ads
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު
"ހަގީގީ ލީޑާޝިޕަކީ މީހަކު ތަބަކަށް ލާފަދޭ އެއްޗެއް ނޫން"
ހަގީގީ ލީޑާޝިޕަކީ މީހަކު ތަބަކަކަށް ލާފައިދޭ އެއްޗެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ދިވެހި ގައުމީ ދިފާއީ ބާރުގައި ހަރަކާތްތެރިވާ ކަނބަލުންނަށާއި، އެބައެއްގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަނބަލުން މަސައްކަތްކުރައްވާ އެމްއެންޑީއެފްގެ ލީޑާޝިޕަށާއި، ކަނބަލުންނާ އެއް މައިދާނެއްގައި ހަރަކާތްތެރިވެވަޑައިގަންނަވާ ސިފައިންގެ ބޭކަލުންނާއި، އެންމެހާ ސިފައިންގެ އާއިލާތަކަށާއި، ދިވެހި އެންމެހާ ރައްޔިތުންނަށް، އަރުވަމުން މިނިސްޓަރު ވިދާޅުވީ މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރު ބިނާކޮށްފައިވަނީ ލީޑަރުންގެ ގޮތުގައި އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށް ކަމަށް ވާއިރު، ކޮންމެ ކަމެއް އަލަށް ފަށައިގަންނައިރު، ވަރަށް އުސް އޮޅިތަކެއް ގިރާކުރަންޖެހޭނެ ކަމަށެވެ.

އަދި ފިރިހެނުން ގިނަ ތަނަކަށް ގޮސް، އަންހެނަކަށް ވީތީ، ތިމަންނާއަށް މިވެނި އެވެނި ކަމެއް ނުކުރެވޭނޭ ބުނުމުގެ ބަދަލުގައި، ކެރިގެން ނުކުމެ، ހަމަ ކޮންމެ ކަމެއްވެސް ކުރެވުނު އެންމެ ރަނގަޅަކަށް ކުރުމުގެ ޖޯޝާއި ރޫހު ކަށިން ނެރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި، އަންހެން ސިފައިން އާދަޔާހިލާފު ކުރިއެރުންތަކެއް ހާސިލްކުރައްވާފައިކަން އުފަލާއެކީ ފާހަގަކުރާކަމަށެވެ.

އަދި މިއަދު އެމްއެންޑީއެފް ފަދަ އޭޕެކްސް އޯގަނައިޒޭޝަނެއްގެ އެންމެ މަތީ ފަޑީގައި، ލަފާދޭ މަޖިލީހުގައި، ފުރަތަމަ ފަހަރަށް، ލެފްޓިނެންޓް ކާނަލް ރޭންކުގެ އޮފިސަރުން ތިބޭ އިރުގައި އެ ދެއޮފިސަރުންނަކީ ވެސް އަންހެން ބޭފުޅުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެމްއެންޑީއެފްގެ ހުރިހާ ބޯޑެއްގައިވެސް އަންހެން ބޭފުޅުން ތތިބޭކަން ފާހަގަކުރަމުން މިނިސްޓަރު ވިދާޅުވީ މިހާރުވެސް އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހާސްޓްގައި، ފުރަތަމަ ފަހަރަށް، ދިވެހި އަންހެން އޮފިސަރު ކެޑޭޓަކު ގެންދަވަނީ ކޮމިޝަނިން ކޯހެއް ފުރިހަމަކުރައްވަމުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު މާރިޔާ ވިދާޅުވީ ހަގީގީ ލީޑާޝިޕަކީ މީހަކު ތަބަކަކަށް ލާފައިދޭ އެއްޗެއް ނޫން ކަމަށާއި އެއީ، ތިމާގެ އަމިއްލަ ހިތްވަރާއި ފަންވަރުން ހާސިލްކޮށް، ދަމަހައްޓާ މުހިންމު، ބުރަ މަސްއޫލިއްޔަތެއް ކަމަށެވެ. 

އަދި ތިމާޔަކީ އަންހެނަކަށް ވިޔަސް ނުވަތަ ފިރިހެނަކަށް ވިޔަސް، ތިމާ ކުރިއަރާނީ ތިމާ އަމިއްލައަށް ކުރާ ބުރަ މަސައްކަތުންނާއި ދައްކާ ހުނަރުންކަށާއި ތިމާގެ ވަށައިގެން ބަޔަކު އެހީވެދޭން ތިއްބަސް، ކާމިޔާބީގެ ހަރުގަނޑުން އަރާ މައްޗަށް ދެވޭނީ ތިމާގެ އަތްފަޔަށް ލާ ހިތްވަރަކުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކައިރީގައި ތިބި މީހުންނަށް ކޮށްދެވޭނެ އެންމެ ބޮޑު މިންވަރަކީ ހަރުގަނޑުގައި އަތޮޅުވެރިންނަށް ހިއްޕޭނީ ވަލުގައޭ ބުނާ އުސޫލުން ހިފަހައްޓައިދިނުން ކަމަށެވެ.

މިނިސްޓަރު ވަނީ ދިވެހިރާއްޖޭގެ ހުރިހާ ދާއިރާއެއްގައި، އަންހެނުން ބާރުވެރިކުރުވުމަށާއި މިންތީގެ ހަމަހަމަކަމުގެ ސަގާފަތް ގާއިމްކޮށް، ކުރިއެރުވުމަށްޓަކައި ރައީސް ސާލިހުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މާތްﷲ ކާމިޔާބީ މިންވަރުކޮށްދެއްވުން އެދި ދުއާ ކުރައްވާފަ އެވެ.

އަދި އެމްއެންޑީއެފްގެ ހަރުދަނާ ލީޑާޝިޕްގެ އިރުޝާދުގެ ދަށުން، އިތުރު ކާމިޔާބީއާއި ކުރިއެރުން ޙާސިލްކުރުންމަތީ ސާބިތުވެ ދެމިތިބުމުގެ ހެޔޮ ތައުފީގު، ދިވެހި އަސްކަރިއްޔާގައި ހަރަކާތްތެރިވާ އެންމެހާ ކަނބަލުންނަށް، މާތްﷲ މިންވަރުކޮށްދެއްވުމަށް ވެސް  މިނިސްޓަރު ވަނީ ދުއާ ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް