ads
އެންޑީއޭ-- ފޮޓޯ: ސަން
ފަރުވާ ނިމުނަސް ވަށައިގެންވާ ކަންކަން ބަލަހައްޓާ ނިޒާމެއް ގާއިމް ކުރާނަން: އެންޑީއޭ
ނެޝަނަލް ޑްރަގް އެޖެންސީ ބަދަލުވެގެން ދެން ދާނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު ވެސް އެމީހެއްގެ ވަށާގެންވާ މާހައުލު އެންޑީއޭއިން ބަލަހައްޓަންޖެހޭފަދަ "ކޭސް މެނޭޖްމެންޓް ސިސްޓަމް"އަކަށް ކަމަށް އެންޑީއޭ ބޯޑުގެ ޗެއާމަން އަބްދުލް ހަމީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކުރުމަށް ރައީސް އޮފީހުން ކުރިއަށްގެންދާ، "ޖަޒީރާ ސައްލާ" ގައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ، ޑްރަގް އެޑިކްޓަކު ފަރުވާދިނުމަށްފަހު ނުވަތަ ޖަލުން ދޫކޮށްލުމަށްފަހުވެސް އިތުރަށް އެކުއްޖާ އުޅޭނޫޅޭގޮތް ނުބެލޭކަމަށާއި، އާފްޓަކެއާވެސް އެންމެ ރަނގަޅަށް ފޯރުކޮށް ނުދެވޭކަމުގެ ޝަކުވާތައް އަންނަ ކަމަށެވެ. 

އެހެންނަމަވެސް އެންޑީއޭ ރިޕޯމްވެގެން އަންނައިރު އޭގެ ތެރޭގައި ހިމެނޭނެ އެއްކަމަކީ ކޭސް މެނޭޖްމެންޓް ސިސްޓަމަކަށް ބަދަލުވެގެން ދިޔުން ކަމަށެވެ. 

"އޭގެ މާނައަކީ ފަރުވދިނުމަށްފަހުވެސް އޭނަގެ ވަށާގެންވާ ހުރިހާކަމަަކަށް އެންޑީއޭއިން ބަލަހައްޓަން ޖެހޭނެއޭ. އެންޑީއޭއިން ބަލަހައްޓާނޭ އަދި ފޮލޯއަޕްވެސް ކުރާނޭ އެޓްލީސްޓް ފަސް އަހަރު ނުވަތަ 10 އަހަރު" ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ، ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކޮށް، އެފަދަ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ޕުރޮގުރާމުތައް ހިންގުމަށް ލ. ކަޅައިދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހާއްސަ މަރުކަޒަކީ މިފަދަ ކުދިންނަށް އެހީތެރިވުމަށް ސަރުކާރުން ނަންގަވާ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ. އެއީ ރިހިބިލިޓޭޝަން ނިމޭ ފަރާތްތަކުން އެތާ ތިބެގެން މަސައްކަތް ދަސްކޮށް އަމިއްލައަށް ވަޒީފާ ހޯދުން އަދި އަމިއްލައަށް ވަޒީފާ ކްރިއޭޓް ކުރަން ދަސްވެގެންދިޔުމުން މުޖުތަަމައު ތެރެއަށް ނިކުމެ ދިރިއުޅުން ފަށައިގަންނަން ފަސޭހަވެގެން ދާނެތީ ކަަމަށް ހަމީދު ވިދާޅުވިއެވެ. އަދި އޭރުން އެފަދަ ކުދިންނަށް ކޮށްފައިވާ ހުކުމްތަކުންވެސް ލުއި ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. 

"އެހިސާބުން ނިމުނީކީނޫން. އެހިސާބުންވެސް ކޭސް މެނޭޖްމެންޓް ސިސްޓަމްގެ ތެރެއިން ގާތްގަނޑަކަށް 10 ވަރަކަށް އެބް ޓްރެކް ކުރަން އެކުއްޖެއް ސޮސައިޓީތެރޭގަ ޕްރޮޑަކްޓިވް މީހެއްގެ ގޮތުގަ ބަހައްޓާދިނުމަށް. އޭރުން އިގޭނެ އެމީހުންނާ އަޅާލާ ނޫނީ ބަލަހައްޓަން އަދި ޗެކިން ކުރާ ބަޔަކު އެބަތިބިކަން އެހެންވީމަ އެއީވެސް ވަރަށް ބޮޑުވަރު. މިއީ މިހާރު އަޅުގަނޑުމެންފެ ފޯކަސްގަ ހުރިކަންކަން" ހަމީދު ވިދާޅުވިއެވެ. 

އެންޑީއޭގެ ދަށުން ހދ. ހަނިމާދޫޫގައި ހިންގަމުން އަންނަ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ދެމުން އައި މީހަކު ވަރަށް ފަހުން ވަނީ ނިޔާވެފައެވެ. 

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ވަންނާނެ ގެދޮރެއް ނެތި މަގުމަތިވެފައިވާ މައްސަލަ ބޮޑުވެފައި ވަނިކޮށް ފުލުހުން ވަނީ މަސްތުވުމަށް ހާއްސަ އައްޑާތަކުގައި ހިންގި އޮޕަރޭޝަންތަކުގައި ނޫސްވެރިން ބައިވެރިކޮށްފަ އެވެ. މި ހުރިހާ ކަމެއް ހިނގާފައި މި ވަނީ "ޗޭންގް އެންޑީއޭ" ގެ ނަމުގައި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށާފައި ވަނިކޮށެވެ. 

އެންޑީއޭ ބަދަލުކުރުމަށް ގޮވާލާ ހިންގި އޮންލައިން ކެމްޕޭން އެންމެ ފަހުން ވަނީ ރަސްމީ ހަރަކާތަކަށް ބަދަލުވެ މަގުމައްޗަށް ވެސް ނިކުމެފަ އެވެ. އެ ހަރަކާތުގައި އުޅޭ ބައެއް މީހުން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ކުރީކޮޅު އެންޑީއޭ ދޮށަށް އެއްވެ، އެތަން އިސްލާހު ކުރުމަށް ގޮވާލާ އިހްތިޖާޖުކުރި އެވެ. އެންޑީއޭ ކައިރިއަށް އެއްވެ އަޑު އުފުލާފައި ވަނީ މަސްތުގެ ވަބާގައި ޖެހިފައިވާ މީހުންނަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށާއި އެންޑީއޭއަށް އިސްލާހީ ބަދަލު ގެނައުމަށެވެ.  

ފާއިތުވި ނުވަ އަހަރު އެންޑީއޭއިން ގާނޫނާ އެއް ގޮތަށް އަމަލުކޮށްފައި ނުވާ މައްސަލަ ބެލުމަށާއި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ފަރުވާދޭ މަރުކަޒުތައް ހަދާފައި ނުވާ މައްސަލައާއި ރިހެބިލިޓޭޝަން ސެންޓަރުތަކުން ރަނގަޅު ފަރުވާ ނުލިބި މުޖުތަަމައުއަށް ދޫވެ އަނެއްކާވެސް އެ ކުދިން އެ ވަބާގެ ތެރެއަށް ވަންނަ މައްސަލަތައް ވެސް އެމީީހުން ފާހަގަކުރެއެވެ. ފަރުވާއަށް ދާން ޑްރަގް ކޯޓުން ހުކުމްކޮށް ފަރުވާ ނުފެށި ދިގު ކިއުގައި މަޑުކޮށްގެން އެތައް ސަތޭކަ ބަޔަކު އެބަ ތިއްބެވެ. 

"ނޭޝަނަލް ޑްރަގް އެޖެންސީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދާފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު އެވެ. ނޭޝަނަލް ޑްރަގް އެޖެންސީއަކީ، ހޯމް މިނިސްޓްރީއާއި ގުޅިފައިވާ އަމިއްލަ ހައިސިއްޔަތެއް ލިބިގެން ހިންގުމުގެ މިނިވަންކަން ލިބިފައިވާ، ގަވާނިން ބޯޑެއްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފަ އެވެ.

އެ އެޖެންސީއަކީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި، އެ ގާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެ ލަފާއާއި މަޝްވަރާގެ މަތިން ރައީސް ކަނޑައެޅުއްވުމުން، އެ ސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މައިގަނޑު އިދާރާއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް