ads
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު
ސިފައިންގެ މެޑިކަލް ކޯއަށް މިނިސްޓަރު މާރިޔާގެ ތައުރީފް!
ސިފައިންގެ މެޑިކަލް ކޯއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ތައުރީފް ކުރައްވައިފި އެވެ.

ޑިފެންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ "މިނިސްޓަރުގެ ގަލަންކޮޅުން'' ގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާންކުރެއްވިތާ އަހަރެއް ފުރެން ގާތްވެފައިވާއިރު، ސިއްހީ ހިދުމަތްދިނުމުގައި ސިފައިން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރަނީ ނުހަނު އުފަލާއި ޝުކުރާ އެކީގަ ކަމަށެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާއެކު، 13 މާޗް 2020 ގައި ސެނަހިޔާ ހޮސްޕިޓަލްގައި ސިފައިންގެ އަމިއްލަ އިސްނެގުމާއެކު ފްލޫ ކްލިނިކެއް ގާއިމްކުރެއްވި ހިސާބުން ފެށިގެން، ކޮވިޑް-19 އާ ދެކޮޅަށް "ފާސްޓް ރެސްޕޮންޑާސް"ގެ ގޮތުގައި، އެމްއެންޑީއެފް މެޑިކަލް ކޯގެ ހިތްވަރުގަދަ ސިފައިންދަނީ ހަރަކާތްތެރިވަމުންކަން ފާހަގަކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ، 24 ގަޑިއިރު މަސައްކަތްކުރާ ހަމައެކަނި ކްލިނިކުގެ ގޮތުގައި އެންމެ ފުރަތަމަ ހުޅުވި ފްލޫ ކްލިނިކުންދަނީ، ދިވެހި ރައްޔިތުންނާއި ބިދޭސީން ހިމެނޭހެން، ވޯކްއިން ކޮންސަލްޓޭޝަންތައް ދިނުމާއި، ކްލިނިކުގަޔާއި މޯބައިލް ސައިޓްތަކުގައި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

މޯބައިލް މެޑިކަލް ރެސްޕޮންސް ޓީމްތަކަށް އެހީތެރިވުމާއި، ބިދޭސީންނަށް ހާއްސަކޮށް މެޑިކަލް ކޭމްޕުތައް ހިންގުމާއި، ޑިސްއިންފެކްޝަން ޓީމްތައް ޓްރެއިންކޮށްދީ، ޑިސްއިންފެކްޝަންގެ މަސައްކަތް ކުރުމާއި، ކޮވިޑާ ދެކޮޅަށް ބޭނުންހިފިދާނެ ތަފާތު އާލާތްތައް އީޖާދުކުރުމާއި، ޕީޕީއާ ގުޅޭ ތަމްރީނުތައް ހިންގުމާއި، ސެނަހިޔާ ލެބޯޓަރީގެ ހިދުމަތްތައް ތަރައްގީކުރުން ފަދަ މުހިންމު މަސައްކަތްތައް މެޑިކަލް ކޯގެ ސިފައިންވަނީ ވަރަށް ފުރިހަމައަށް ކުރިއަށް ގެންގޮސްފައިކަން މިނިސްޓަރު މާރިޔާ ވަނީ ފާހަގަކޮށްފައެވެ. 

"މިފުރުސަތުގައި، އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. އަލީ ޝާހިދަށާއި، މެޑިކަލް ކޯގެ ހީވާގި އެންމެހާ ޑޮކްޓަރުންނަށާއި ނަރުހުންނަށާއި އެހީތެރިންނަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ނަންފުޅުގަޔާއި، ސިފައިންގެ ލީޑާޝިޕްގެ ނަމުގަޔާއި، ދިވެހި ރައްޔިތުންނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑުގެ ދުއާއަކީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތުގައި މާތްﷲ ކާމިޔާބީ މިންވަރުކޮށްދެއްވުން" މިނިސްޓަރު މިނިސްޓަރުގެ ގަލަންކޮޅުން ގައި ލިޔުއްވާފައިވެއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، މިއަދު ނަގާފައި މިވާ ތިންވަނަ ރާޅަށް ވެސް ނުސިހި، މެޑިކަލް ކޯގެ ހިތްވަރުގަދަ ސިފައިންދަނީ ސަރުކާރުން ފަށްޓަވާފައިވާ "ކޮވިޑް-19 ދިފާއު" ވެކްސިނޭޝަން ކެމްޕޭން އޮމާންކަމާއި ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމުގައި މުހިންމު ދައުރެއް އަދާކުރަމުން ކަމަށާއި ވީހާވެސް އޯގާތެރިކަމާއި ކެތްތެރިކަމާއެކު، އުމުރުން ދުވަސްވީ ބޭފުޅުންނަށާއި ހައިރިސްކު ފަރާތްތަކަށާއި ފްރަންޓްލައިނަރުންނަށް ވެކްސިން ޖަހައިދިނުމުގައި ސިފައިންދަނީ އިންސާނިއްޔަތުގެ މަތިވެރި ރޫހުގައި މަސައްކަތްކުރަމުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް