ads
ރައީސް މުހައްމަދު ނަޝީދު--
ފްލެޓް ކޮބާހޭ ބުނާއިރު ފްލެޓަށްވީ ގޮތް އެނގޭ: ނަޝީދު
އިދިކޮޅު ފަރާތްތަކުން ފްލެޓް ކޮބާތޯ ސުވާލުކުރަމުންދާއިރު ފްލެޓަށްވީ ގޮތް މާލޭ ސަރަހައްދުގައި ދިރުއުޅޭ އެންމެނަށް ވެސް އެނގޭ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހުޅުމާލޭ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ، ރިޒްނާ ޒަރީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ "މަގޭ ފްލެޓް ކޮބާތޯ" ސުވާލުކުރަމުންދާ އަޑުގަދަވެފައިވާ ކަމަށެވެ. 

އެ ފްލެޓްތަކަށްވީ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ވެސް ފްލެޓަށްވީ ގޮތް އެނގޭ ކަމަށެވެ. އެގޮތުން 7000 ފްލެޓަށް އިއުލާންކުރިއިރު އޭރުގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް އިދިކޮޅުން ވާދަކުރައްވާ، ޑރ. މުހައްމަދު މުއިއްޒު ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި މާލޭގެ ދަފްތަރަށް 1972 މީހަކު ޖައްސާފައި ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ އެ އަހަރުގެ ތެރޭގައި މާލޭގެ ގޭތަކަށާއި ދަފްތަރުގައި ގިނަ ބަޔަކު ޖެހިފައިވާކަމަށާއި އާންމުކޮށް ދަފްތަރުގައި ޖެހެނީ 100 އެއްހާ މީހުން ކަމަށެވެ. 

"އެހެންނަމަވެސް 2018 ވަނަ އަހަރު އޭރުގައި އެ ތިއްބެވި ބޭފުޅުން ހިންގެވި ޖަރީމާއަކީ މި ދެންނެވި 1974 މީހުން މާލޭގެ އެތަން މިތަނުގައި ޖެއްސި. ޖައްސާފައި ދިރިއުޅުމުގެ ހާލަތަށް ނުބަލާއި އޭގެ ތެރެއިން އެތައް ބަޔަކަށް ފްލެޓް ދިނީ. އެއީ މަގޭ ފްލެޓަށްވީ ގޮތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ފްލެޓް ކޮމިޓީއެއް އުފައްދަވާއި ކަންކަން ހިނގި ގޮތް ބެލުމުން މާބޮޑަށް ވެސް މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ސިވިލް ސާވިސް ކެޓަގަރީން އެއްހާސް މީހުންނަށް ފްލެޓް ދީފައި ހުރީ ދިރިއުޅުމުގެ ހާލަތަށް ނުބަލާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ "މަގޭ ފްލެޓް" އަށްވީ ގޮތަކީ އެއީ ކަމަށެވެ. 

އެ މައްސަލަ ކޮމިޓީން ބަލަމުންއަންނަކަން ފާހަގަކުރަމުން ރައީސް ނަޝީދު ވިދާޅުވީ، މިހާރު އެކޮމިޓީން ވަނީ ފްލެޓް ހައްގުވާނެކަމަށް "ބެލެވޭ" ބައެއްގެ ލިސްޓު އާންމުކޮށްފައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހާއި ހައުސިން މިނިސްޓްރީން ވެސް އެ ލިސްޓު ފުރިހަމަކޮށް، ހަގީގަތުގައި ވެސް މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަން ހައްގުވާ މީހުން ބަލާނެ ކަމަށެވެ. އަދި މާލަސްތަކެއް ނުވެ 7000 ފްލެޓްގެ ހައްގުވެރިންނާ ހަވާލުކުރެވޭތަން ފެނިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

އޭގެ އިތުރުން ހުޅުމާލޭ ބިމުގެ ދެ މިލިއަން އަކަ ފޫޓު ބިން، އޮތީ އެކި އެކި ކޮންޓްރެކްޓްތަކާއި ގުޅިގެން ހުއްޓި ތާށިވެފައިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ބޯހިޔާވަހިކަން ފޯރުކޮށްދޭން އޮތް ޖާގަ، ތަޅުލެވިފައިވާކަމަށެވެ. 

"މިރަށުގެ (ހުޅުމާލެ) ބޮޑު ބައި މިހާރު މިއޮތީ ތާށިވެފައި،" އެތާށިކަމުން ހުޅުމާލޭ ސަލާމަތްކުރެވޭނެކަން ފާހަގަކުރައްވާ ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެފަދަ ކޮންޓްރެކްޓްތައް ބާތިލުކޮށް، އެހެން ބަޔަކާއި ހަވާލުކޮށްގެން އެ މައްސަލައަށް ހައްލެއް ހޯދަން ސިޓީ ކައުންސިލުން މަސައްކަތްކުރާނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް