ads
އަލީ ވަހީދު--
އަލީ ވަހީދުގެ މައްސަަލައަށް ހައްލެއް ހޯދައިދިނުމަށް ތޮއްޑޫ ކައުންސިލުން އެދިއްޖެ
ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައަށް އަވަސް ރަނގަޅު ހައްލެއް ހޯދައިދިނުމަށް އަލީ ވަހީދު ނިސްބަތްވާ އއ. ތޮއްޑޫ ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި އެދިއްޖެ އެވެެ.

އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ސަރުކާރު ނިސްބަތްވާ އެމްޑީޕީން ކެމްޕެއިން ކުރުމަށްޓަކައި ރަށްވެހި ފަތިސް ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމްތަކާއިއެކު ބާއްވާ ބައްދަލުވުމުގައި އއ. ތޮއްޑޫ އެމްޑީޕީގެ ކެނޑިޑޭޓުންނާއި ވަނީ ބައްދަލުކޮށްފައެވެ. 

އެ ބައްދަލުވުމުގައި ތޮއްޑޫ ކައުންސިލުން ވަނީ މިވަގުތު ރަށަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލަތަކާއި ބެހޭގޮތުން ރައީސް އަށް ދަންނަވާ އެކަންކަން ހައްލުކޮށްދިނުމަށް އެދިފައެވެ. އެގޮތުން ހައްލުކޮށްދިނުމަަށް އެދުނު ކަންތައްތަކުގެ ތެރެއިން ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައަށް އަވަސް ރަނގަޅު ހައްލެއް ހޯދައިދިނުމަށްވެސް ވަނީ އެދިފައެވެ. 

" ކުރީގެ ޓްއަރިސަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައަށްވެސް އަވަސް ރަނގަޅު ހައްލެއް ލިބިގެންދިޔުން އެއީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް" -ތޮއްޑޫ ކައުންސިލް-

ރައީސް ވަނީ އެ ކައުންސިލްއިން ފާހަގަކުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަތައް ހައްލުކޮށްދެއްވުމަށް މިހާރު ކުރަމުންދާ މަސައްކަތްތައްވެސް ރައީސް ވަނީ ތަފްސީލް ކޮށްދެއްވާފައެވެ. ނަމަވެސް ކައުންސިލުން އަވަސް ރަނގަޅު ހައްލެއް ހޯދައިދިނުމަށް އެދުނު އަލީ ވަހީދުގެ މައްސަލައަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އަދި އެކަން ކައުންސިލުން އެދުނު ކަންކަމުގެ ތެރޭގައި ހިމަނައި އެެކަން އެއްވެސް ވަރަކަށް ފާހަގަކޮށްފައެއްވެސް ނުވެއެވެ. 

ތޮއްޑޫ ކައުންސިލުން އަލީ ވަހީދުގެ މައްސަލައަށް އަވަސް ރަނގަޅު ހައްލެއް ހޯދައިދިނުމަށް އެދުނުއިރު، އަލީ ވަހީދަކީ ތޮއްޑޫއަށް ނިސްބަތްވާ ބޭފުޅެކެވެ. އަދި އޭނައަކީ ޓްއަރިސަމް މިނިސްޓަރު ކަމާއި ހަވާލުވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ތޮއްޑޫ ދާއިރާ ތަމްސީލް ކުރެއްވި މެންބަރެއްވެސް މެއެވެ. 

އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކެއް ކުރުމަށް ފަހު ޓުއަރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ރައީސް އޮފީހަށާއި، ޖެންޑާ މިނިސްޓްރީއަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހެޅުމުން މަގާމުން އިސްތިއުފާ ދިނުމަށް އަލީ ވަހީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވި އެވެ.

 މަގާމުން އިސްތިއުފާ ނުދިނުމުން ރައީސް އަލީ ވަހީދު މަގާމުން ދުރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި 9 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި އަލީ ވަހީދު ދިރިއުޅޭ ގެ ބަލާއި ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި މައްސަލައިގެ ތަހުގީގަށް އަލީ ވަހީދު ފުލުހަށް ވެސް ހާޒިރުކޮށްފައިވެ އެވެ. އަދި އޭގެ ފަހުން އެމަހުގެ 12 ވަނަ ދުވަހު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ފުރުން ވެސް މަނާ ކުރިއެވެ. އޭގެ ފަހުން ހަތް މަސް ވެގެން ދިޔަ އިރުވެސް އެ މައްސަލައިގައި އޭނާގެ މައްޗަށް ފިޔަވަޅެއް ނޭޅުނުތާ އެތައް މުވައްޒަފުންނެއްގެ ޝަކުވާތަކަށް ފަހު ވެސް އޭނަ ހުރީ ބަންދުކުރުމެއް ނެތި މިނިވަންކަން މަތީ ގެޔަށް ދޫކޮށްލެވިފައެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ކޯޓުން އެ އަމުރު ބާތިލުކޮށް އަލުން ޕާސްޕޯޓް ހަވާލުކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިދިޔަ މަހު 10 ގަ އެވެ. 

ޕީޖީ އޮފީހުން ވަނީ އަލީ ވަހީދު ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރިއިރު، އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތަކަކީ، ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އަދި ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން ވެސް ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި، އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ކުރެ އެވެ.

ނަަމަވެސް އަލީ ވަހީދު ވަނީ ޖިންސީ ފުރައްސާރައިގެ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް