަމާބެހޭ އެހެން ފަރާތްތަކަށްވުރެ ބޮޑަށް އެ ތަކެތި ހިމާޔަތް ކުރަން މަސައްކަތް ކުރާތަންވެސް ފެންނަނީ ރޮސޯޓުތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ ފަރާތްތަކެވެ. 

your imageރާއްޖޭގެ ރިސޯޓެއްގެ ގޮނޑިދޮށުގައި ފަތުރުވެރިން، ވެލިމަޑިއަށް ކާންދެނީ..

މިފަދަ އަނިޔާތަށް ލިބިފައި ހުންނަތަން އާންމުކޮށް ފެންނަނީ، ނުރައްކާތެރި ބާވަތް ބާވަތުގެ ދިރޭތަކެތީގެ ގޮތުގައި އަޅުގަނޑުމެން ދެކެމުން އަންނަ ބާވަތްތަކުގެ މަސްމަހާ މެއްސަށެވެ. އެގޮތުން އާންމުކޮށް ފެންނަ ބާވަތްތަކުގެ ތެރޭގައި މިފަދަ މަޑި އާއި، މިޔަރާއި، ފެހުރިއްސާއި އަދި އެނޫންވެސް އެކި ބާވަތްތައް ހިމެނެއެވެ. ނަމަވެސް ހަގީގަތަކީ، އެއިން އެއްޗެއްގެ ފަރާތުން އިންސާނުންނަށް ލިބޭ އަނިޔާ އަށްވުރެ އެ ތަކެއްޗަށް އިންސާނުންގެ ފަރާތުން ލިބޭ އަނިޔާ ގިނަ ކަމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް