ads
ބަންގްލަދޭޝްގެ ޞިއްޙީ ދާއިރާގެ ޓީމް
ބަންގްލަދޭޝްގެ ސިއްހީ ދާއިރާގެ ޓީމް ރާއްޖެ އަތުވެއްޖެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމުގެ މަތިން "ކޮވިޑް-19 ދިފާއު" ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް އައުމަށް ހަމަޖެހިފައިވާ ބަންގްލަދޭޝްގެ އެއާފޯސްގެ މެޑިކަލް ޓީމް މިއަދު ހަވީރު ރާއްޖެ އަތުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ސިއްހީ މާހިރުން އިތުރަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި ބަންގްލަދޭޝްއިން ރާއްޖެއަށް މިފަދަ ޓީމެއް ފޮނުއްވިކަމީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް ބަންގްލަދޭޝްއިން މެދުކެނޑުމެއްނެތި ވެދެމުންދާ އެހީތެރިކަމުގެ މިސާލެއް ކަމަށެވެ.

ދިހަ ނަރުހުންނާއި، ހަތް މެޑިކަލް އެސިސްޓެންޓުން އަދި އެނެސްތިޒިއޮލޮޖިސްޓެއް ހިމެނޭ މި ޓީމް، ހެލްތު މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން މަސައްކަތްކުރައްވާނީ މާލޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީތެރިވުމުގެ އިތުރުން ގދ ތިނަދޫ، ލ ގަން، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ހިންގަމުންދާ ވެކްސިން ޕްރޮގްރާމްތަކުގަ އެވެ. މި ޓީމް ދެ މަސް ދުވަހު ރާއްޖޭގައި ތިބޭނެއެވެ. 

މި މެޑިކަލް ޓީމުން ރާއްޖޭގެ ސިއްހީ ދާއިރާގެ އިސްބޭފުޅުންނާއިއެކު މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، ދެ މަސް ތެރޭ މާލޭ ސިޓީއާއި އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކުން ފެންނަމުންދާ ކުރިއެރުން ބަލަމުންދާނެއެވެ. މި ޓީމުގެ މަސައްކަތުގެ ތެރޭގައި ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ފުރިހަމަ ގޮތުގައި ވެކްސިން ފޯރުކޮށްދެވޭކަން ކަށަވަރުކުރުން ހިމެނެއެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވެކްސިންދޭން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. 

މިނިސްޓްރީން ބުނީ "ކޮވިޑް-19 ދިފާއު" ވެކްސިން ކެމްޕޭނުގެ ދަށުން ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހިމެނޭހެން އެންމެންނަށް، ހަމަހަމަ ފުރުސަތުތަކެއްގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. މީގެ ކުރިން ރައީސް ވިދާޅުވެފައިވާ ފަދައިން، މި ކަމުގައި ގަވާއިދާ އެއްގޮތަށް އުޅޭ އަދި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ސަރުކާރުން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑުތަނުން ވަނީ ހަރުދަނާކުރެވިފައެވެ. ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު އޭ. ކޭ. މޮމެންގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު ފެބްރުއަރީ މަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައިވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި އެދުން ފޮރިން މިނިސްޓަރު ބަންގްލަދޭޝް ސަރުކާރަށް ހުށަަހަޅުއްވާފައިވަނީ އެ ދަތުރުފުޅުގައެވެ.

ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންގެ ފަރާތުނާ އެކު އެކި ގޮތްގޮތުން ލިބެމުންދާ އެހީތެރިކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާއި، ހާރިޖީ ވަޒީރުން ޑރ އޭ. ކޭ މޮމެންގެ އިތުރުން ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނާއި އަސްކަރިއްޔާއަށް ދިވެހި ސަރުކާރުން ވަނީ ޝުކުރުއަދާކުރައްވާފަ އެވެ. 

ބަންގްލަދޭޝްގެ މެޑިކަލް ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދު އާއި، ހެލްތް މިނިސްޓަރީގެ ސްޓޭޓް ޑރ ޝާހު މާހިރުގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރެއާ އެޑްމިރަލް (ރޓ) ނަޒްމުލް ހަސަން އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނަންޓް ކާނަލް ހުސައިން ފައިރޫޝް އަދި ލެފްޓިނަންޓް ކާނަލް ހަސަން ބުޝްރީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް