ads
އީސީގެ ރައީސް ޝަރީފް
އިންތިހާބު ކާބިޔާބުވާނީ ވޯޓުން، އީސީން ކޮށްދޭ ކަމަކުން ނޫން: ޝަރީފް
އިންތިހާބު ކާބިޔާބުވާނީ ވޯޓުގެ ނަތީޖާއިން ކަމަށާއި އެކަން ވަނީ އިލެކްޝަން ކޮމިޝަން(އީސީ)އިން ކޮށްދޭ ކަމަކުން ނޫން ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

އީސީގެ މެމްބަރުން ވަޒީފާގެ ބިރަށްޓަކައި މަސައްކަތް ކުރައްވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކޮށްދޭން ކަމަށް ބުނެ ޕީޕީއެމުން ކޮމިޝަންގެ މެމްބަރުންނަށް ރައްދުވާ ގޮތަށް ތުހުމަތުކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވަމުން ޝަރީފް ވިދާޅުވީ އިންތިހާބު ކާބިޔާބުވާނީ ވޯޓުގެ ނަތީޖާއިން ކަމަށާއި އޭރުވެސް އަދި މިހާރުވެސް އެކަން އޮތީ އީސީން ކަމެއް ކޮށްދީގެން ވާގޮތަކަށް ނޫން ކަަމަށެވެ. 

" އިންތިހާބު ކާބިޔާބުވާނީ ވޯޓުގެ ނަތީޖާއިން. އީސީން ކަމެއް ކޮށްދީގެން ވާގޮތަކަށް ނޫން އޭރުވެސް އަދި މިހާރުވެސް އެކަން އޮތީ. ރައްކާތެރިވެ ތިއްބަވާ. ކެމްޕެއިން ކުރައްވާ. އެންމެ ވޯޓަކުންވެސް ނަތީޖާ ބަދަލު ވެދާނެ" ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުގެ ކެމްޕޭން މެނޭޖަރު ޑރ. އަބްދުﷲ ހަލީލް ވަނީ، ކެމްޕޭނު ކުރަން ހަމަހަމަ ފުރުސަތެއް ދީފިނަމަ އިދިކޮޅު ކޯލިޝަނުން އިންތިހާބު ކާމިޔާބު ކުރާނެކަމުގެ ޔަގީންކަން އެމްޑީޕީ އަށް އޮތުމުން ސަރުކާރުން ދަނީ ހުރިހާ މުއައްސަސާތަކެއް މެދުވެރިކޮށް އިންތިހާބުގެ ނަތީޖާ އަނބުރާލުމަށް މަސައްކަތް ކުރަމުން ކަމަށް ތުހުމަތުކޮށް ވާހަކަދައްކަވާފައެވެ. 

މީގެ އިތުރުން ވޯޓްލުމުގެ ހައްގު ލިބިފައިވާ ރައްޔިތުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ މީހުންނަށް ރީރަޖިސްޓްރީ ވުމުގެ މަރުހަލާ ހިނގަމުންދާ ގޮތާ ގުޅިގެންވެސް އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ހަލީލް ވިދާޅުވީ މީގެ ކުރިން އިންތިހާބުތަކުގައި ރީ ރަޖިސްޓްރޭޝަން ފޯމުގައި އިނގިލީގެ ނިޝާން ޖެހި ކަމަށާއި ނަމަވެސް މިފަހަރު އެކަން ކުރަން ނުޖެހޭ ގޮތަށް ހަދާފައި ވަނީ ވަކި ބަޔަކަށް މަންފާތަކެއް ހޯދުމުގެ ނިޔަތުގައި ކަމަށެވެ. 

ހަލީލް ވިދާޅުވި ގޮތުގައި ނާޖާއިޒް މަންފާ ހޯދައިދިނުމަށް މަސައްކަތްކުރަނީ ވެރިކަން ކުރާ ޕާޓީއަށެވެ. ދެން ކަންބޮޑުވުމުގެ ގޮތުގައި އިދިކޮޅުން ފާހަގަކުރީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު ފަދަ ތަންތަނުގައި ވެސް ވޯޓު ފޮށި ބަހައްޓަން ނިންމުމުންނެވެ. 

ހަލީލް ވިދާޅުވީ، ގުރައިދޫގައި މިހާތަނަށް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ފޮއްޓެއް ބަހައްޓާފައި ނުވާ ކަމަށާއި އެހެންނަމަވެސް އެތަނުގައި ކުއްލިއަކަށް ވޯޓު ފޮއްޓެއް ބަހައްޓަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަކީ އަޑި ނޭނގޭ ވަރަށް ގިނަ ކަންތައްތަކެއް އޭގައި ހިމެނިގެން ހިނގަމުންދާ ކަމެއްގެ ގޮތުގައި ތުހުމަތު ކުރެއްވި އެވެ. 

އޭގެ އިތުރުން ހަލީލް ވަނީ އީސީން ވޯޓު ފޮށި ބަހައްޓަން ބޭނުންވާނަމަ ރާއްޖެއިން ބޭރުގައި ވަރަށް ގިނަ ރައްޔިތުން އުޅޭ ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުން ރަނގަޅުވާނެކަން ފާހަގަކުރައްވާފަ އެވެ. އެކަމަކު އެ މަސައްކަތް ނުކުރާ ކަމަށާއި އޭގެ ބަދަލުގައި އުޅެނީ މާނައެއް ނެތް، މީހުން މަދު ތަންތަނުގައި ވޯޓު ފޮށި ބަހައްޓަން ކަމަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް