ads
ފޮޓޯ: ފޮރިން މިނިސްޓަރު
ޗައިނާއިން ވެސް އިތުރު އެއްލައްކަ ޑޯޒްގެ ވެކްސިން ރާއްޖެއަށް ދެނީ
ޗައިނާއިން ރާއްޖެއަށް ޖުމްލަ 200،000 ޑޯޒް ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ޗައިނާއިން ވަނީ އެއް ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. އަނެއްކާ ވެސް އިތުރު އެއް ލައްކަ ޑޯޒްގެ ވެކްސިން ރާއްޖެއަށް ދޭން ނިންމާފައިވާކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރެއްވުމަށް ފަހު، ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި މިވަނީ ހާމަކުރައްވާފަ އެވެ. 

ޗައިނާއިން ހަދިޔާކުރާނީ ސައިނޯފާމް ވެކްސިން ކަމަށް ބެލެވެ އެވެ. ސައިނޯފާމް ވެކްސިނަކީ ޗައިނާއިން އުފައްދާފައިވާ ކޮވިޑް-19 ގެ ވެކްސިނެކެވެ. 

މިދިޔަ ފަހަރު ވެކްސިންގެ އެއްލައްކަ ޑޯޒް ދޭނެކަން އިއުލާންކޮށް ކުރި ޓްވީޓާއެކު ވެސް ޗައިނާ ސަފީރު ހިއްސާކުރެއްވީ ސައިނޯފާމް ވެކްސިންގެ ފޮޓޯއެކެވެ.  

އޭގެ އިތުރުން ވެސް ރާއްޖޭގެ ސަރުކާރަށް ވަނީ ޗައިނާގެ ސެނޮފާމް ވެކްސިންގެ 5،000 ޑޯޒް ހިލޭ އެހީގެ ގޮތުގައި ލިބިފަ އެވެ. 

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެގައުމުން ހަދިޔާކުރި ވެކްސިނާއެކު މިދިޔަ މަހުގެ އެއް ވަނަ ދުވަހު ރާއްޖޭގެ ވެކްސިން ކެމްޕެއިން ފަށާފައިވާއިރު އެގައުމުން ވެސް ވަނީ ދެ ލައްކަ ޑޯޒްގެ ވެކްސިންދޭން އެއްބަސްވެފަ އެވެ.

މިހާރު ރާއްޖެއިން 129000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް